ހަބަރު

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ހާއްސަ ބޯޑެއް އުފައްދައިފި

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދަން ތަޖުރިބާކާރުންގެ މައްޗަށް ހިމެނޭ ހާއްސަ ބޯޑެއް ސަރުކާރުން އުފައްދައިފި އެވެ.

މަސައްކަތް ތެރިންގެ ދުވަހުގެ މުނާސަތާ ގުޅުވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ކަނޑައެޅުމަށްޓަކައި އިކްނޮމިކް މިނިސްޓަރަށް ލަވާ ދެއްވުމަށް މުސާރަ އާއި އުޖޫރައާ ގުޅޭ ގޮތުން ލަފާދޭނެ ބޯޑެއް އުފައްދާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ރައީސް ސޯލިހު އުފައްދަވާފައިވާ ސެލެރީ އެންޑް ވޭޖު ބޯޑުގައި ފަސް މެންބަރުންގެ އެކުލެވޭ ގޮތަށް އުފައްދާފައިވާ މި ބޯޑުގައި ކޮންމެ ސިނާއަތަކުން ދެ ބޭފުޅަކާއި ސަރުކާރުން ތަމްސީލް ކުރާ އެއް ބޭފުޅަކު ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރައީސް އުފެއްދެވި ސެލަރީ އެންޑް އެޑްވައިޒަރީ ބޯޑުގައި ރާއްޖޭގެ މަޝްހޫރު ބައެއް ވިޔަފާރިވެރިން ވެސް ހިމެނި ވަޑައިގަންނަވަ އެވެ. މި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ޗެއާމަން ގ. ސިލްވަރުގެ، މަރިޔަމް ހާލިދު އާއި މއ. މާންދޫ، އިބްރާހިމް ނޫރައްދީންގެ އިތުރުން، ހ. ސީސައިޑް، މުހައްމަދު އަލީ ޖަނާހު އާއި ހއ. ހޯރަފުށީ، ޗާންދަނީގޭ އަލީ އާދަމްގެ އިތުރުން ބ. ކެންދޫ، ދާއިރާގޭ، މައުރޫފު ޒާކިރު އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ވައުދު ފުރިހަމަ ކުރުމުގެ ގޮތުން އެމްޑީޕީން އެޖެންޑާ 19 މެނިފެސްޓޯގައި ހާއްސަ ދާއިރާ ތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އެ ޕާޓީން ތައްޔާރުކޮށްފައިވާ ކަރުދާހުގައިވާ ގޮތުން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅާ، މިނިމަމް ވޭޖް ރޭޓު ނުވަތަ އެންމެ ކުޑަ މިނުން ދެވޭ އުޖޫރައެއް ކަނޑައަޅާނެ އެވެ. އެ އުޖޫރަ ދެވޭ އުސޫލު ކަނޑައަޅާނީ އެކި ފަންނު ވެރިންގެ މަސައްކަތަށް ބަލާ، ސިނާއަތްތަކަށް ކަނޑައެޅިފައިވަ އެންމެ ކުޑަ އުޖޫރައިގެ ގޮތުގަ އެވެ. އެގޮތުން ރާއްޖޭގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ދެވޭ އެންމެ ކުޑަ މުސާރައަކީ ދުވާލަކަށް 200 ރުފިޔާ އެވެ.