ހަބަރު

ޑީޖޭއޭއަށް ހާޒިރުކުރުމުން ވެސް ސިރާޖު ވިދާޅުވީ ފަނޑިޔާރުން ވަކިކުރަންޖެހޭ ކަމަށް

ފަނޑިޔާރުގެ އިސްލާހުކުރުމަށްޓަކައި ފަނޑިޔާރުން ވަކި ކުރަންޖެހޭ ކަމަށް ޓުވިޓާގައި މޫސާ ސިރާޖް ވިދާޅުވި ވިދާޅުވުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ތަކުރާރު ކުރައްވައިފި އެވެ.

23 އެޕްރީލް 2015 ގައި ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ފޮނަދޫ ދާއިރާއަށް މިހާރު އިންތިހާބުވެފައިވާ ގާނޫނީ ވަކީލު މޫސާ ސިރާޖު ކުރެއްވި ޓުވީޓަކާއި ގުޅިގެން ސްޕްރީމްކޯޓުން ވަނީ އެނާ މިއަދު އެކޯޓުގެ ބެލުމުގެ ދަށުން ހިންގަމުންގެންދާ ޑީޖޭއޭއަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. ސިރާޖު ހާޒިރު ކުރީ އޭނާ ކުރެއްވި ޓުވީޓްގައި ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށާއި، ހާއްސަކޮށް، ސްޕްރީމް ކޯޓުގައި ތިބި ކޮރަޕްޓް ފަނޑިޔާރުން ވަކިކޮށްގެން ކަމަށެވެ. އަދި ފަނޑިޔާރުގެ އިސްލާހުކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރެވެންހުރި ހުރިހާކަމެއްގައި ބައިވެރިވާނެ ކަމަށެވެ.

އެމައްސަލައާއި ގުޅިގެން ސިރާޖު ޑީޖީއޭއަށް ހާޒިރުކުރުމުން އޭނާ ވަނީ އެ ޓްވީޓަކީ އޭނާ ކުރައްވާފައިވާ ޓުވީޓެއް ކަމަށާއި، އެޓްވީޓުގައި ބުނެފައިވާ ގޮތަށް ފަނޑިޔާރުގެ އިސްލާހު ކުރުމަށްޓަކައި ފަނޑިޔާރުން ވަކިކުރަންޖެހޭކަން ފާހަގަ ކުރާކަމަށެވެ. އަދި ދައުލަތުގެ ބާރުތަކުގެ އެކުލެވޭ މަގާމުތަކުގެ ތެރެއިން މަގާމެއްގައި ހުންނަ މީހަކު، ކަން ކުރާގޮތް ކަމުނުދާ ނަމަ، އެވާހަކަ ދައްކަން ޖެހޭ ކަމަށާއި، ހަމަ އެގޮތަށް ފަނޑިޔާރުން ކަންކުރާގޮތާމެދު ހިތްހަމަ ނުޖެހޭނަމަ ފަނޑިޔާރުން ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި އެހެން ބުނުމަކީ ކޯޓުގެ ހުރުމަތްކެނޑުން ނޫން ކަމަށެވެ.

