ބޮލީވުޑް

"ތޭރޭ ނާމް" ދެވަނަ ބަޔަކަށް

ސަލްމާން ޚާންގެ ކާމިޔާބު ފިލްމު "ތޭރޭ ނާމް" ގެ ދެވަނަ ބައެއް އުފައްދަން ނިންމައިފި އެވެ.

ދެހާސް ތިނެއްގައި ރިލީޒްކުރި، އަސަރުގަދަ ލޯބީގެ މި ފިލްމަކީ ގިނަ ބަޔެއްގެ ސަމާލުކަން ހޯދި ފިލްމެކެވެ. މި ފިިލްމުގެ ދެވަނަ ބައެއް ހަދަން ނިންމާފައިވީ ނަމަވެސް، ދެވަނަ ބައި ނެރޭނީ އާ ކާސްޓަކާއެކު އެވެ.

ފިލްމުގެ ދެވަނަ ބައި ހަދަން އްޔާރު ވަމުން އަންނަ ކަން ކަށަވަރު ކޮށްދެމުން، ފިލްމުގެ ޑައިރެކްޓަރު ސަތިޝް ކޯޝިކް ބުނީ މި ފަހަރު ވެސް އޮތީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއް ކަމަށެވެ. އަދި، މިހާރު ފިލްމުގެ ސްކްރިޕްޓު ތައްޔާރު ކުރަމުންދާ ކަމަށެވެ.

ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި "ތެރޭ ނާމް 2" މުޅިން ތަފާތު ކާސްޓަކާއެކު ގެނެސް ދޭން ނިންމި ނަމަވެސް، ސަލްމާންގެ ހާއްސަ ފެނިލުމެއް ފިލްމުގައި ހިމެނޭނެ އެވެ.

ތަމަޅަ ފިލްމު "ސެތޫ" އަށް ހަދާފައިވާ "ތޭރޭ ނާމް" އަކީ ސަލްމާންގެ އެެންމެ މޮޅު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. ހާއްސަކޮށް ސަލްމާން ކުޅެފައިވާ ރޯލަށާއި މުޅި ފިލްމުގައި ވެސް އޭނާ ދެއްކި ކެރެކްޓާއަށް ތައުރީފު ކުރި އެވެ. އެ ފިލްމުގައި ބަތަލާގެ ރޯލް ކުޅުނީ ސައުތުގެ މަޝްހޫރު ބަތަލާ ބޫމީ ޗާވްލާ އެވެ.

ފިލްމުފެއާގައި ހަތް އެވޯޑް ގެންދިޔަ "ތެރޭ ނާމް" އަކީ ބޮކްސް އޮފީހުގައި 24.54 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ބޮޑު ފައިދާއެއް ހޯދި މި ފިލްމު އުފެއްދީ އެންމެ 10 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ.

"ތެރޭ ނާމް" ގެ ސީކްއެލްއެއް ހަދަން ސަތިޝް ތައްޔާރުވަމުން އަންނަ އިރު، ފިލްމު ނެރޭނެ ތާރީހަކާއި ޝޫޓިންގް ފަށާނެ ދުވަަހެއް އަދި އިއުލާނެއް ނުކުރެ އެވެ.