ރިޕޯޓް

ފިސްތޯލަ މައްސަލަ: ނުފޫޒުގެ އެންމެ ބޮޑުހެކި!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ފަހުގެ ތާރީހުގައި ރާއްޖޭގެ ސިޔާސީ މަސްރަހުން ފެނުނު އެންމެ ޝައުގުވެރިކަންބޮޑު އެންމެ އާދަޔާހިލާފު ޝަހުސިއްޔަތެވެ. އާދައިގެ މަގާމަކުން ނައިބު ރައީސް ކަމުގެ މަގާމަށް ވަޑައިގަންނަވަން ނެގީ ވެސް ކުޑަ ދުވަސްކޮޅެކެވެ. އޮފީސް ޑްރާމާއަކުން ފެނުނު "ކުއްޖާ" ގައުމުގެ ނައިބު ރައީސް ކަމަށް އަތުވެދާނެ ކަމަށް ހީކުރި އެކަކުވެސް ނެތެވެ.

އަދީބަކީ ވަކި ފަރުދެއްގެ މައްޗަށް އެންމެ ގިނަ ދައުވާތައް ރާއްޖޭގެ ކޯޓުތަކުގައި އުފުލިފައިވާ ފަރާތެވެ. އޭގެ ޖިނާއީ ބައެއް މައްސަލަތައް ސާބިތުވާކަމަށް ނިންމާ ހުކުމްތަކެއް ވެސް ވަނީ ކޮށްފަ އެވެ. މިހާތަނަށް 33 އަހަރުގެ ޖަލު ހުކުމް އަދީބުގެ މައްޗަށް ވަނީ އިއްވާފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަހުރުވައިންނަމަ އަދީބަކީ ރައީސް ޔާމީންގެ ސަރުކާރުގައި އޭނ އެޅުވި "ފަންޏެ" ކެވެ.

އަދީބުގެ ޝަރީއަތަކަކީ ވަރަށް ރަނގަޅަށް މީހުން ފޮލޯ ކުރަމުން އައި ޝަރީއަތްތަކެކެވެ. އޭރުވެސް ގާނޫނީ ވަކީލުން ދައްކަމުން އައި އެއްވާހަކައެއް އޮތެވެ. އެއީ އަދީބުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުން ހިންގާފައިވަނީ ޝަރީއަތް ކުރުމުގެ އިޖުރާތުތަކާއި ހިލާފަށެވެ. ފުލުހުންގެ މުއައްސަސާއާއި، ޕީޖީއަށް ނުރަނގަޅު ނުފޫޒުތަކެއް އޭރު ފޯރުވަމުން އައި ވާހަކަ އެވެ. އެބޭފުޅުން އޭރު ދެއްކެވި ވާހަކަތަކަށް ބާރު ލިބިދޭ އެންމެ ބޮޑު އެއް ހެއްކަކީ އިއްޔެ ސުޕުރީމްކޯޓުގައި އޮތް އަދީބުގެ އިލްތިމާސް މައްސަލައެއްގެ ޝަރީއަތެވެ.

ސެޕްޓެމްބަރު 28، 2015 ވެގެންދިޔައީ ތާރީހީ ދުވަހަކަށެވެ. އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ފުރާނަފުޅަށް ގެއްލުމެދޭން ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ދުވަހެވެ. އެކަން އެގޮތަށް ހިނގި އެވެ. އަދި އެކަން ކުރެއްވީ އަދީބު ކަމަށް އޭރު ދައްކަމުންގެންދިޔަ ވާހަކަތަކުގެ އަޑުތައް ގަދަވެފައި ވަނިކޮށް ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އޭނާ ރާއްޖެ ވަޑައިގަތް ވަގުތު ހައްޔަރުކޮށް ދައުވާތައް ފެށީ އެވެ.

