މޯލްޑިވްސް ޕޮލިސް ސާވިސް

ލަންކާ ހަމަލާތަކުގައި ދިވެއްސަކު ބައިވެރި ނުވޭ: ކޮމިޝަނާ

ސްރިލަންކާގެ ފަސް ސަރަހައްދެއްގައި މިއަދު ދިން ބޮމުގެ އަށް ހަމަލާގައި ދިވެއްސަކު ބައިވެރިވެފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ކޮމިޝްނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީލަންކާގައި މިއަދު ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަހު ސިފައިންނާއި ފުލުހުން ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުގައި ކޮމިޝަނާ ވިދާޅުވީ ހަމަލާތަކާ ގުޅިގެން މިހާތަނަށް ފުލުހުން ބެލިބެލުމުން އެއްވެސް ދިވެއްސަކު އެ ހަމަލާތައް ދިނުމުގައި ބައިވެރިވެފައިވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެއްފަދަ އެއްވެސް މައުލޫމާތެއް ވެސް ލިބިފައިނުވާ ކަމަށެވެ.

"ސީދާކޮށް ދިވެހިންނާ މި ހަމަލާތަކާއި ގުޅުން އޮތް ކަމުގެ މައުލޫމާތެއް ނެތް،" ހަމީދް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ލަންކާގައި ގިނަ އަދަދަކަށް ދިވެހި ދިރިއުޅޭއިރު، ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް އެންމެ ފަހުގެ މައުލޫމާތު އަބަދުވެސް ހޯދަމުން ގެންދާ ކަމަށެވެ.


ހަމީދު އިތުރަށް ވިދާޅުވީ، މިއަދު ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން މާލޭ ސަރަހައްދުގެ ސެކިއުރެޓީ ބެލެހެއްޓުން ވެސް ކުރިޔަށްވުރެ ވަރުގަދަ ކޮށްފައިވާ ކަމަށާއި ރާއްޖޭގެ އިގްތިސޯދު މުޅިހެން ޓޫރިޒަމަށް ބިނާވެފައި ވުމުން ރިސޯޓުތަކުގެ ސެކިއުރެޓީ ބެލެހެއްޓުމާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓިރީއާއި ގެސްޓް ހައުސްތަކާއެކު ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އިތުރަށް ވިދާޅުވި، ސޯޝަލް މީޑިއާތަކުގައި ބައެއް ފަރާތްތަކުން ހަމަނުޖެހުމަށް މަގު ފަހިވާގެން ކޮމެންޓް ކުރަމުންދާ ކަމަށާއި ހަމަޖެހުން ނަގާލަން ހިތްވަރުލިބޭފަދަ ކޮމެންޓްތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.