ހަބަރު

ޔާމީނާގުޅޭ ރައީސްގެ ޓްވީޓުން ހިތްހަމަޖެހުން!

ބްލޮގާ ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލިތާ މިއަދަށް ދެ އަހަރު ފުރޭއިރު އެކަމާ ގުޅުވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓަކުން ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބިއްޖެ އެވެ.

ރައީސް ސޯލިހު މިއަދު ޓްވިޓާގައި ލިޔުއްވީ "ދުލެއް ނުކުރާނަން" ކަމަށެވެ. އަދި އެއާއެކު، ޔާމީން ރަޝީދުގެ އެންމެ ފަހުގެ ޓްވީޓްގައި ހިމަނާފައިވާ ރަތް ފުއްޕާހަން ރައީސް ސޯލިހު ވެސް މިއަދުގެ ޓްވީޓްގައި ހިމެނުއްވި އެވެ.

"ދުލެއް ނުކުރާނަން" އެ ޝިއާރަކީ ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރާ ކެމްޕެއިންގެ ޝިއާރެކެވެ. އެ ޝިއާރު އުފެދިގެން އައިސްފައިވަނީ ވެސް ޔާމީން ރަޝީދުގެ ޓްވީޓްތަކުންނެވެ.

"ޑޯންޓް ލެޓް ދިސް ގޯ... ދެޓް އިސް ނޮޓް ނޯމަލް،" ޔާމީން ރަޝީދު މަރާލުމުގެ ފަސް މަސް ކުރިން އެކުވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އާއި އެހެން މަރުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވެއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓާއެކު، އެމަނިކުފާނަށް ގިނަ ބަޔަކު ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި އެމީހުން ރައީސް ސޯލިހަށް ވޯޓް ދިން ސަބަބަކީ އެއީ ކަމަށާއި އެގޮތުގައި ދެމިހުންނަވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައިވެ އެވެ. ޔާމީން އާއި ރިލްވާންއަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ވެސްމެ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް އުފުލި އެވެ. އެއީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށްވެ އެވެ. އެ މައްސަލާގެ ޝަރީއަތް އަދިވެސް އޮތީ ކުރިމިނަލް ކޯޓުގަ އެވެ. ދެ އަހަރުވީއިރު، ޔާމީންގެ މަރަށް އިންސާފެއް ނުލިބެ އެވެ. އަދި ޔާމީންގެ ގަތުލްގެ މަގުސަދެއް އަދިވެސް ފުލުހުންނަށް ބުނެ ނުދެވެ އެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ އެ މަރުގެ ފަހަތުގައި ތިބި މީހުންނާއި މޯޓިވް ހޯދާފަ އެވެ. އެ ކޮމިޝަނަކީ ރައީސް ސޯލިހުގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު އުފެއްދެވި ކޮމިޝަނެކެވެ.

އެކަމަކު، އެ ކޮމިޝަނަށް ވެސް ބޭނުންވި ބާރުތަކެއް ނުލިބުނެވެ. ބާރު ދޭން ރައްޔިތުންގެ މަޖިލީހުން ވަނީ ދެކޮޅު ހަދާފަ އެވެ. ކުރިއެރުންތައް ލިބުނަސް، މައްސަލަ ސާބިތު ކުރަން ދަތިވާނެކަން ކޮމިޝަނުން ވެސް ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ އަންނަ މަޖިލީހަށް ކޮމިޝަންތަކަށް ބާރު ދޭ ބިލް އަލުން ހުށަހެޅުމަށް ނިންމަވާފަ އެވެ. އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.