އެންމެ ފާހަގަކޮށްލެވޭ އެއް ދައުވާއަކީ ތިން މީހަކު ބުނި ބުނުމެއްގެ މައްޗަށް އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަމަށްބުނެ ކުރި ޓެރަރިޒަމްގެ ދައުވާއެވެ. އެ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ހިންގައި އަދީބަށް ހުކުމް އިއްވި އެވެ. ފަހުން އިސްތިއުނާފުގައި ހައިކޯޓުން އެ ހުކުމަށް ތާއީދު ކުރި އެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން އެފަދަ ހަތިޔާރު ގެންގުޅެވެނީ ސަލާމަތީ ހިދުމަތްތަކަށް އެކަންޏެވެ. އަދީބުގެ މައްސަލަ ސްޕްރީމްކޯޓުގެ އިލްތިމާސަށް ދިޔައިރުވެސް އެ ފިސްތޯލަ ފުލުހުންނަށް ހޯދިފައެއް ނުވެއެވެ. އެހެން ކަމުން މީހެއްގެ އަތުގައި ފިސްތޯލައެއް އޮތްކަން ޔަގީންކުރެވި، އެ ފިސްތޯލަ ހޯދުމަކާ ނުލައި އެމީހާގެ މައްޗަށް ދައުވާ ކުރަން ފޮނުވި ފޮނުވުމަކީ ފުލުހުންވެފައި އޮތް އިހުމާލެވެ.

ދެ ގޮތަކަށް މިވާހަކަ ނެގިދާނެ އެވެ. ކޮންމެ ގޮތެއް ނެގިއަސް އެ މައްސަލައިގައި "ހާޑް އެވިޑެންސެ" އްގެ ގޮތުގައި އެއީ ފިސްތޯލަ ވިޔަސް، ވަޒަނެއް ވިޔަސް ފުލުހުންނަށް ލިބިފައެއް ނުވެއެވެ. ހަމައެކަނި އޮތީ ތިން މީހަކުޔ ބުނާ ބުނުމެއް އެކަންޏެވެ.

މީގެ ފުރަތަމަ ގޮތަކީ އެ މައްސަލައިގައި އަދީބު ވިދާޅުވާ ގޮތަށް އޭނާ ފްރޭމް ކުރަން އެ މައްސަލައިގެ ހެކިބަސްދިން މީހުނާއެކު، ބައެއްގެ ނުފޫޒުގައި ފުލުހުން މަސައްކަތް ކުރުމެވެ. އެކަމަށް ބާރު ލިބެނީ ދައުލަތުން އިއްޔެ ސްޕްރީމް ކޯޓުގައި "ސީން އޮފް ކްރައިމް" ރިޕޯޓް ހަދާފައިވާ ތާރީހާއި، އެ ރިޕޯޓްގެ ސައްހަ ކަމާމެދު ސުވާލު އުފެއްދުމުންނެވެ.

ދެވަނަ ގޮތަކީ ފުލުހުން އެ ފިސްތޯލަ ހޯދުމުގައި އިހުމާލުވުމެވެ. އެހެން ވެއްޖެ ނަމަ އެއޮތީ މުޅި ރައްޔިތު އެންމެން ނުރައްކަލަކަށް ހުޅުވިފަ އެވެ. އާންމުންގެ މީހަކު ފިސްތޯލައެއް ގެންގުޅުމަކީ ކިހާ ބިރުބޮޑު އަދި ނުރައްކާތެރި ކަމެއް ހެއްޔެވެ؟

ޕްރޮސެކިއުޓާޖެނެރަލަކީ ވަރަށް ބޮޑެތި ބާރުތަކެއް ލިބި ވަޑައިގެން ހުންނަވާ ބޭފުޅެކެވެ. އޭނާގެ އޮފީހަކީ ބާރު ގަދަ އޮފީހެކެވެ. ނަމަވެސް އަދީބުގެ ފިސްތޯލަ މައްސަލަ މައްސަލާގައި ޕީޖީގެ އިހުމާލު އޮތް ކަން މިހާރު އެ އޮތީ ހާމައަށް ފެންނާށެވެ.