ފަނޑިޔާރުގެއަށް ބަޔަކު ނުކުރާ އިތުބާރެއް އޭނާ ބުނެގެން ނުގެއްލޭނެ ކަމަށާއި، އިތުބާރު ކުރެވޭގޮތަށް ޖުޑީޝަރީ އަލުން އެކުލަވާލުމަކީ ކުރަންޖެހޭކަމެއް ކަމަށް ސިރާޖުވަނީ ވިދާޅުވެފަ އެވެ. އަދި ފަނޑިޔާރުން ކަނޑައެޅިގެން ގޯސްކޮށް ކަންކަން ކުރާއިރު ފަނޑިޔާރުން ވަކިނުކޮށް ތިބެގެން ނުވާނެ ކަމަށާއި، ޕްރޮސީޖަރގެ ތެރެއިން އެކަން ކުރަންޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށް ކެމްޕޭނުކުރި އިރު އަދި 2018 ގެ ރިޔާސީ އިންތިޚާބުގައި ކެމްޕެއިން ކުރިއިރު އޭނާއާއި ދިމާވި ކޮންމެ މީހަކުވެސް ކޯޓުތަކަށް އިތުބާރު ކުރެވޭ ގޮތަށް ކޯޓުތައް އަތުރާލަ ދިނުމަށް އާދޭސް ކުރިކަމަށާއި، ފަނޑިޔާރުންނަށް އިތުބާރު ނުކުރެވޭތީ ފަނޑިޔާރުން ބަދަލުކޮށް ދިނުމަށް އެދުނު ކަމަށެވެ. އަދި މިހާތަނަށް އޭނާއާއި ދިމާވި އެއްވެސް ކްލަޔަންޓެއް ކޯޓުން އިންސާފު ލިބޭނެކަމަކަށް ޤަބޫލެއް ނުކުރާކަަމަށް އޭނާވަނީ ވިދާޅުވެފަ އެވެ.

އެޓްވީޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ކޮރަޕްޓް ބައެއްކަމަށް ބުނެފައި އެވަނީ އެއްވެސް ޙާލެއްގައި ފައިސާ ނެގުމުގެ މާނައިގައި ނޫން ކަމަށާއި، އެއީ ނުލިބޭ ބާރު ބޭނުންކުރުމާއި އިޖުރާޢަތާ ޚިލާފަށް ޢަމަލު ކުރާތީ އެމާނައިގައި ބުނެފައިވާ ވާހަކައެއް ކަމަށާއި، ޓްވީޓްގެ ލިމިޓް ހަމަވުމުން އިތުރަށް ނުލިޔެވުނުނަމަވެސް އޭނާ ގަބޫލުކުރަނީ އާއްމު ފަރުދުންނަށް އޭނާ ބުނި އެއްޗެއް އިނގޭނެ ކަމަށެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކޮރަޕްޓް ކަމަށް ބުނަންޖެހޭ ސަބަބުތަކުގެ ތެރޭގައި އިޖުރާއަތާ ޚިލާފަށް ޢަމަލުކޮށް ފައިލު އުފުލުމާއި ސޫމޯޓޯ މައްސަލަ ކުރިއަށް ގެންދިއުން ހިމެނޭ ކަމަށާއި، އެއްވެސް ހާލެއްގައި ސޫމޮޓޯ ވެގެން ސުޕްރީމް ކޯޓަށް މައްސަލަ ކުރިއަށް ގެންދެވިދާނެކަމަކަށް އޭނާ ގަބޫލު ނުކުރާކަމަށެވެ. އަދި ދަށު ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގެ ފައިލް އުފުލި ދާނެކަމަކަށްވެސް ގަބޫލު ނުކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސިރާޖް އިތުރަށް ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ޙުކުމްތަކުގައި ވަރަށް ގިނައިން ޤާނޫނު އަސާސީގެ ބެލެނިވެރިފަރާތޭ ލިޔެފައި އޮންނަ އޮތުމަކީ ނުލިބޭ ބާރު ބޭނުންކުރުންކަމަށާއި، ގާނޫނުއަސާސީގެ ދަށުން އުފެދުނު ތިންބާރުގެ ތެރެއިން ހިމެނޭ އެއްބާރު ވެރި ފަރާތް ގާނޫނު އަސާސީގެ ބެލެނިވެރިކަން ނަގާނެ ގޮތެއް ގަބޫލެއް ނުކުރެވޭކަމަށެވެ. ހަމައެގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ދަށަށް ގެނައިގެނައުން އެއީވެސް އިޖުރާއަތަކާ އެއްގޮތަށް ކޮށްފައިވާ ކަމެއްކަމަކަށް ގަބޫލު ނުކުރާކަމަށާއި، އެފަދަ ސަބަބު ތަކާހުރެ އެއީ ކޮރަޕްޝަން ކަމުގައި ބުނަންޖެހޭކަމަށް ސިރާޖް ވަނީ ވިދާޅުވެފަ އެވެ.