އެމްއެމްއޭ

މިދިޔައަހަރު 550 މިލިއަން ޑޮލަރު ވިއްކި

ރާއްޖޭގެ ޑޮލަރު މާކެޓް ހިފެހެއްޓުމުގެ ގޮތުން، އެމްއެމްއޭ އިން ބޭންކްތަކަށް މިދިޔަ އަހަރު 550 މިލިއަން ޑޮލަރު ވިއްކައިފި އެވެ. އެމްއެމްއޭގެ އަހަރީ ރިޕޯޓްގައިވާ ގޮތުން 2018 ވަނަ އަހަރު ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް 550.7 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނެވެ. މި އަދަދަކީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 19 ޕަސެންޓް އިތުރު އަދަދެކެވެ.

އަދި 2017 ވަނަ އަހަރު އެމްއެމްއޭގެ ބޭރު ފައިސާ ވިއްކުމުގެ ސިޔާސަތަށް ގެނައި ބަދަލުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޒަރޫރީ ހިދުމަތްތަކަށާއި ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބޭރު ފައިސާގެ ޖުމުލަ އަދަދު ފޯރުކޮށްދޭން ވަނީ ނިންމާފަ އެވެ.

އެމްއެމްއޭއިން ބުނީ މި ސިޔާސަތުގެ ދަށުން 2018 ވަނަ އަހަރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 319.9 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މި އަދަދަކީ އެމްއެމްއޭއިން 2017 ވަނަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވިއްކި ބޭރު ފައިސާގެ ޖުމުލަ އަދަދާ އަޅާ ބަލާއިރު 31 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

ސަރުކާރު ކުންފުނިތަކަށް 230 މިލިއަން ޑޮލަރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، އެމްއެމްއޭއިން މިދިއަ އަހަރުގެ ތެރޭގައި ވިޔަފާރި ބޭންކުތަކަށް ވެސް ބޭރު ފައިސާ ފޯރުކޮށްދިނެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތެރޭ ވިޔަފާރި ބޭންކުތަކަށް 230.8 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވެ އެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު ހަތަރު ޕަސެންޓުގެ އިތުރު އަދަދެކެވެ.

މި ޖުމުލަ އަދަދުގެ ތެރޭގައި، ވިޔަފާރި ބޭންކުތަކުގެ ބޭނުންތަކަށް ގަވާއިދުން ކޮންމެ ހަފުތާއަކު ވިއްކާ އެމެރިކާ ޑޮލަރުގެ ގޮތުގައި ފޯރުކޮށްދިން 169.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނެވެ.

ތައުލީމް ހާސިލް ކުރުމަށާއި ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންނަށް 2.13 މިލިއަން އެމެރިކާ ޑޮލަރު މިދިއަ އަހަރުގެ ތެރޭގައި ފޯރުކޮށްދިނެވެ. މީގެ އިތުރުން، އެހެނިހެން ގޮތްގޮތުން، އޭ ތެރޭގައި ހައްޖާއި އުމްރާގެ އަޅުކަމަށް ދިވެހިން ގެންދާ ގްރޫޕްތަކަށް ވިއްކި ޑޮލަރު ހިމަނައިގެން ބޭރު ފައިސާގެ ގޮތުގައި 6.3 މިލިއަން އެމެރިކާ ޑޮލަރު ބޭންކުތަކަށް ފޯރުކޮށް ދިނެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބީއެމްއެލް މެދުވެރިކޮށް ވީއައިއޭއިން ކޮންމެ ދަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާގެ ގޮތުގައި ދެމުން ގެންދެއެވެ. އެ ފައިސާ ޖުމުލަ އަދަދު މިދިއަ އަހަރު 5.44 މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.