ސުޕްރީމްކޯޓުގައި އިއްޔެ ވއެކަމަށް އިއުތިރާފު ވެއްޖެ އެވެ. އެ މައްސަލައަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ސާބިތު ނުވާ ދައުވާއެއް ކަން ޕީޖީއަށް ވެސް ރޭކާ ލީ ޝަރީއަތުގެ ދެ މަރުހަލާ ނިމި ގޮސް އެންމެ ފަހު އިލްތިމާސް މަރުހަލާގަ އެވެ.

މީގެ ސަބަބުން ވަރަށް ނުރައްކާތެެރި ނަތީޖާތަކެއް ނުކުތުމަކީ އެކަށީގެންވާ ކަމެކެވެ. އެއްބަޔަކު ދެކޭ ގޮތުގައި މި މައްސަލައިން ހާމަވެގެން މިދިޔައީ މިދިޔަ ސަރުކާރުގެ ނުފޫޒު ޕީޖީ އޮފީހުގައި އޮތްވަރެވެ. ނުފޫޒުން ސިޔާސީ ދައުވާތައް އުފުލަމުންގެންދިޔަ ގެންދިއުމެވެ.

އަދީބުގެ ކުރީގެ ވަކީލު އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނަދޫ ދާއިރާއިން އިންތިހާބު ވެފައިވާ މޫސާ ސިރާޖު ވިދާޅުވި ގޮތުގައި މި މައްސަލައިގެ އެންމެ ފަހު މަރުހަލާގައި އިއްޔެ ކަންހިގައި ދިޔަ ގޮތުން އޭނާ އުފާ ކުރައްވަ އެވެ.

"މީގަ ދެން އެއްކަމަކަށް ވަރަށް ހިތްހަމަޖެހޭ ދައުލަތުން ގޯސް ހެދުމުން ބޮޑު ގޯސް ހެދުންކަން ގަބޫލު ކުރުން. އެ ދެން ވަރަށް ހިތްހަމަ ޖެހޭ ކަމެއް. އަޅުގަނޑުމެން ފެށުނީއްސުރެ ދައްކަމުން އައިވާހަކަ އަކީ ޝަރީއަތްތައް ހިންގަންވާނީ އިޖުރާތްތަކާއި އެއްގޮތަށޭ. ތަހުގީގު ހިންގަން ވާނީ އިޖުރާތާއި އެއްގޮތަށޭ. މީހެއްގެ މައްޗަށް ހުކުމެއް ކުރާއިރު، ކުރަންވާނީ ގާނޫނުތަކުގައި ލިޔެފައިހުރި ގޮތަށޭ. އެއާ ހިލާފަށް ކަންކަން ގެންގޮސްފައި ރަނގަޅު ކުރަން ފުރުސަތު ލިބުނީމަ ގޯސްކޮށް ކަމެއް ކުރެވިފައި އޮތް ކަން ގަބޫލު ކުރުން އެއީ ވަރަށް ހިތްހަމަޖެހޭ ކަމެއް،" ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެކަންކަން ރަނގަޅު ކުރެވޭނީ އުސޫލުތަކާއި ހިލާފަށް އަމަލު ކުރާ މީހުންނަށް ފިޔަވަޅު އެޅިގެންނެވެ. އަދި ދައުލަތުގެ ވަކީލުން ވެސް ވެރިންގެ ނުފޫޒުން އެއްކިބާވެ، ކިޔަވާފައިވާ އެއްޗަކާއި އެއްގޮތަށް އިންސާފުގެ މަގަށް އަމަލު ކުރުމުން އެކަންކަމުގެ ހައްލު ލިބިގެންދާނެ ކަމަށެވެ.

