ހަބަރު

އަމީނިއްޔާ ޑައިމަންޑް ޖުބްލީއަށް ހާއްސަ ފުޓްބޯޅަ މެޗްތަކެއް

އަމީނިއްޔާ ސްކޫލަށް 75 އަހަރުގެ ޑައިމަންޑް ޖުބިލީ ފާހަގަ ފުރުމުގެ ގޮތުން އެ ސްކޫލްގެ ކުރީގެ ދަރިވަރުންގެ އިސް ނެގުމާއެކު ދެ ފުޓުބޯޅަ މެޗެއް އަންނަ ހޮނިހިރު ދުވަހު ރޭ ކުޅެން ހަމަޖެހިއްޖެ އެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ޗީފް ގެސްޓަކަށް ވަޑައިގަންނަވާ މި ދެ މެޗް އޮންނާނީ އެ ރޭ 8:00 ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ. ފުރަތަމަ ކުޅޭ މެޗަކީ، އަމީނިއްޔާގެ މުސްކުޅި ދަރިވަރުންގެ މެދުގައި ބާއްވާ މެޗެކެވެ. ދެވަނަ މެޗު ކުޅޭނީ އަމީނިއްޔާގައި މިހާރުގެ ދަރިވަރުންގެ ތެރެއިން 13 އަހަރުން ދަށުގެ ކުދިންނާއި 16 އަހަރުން ކުދިންނެވެ. އެ ޓީމާ ވާދަ ކުރަނީ އަމީނިއްޔާގައި ކިޔަވާދޭ ފިިރިހެން ޓީޗަރުންގެ ޓީމެކެވެ.

އަމީނިއްޔާގެ އަހަަރީ ދުވަހާ ގުޅުވައިގެން ބާއްވާ މި މެޗުތައް ބަލަން އަމީނިއްޔާގައި ކިޔެވި އެންމެ ފުރަތަމަ ބެޗުގެ ދަރިވަަރުން ބައިވެރިވާނެ އެވެ. އަދި، މީގެ ކުރިން އަމީނިއްޔާގައި ކިޔަވައިދީފައި ހުރި ޓީޗަރުންނާއި މިހާރު ވެސް ކިޔަވައި ދެއްވާ ޓީޗަރުން ބައިވެރިވާނެ ކަމަށް ވެސް މި ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.

މި މެޗްތައް ބަލަން އާއްމުންނަށް ވަނީ ހުޅުވާލާފަ އެވެ. އަދި، ސަޕޯޓު ކުރަން ދާއިރު އަމީނިއްޔާގެ ކުލަ، ފެއްސާއި ހުދު ރަމްޒުވާނެ ހެން ހެދުން އަޅައިގެން ދިއުމަށް ވެސް އެ އެވެ.

ހާއްސަ ދެ މެޗުގެ އިތުރުން މި މަހު 30 ވަނަ ދުވަހު ސްކޫލަށް ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް އޮންނާނެ އެވެ.

އަމީނިއްޔާ ސްކޫލަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލްތަކުގެ ތެރެއިން ސްކޫލެކެވެ. ހަމައެކަނި އަންހެން ކުދިންނަށް ހާއްސަކޮށްގެން ހިންގި މި ސުކޫލަކީ މުޅި ގައުމަ ފަހުރުވެރިވާ އެތަށް ދަރިވަރުންގެ ތައުލީމީ ބިންގާއަޅައި ދިން ސްކޫލެވެ. މިހާރު އަމީނިއްޔާގައި ދެ ޖިންސުގެ ކުދީން ކިޔަވަ އެވެ.