ހަބަރު

ޖުޑީޝަރީ އިސްލާހުކުރާ މަގުޗާޓެއް ނެރެނީ

Apr 30, 2019
9

ޝަރުއީ ދާއިރާ އިސްލާހުކޮށް މިނިވަން ކުރާނެ މަގު ޗާޓެއް މާދަމާ އާންމު ކުރާނެ ކަމަށް ސުޕްރީން ކޯޓުން ބުނެފި އެވެ. މި ހާއްސަ މަގު ޗާޓް ލޯންޗް ކުރުން އޮންނާނީ މާދަމާ އިސްލާމީ މަރުކަޒު ހޯލުގައި އެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަގު ޗާޓްގައި ހިމެނޭ ކަންކަމަކީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި ޖުޑީޝަލް ރީފޯމް ކޮންފަރެންސްގައި މަޝްވަރާ ކޮށްފައިވާ ކަންކަމެވެ.

އެ ކޮންފަރެންސްގައި ޝަރުއީ ނިޒާމް ހަރުދަނާ ކުރަން މިހާރު ހުރި ގޮންޖެހުންތަކާއި ބޭނުންވާ ހައްލުތަކުގެ އެކި މައުލޫތަކަށް އެކި ބޭފުޅުން ކަރުދާސްތައް ހުށަހެޅުއްވި އެވެ. އެގޮތުން އެ ކޮންފަރެންސަށް 18 ކަރުދާހެއް ހުށަހެޅި އެވެ. ކަރުދާސް ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުވެސް ވެސް ހިމެނިވަޑައިގަންނަވަ އެވެެ.

ގާނޫނީ ވަކީލުންގެ ފަރާތުން ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒާއި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާއި ބަންޑާރަ ނައިބުގެ އޮފީހާއި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވެސް ކަރުދާސް ހުށަހަޅުއްވާފައިވެ އެވެ.

ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ އާއި ޖުޑީޝަލް އެކެޑެމީގެ ޗާންސެލާ އަހުމަދު މާޖިދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ވެސް އެ ކޮންފަރެންސަށް ކަރުދާހެއް ހުށަހެޅުއްވި އެވެ.

ކޮންފަރެންސްގައި ހުށަހެޅި ހުރިހާ ކަރުދާހެއް ދިރާސާ ކުރެއްވުމަށްފަހު ފާހަގަކުރެވުނު ކަންކަމާއި ޝަރުއީ ނިޒާމަށް ބޭނުންވާ ހައްލުތައް ހިމަނައިގެން ފެމެލީ ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ ރިޕޯޓެއް ހުށަހަޅުއްވާފަ އެވެ. އެ ރިޕޯޓްގައި ކޮންފަރެންސްގައި ވާހަކަ ދެކެވުނު މައްސަލަތަކާއި ގޮންޖެހުންތަކަށް ގެންނަން ފެންނަ އިސްލާހުތައް ހިމަނުއްވާފައި ވެއެވެ.

ޖުޑިޝަރީ އިސްލާހު ކުރުމަށް ހާއްސަ މަގުޗާޓެއް އާންމު ކުރާއިރު އެމްޑީޕީގެ އެޖެންޑާ 19 އިގައިވެސް ޖުޑީޝަރީއަށް އަމާޒުކޮށް ގިނަ އިސްލާހުތަކެއް ހިމަނާފައި ވެއެވެ. އާ މަޖިލީހުގެ މަސައްކަތްތައް ފެށޭއިރު އެ އިސްލާހުތައް އަންނާނެ ކަމަށް ބެލެވެ އެވެ.