"އެކަން ރަނގަޅު ކުރަން ގޯސްކޮށް ކަންކުރާ މީހުންނާއި، ސުވާލުކޮށް، ފިޔަވަޅު އެޅޭނެ ގޮތެއް ހަދަންވީ. ބޮސް ވިދާޅުވީމަ އެ ގޮތަށް އަމަލު ކުރާ ޕްރޮސެކިއުޓަރުންތަކެއް މީގެ ކުރިން ފެނިގެން މިދިޔައީ، ވާންވީ ގޮތަކީ ދައުލަތުގެ ވަކީލުން ވެސް ބޮސް ބުންޏަސް އުސޫލުތަކާއި ހިލާފު ނުވާނެ ގޮތަކަށް އަމަލުތަށް ބަހައްޓަންވީ، މީގައި ޖެހޭނީ ހަމަ އެމީހަކަށް ލިބިފައިހުރި އިލްމަކަށް ބަލާފައި މީހުންގެ މައްޗަށް އަނިޔާވެރިނުވެ އިންސާފުން ކަންކޮށް އެކަން ގަބޫލު ކުރުން." ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވި ގޮތުގައި ޣައިރު ގާނޫނީ އަމުރަކަށް ތަބާވާކަށް ދައުލަތުގެ ވަކީލަކަށް ވެސް ނުޖެހެ އެވެ. އެހެން ކަމުން ނޫނެކޭ ބުނަންޖެހޭ ތަނުގައި ނޫނެކޭ ބުނަން ދައުލަތުގެ ވަކީލުންވެސް ދަސްކުރަން ޖެހޭނެ އެވެ.

ގާނޫނީ ޕްރޮފެޝަންގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު އެހެން ވަކީލަކު ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތަކުން ހާމަވަނީ ރިޕޯމް ބޭނުން ވަނީ ހަމަ އެކަނި ޝަރުއީ ދާއިރާއަށް ނުވަތަ ޝަރީއަތް ކުރަން ތިބި މީހުނަށް އެކަނި ނޫން ކަމެވެ.

"އަދީބުގެ މައްސަލައަށް ބެލުމުން އެބަ އެނގޭ ފުލުހުންގެ އިހުމާލުވެސް މިކަމުގައި އޮތް މިންވަރު، ކަނޑައެޅިގެން އެބަ އިނގޭ ނުފޫޒެއްގެ ދަށުންކަން ފުލުހުން ވެސް، ޕީޖީވެސް އަދި ދަށުކޯޓާއި، ހައިކޯޓު ވެސް މަސައްކަތް ކޮށްފައި އެ އޮތީ. ގާނޫނުއަސާސީގަ އާއި ގާނޫނުލް އުގޫބާތުގައި މައްސަލަތައް ސާބިތުވާނެ ގޮތާއި މިންވަރަށް ދާންދެން ބަޔާންކޮށްފައި ވަނިކޮށް، ބުއްދީގެ ހަމަތަކާއި ހިލާފަށް މިމައްސަލައިގެ ދެ މަރުހަލާ ނިމުމުން ވެސް މި އިނގެނީ ނުފޫޒުން މިތަންތަން އެއްކިބާކޮށް، ރިފޯމް ކުރަންޖެހޭކަން. ކޯޓުތަކެއް އެކަންޏެއް ނޫން. ފުލުހުންނާއި، ޕީޖީވެސް އަދި އޭޖީވެސް ރިފޯމް ކުރަންޖެހޭ. ސިޔާސީ ނުފޫޒު ނުވަންނަ ތަންތަނަށް ދަންޖެހޭ" އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ބައެއް ވަކީލުންވަނީ މި މައްސަލަ ކުރިޔަށް ގެންދިއުމުގައި ޕީޖީގެ އިހުމާލު އެހާ ވަރަށް އޮތްކަން ހާމަވާއިރު، އަދިވެސް ޕީޖީ އައިޝަތު ބިޝާމް އެ މަގާމުގައި ހުންނަވަނީ އަދި ބަހައްޓަނީ ކީއްވެގެންތޯ ސުވާލު އުފައްދާ ފައެވެ.