ހަބަރު

ތިނަދޫގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައި ބިނދިއްޖެ

Apr 26, 2019

ގދ. ތިނަދޫދައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:20 ހާއިރު ތިނަދޫ ޗާންދަނީ މަގުން ސައިކަލެއް ދަނިކޮށް އެ މަގުގައި އޮތް ޕިކަޕެއް ފަތަހަށް ޖެހި ވަގުތު އެ ޕިކަޕްގައި ސައިކަލް ޖެހި ކޮންޓްރޯލް ނުވެ ފާރެއްގައި ޖެހިފައިވާ ކަމަށެވެ. އެ ހާދިސާގައި ސައިކަލު ދުއްވަން އިން 20 އަހަރުގެ މީހަކަށާއި 22 އަހަރުގެ މީހަަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފަައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ސައިކަލު ދުއްވަން އިން މީހާގެ ބޮލުގެ ކަނާތް ފަރާތުން ފަޅައިގެން ގޮސްފައިވާއިރު އޭނާގެ ކަނާތުފައިގެ ފަލަ މަސްގަނޑާ ދިމާއިން ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް އެ ރަށުގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ސީރިޔަސް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސައިކަލު ފަހަތުގައި އިން މީހާއަށް ވެސް އަނިޔާވި ކަމަށާއި އޭނާގެ މޫނުމަތިން ހަން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަން އިން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މިހާތަނަށް ބެލިއިރު ސައިކަލު ދުއްވަން އިން މީހާ އަތުގައި ޑްރައިވިން ލައިސެންސް އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.