ޓެކްނޯލޮޖީ

ސެމްސަންގުގެ ފަތްޖެހޭ ފޯނު ނެރުން ފަސްކޮށްފި

ސެމްސަންގް ކުންފުނިން މި އަހަރު ނެރެން ހަމަޖައްސާފައިވާ "ގެލެކްސީ ފޯލްޑް" ނުވަތަ ފަތްޖެހި ފޯނު މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ބާޒާރަށް ނެރެން އޮތީ ނިންމާފަ އެވެ. ނަމަވެސް، މި ފޯނުތަކުގެ ސްކްރީން ތަޅައިގެންދާ މައްސަލަތައް ދިމާވެ ޓެސްޓް ބުރުގައި ފޯނުތައް ގަތް މީހުންގެ ޝަކުވާތައް ބޮޑުވުމުން ފޯނު ނެރުން ވަނީ ފަސްކޮށްފަ އެވެ.

ސެމްސަންގުން ފަތްޖެހޭ ފޯނެއް ނެރެންތައްޔާރު ވަމުން ދިޔަ އިރު ގިނަ ބަޔަކު މުޅި މި އަހަަރުވެސް އެކަމަށް އިންތިޒާރު ކުރި އެވެ. ނަމަވެސް، ރަސްމީކޮށް ބާޒާރަށް ނެރުމުގެ ކުރިން ވިއްކި ފޯނުތަކުގައި މައްސަލަ ދިމާވެ މުޅި މި ހަފުތާ ފެށިގެން އައީ ގެލެކްސީ ފަތްޖެހި ފޯނުގެ ޝަކުވާތަކާ އެކު އެވެ.

ފޯނު ޓެސްޓް ކުރި ބައެއް މީހުން ވަނީ ފޯނު ބޭނުން ކުރަން ފެށިތާ އެންމެ ދުވަހެއްގެ ތެރޭގައި ފޯނު ޑިސްޕްލޭ ހަލާކުވާ މައްސަލައާ ކުރިމަތިވެފައެވެ. ސޯޝަލް މީޑިއާ އާއި އެކި ވެބްސައިޓުތަކުގައި ފޮޓޯ އާއި ވީޑިއޯ ވެސް ހިއްސާ ކުރި އެވެ.

މިކަމާ ގުޅިގެން ސެމްސަންގުން ބުނީ ގެލެކްސީ ފޯލްޑް ނެރޭނީ ދިމާވި ކަމަށް ބުނާ ހުރިހާ މައްސަލަތަކެއް ބަލައި، އެެހެން މީހުންގެ ފީޑްބެކް އަޑު އަހައި އިތުރު ޓެސްޓުތަކާއެކު ޔަގީން ކުރުމަށްފަހު އެވެ. އަދި، އެ ފޯނަށް ޕްރީއޯޑާ ކުރި ފަރާތްތަކަށް ސެމްސަންގް ކުންފުނިން ވަނީ އީމެއިލްކޮށް އިތުރު ދެހަފްތާ ދިނުމަށް އެދިފަ އެވެ.

ފޯނަށް ދިމާވި މައްސަލަތަކުގެ ވާހަކައާއެކު ފޯނު ރިލީޒް ކުރުމަށް ހޮންގްކޮންގާއި ޝަންހާއީގައި ރޭވި އިވެންޓްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ގެލެކްސީ ފޯލްޑްގެ އަގުތައް ފެށެނީ 2،000 ޑޮލަރަށް ވުރެ ބޮޑު ކަމަށް އެކި ހަބަރުތަކުގައި ބުނެފައިވެ އެވެ.