ހަބަރު

ބިދޭސީއަކު ރަހީނުކޮށް އަނިޔާކޮށްފި

May 2, 2019
5

މާލޭގައި ބިދޭސީއަކު ރަހީނުކޮށް ފައިސާއަށް ޑިމާންޑް ކުރުމާއެކު އެ މީހާގެ ގައިގައި ތަޅާ އަނިޔާކޮށްފި އެވެ. ދިވެހިން ވެސް ބައިވެރިވާ ކަމަށް ތުހުމަތުވާ މި ހާދިސާގައި މިހާތަނަށް އަދި ހައްޔަރުކޮށްފައި ވަނީ ބިދޭސީ އެކެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 2:50 އެހާކަންހާއިރު މީހަކު ރަހީންކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. ބަޔަކު ރޭ ރަހީނު ކުރީ ބަންގްލަދޭޝްގެ 29 އަހަރުގެ މީހެއް ކަމަށާއި އޭނާ ރަހީންކޮށް އޭނާގެ ރައްޓެއްސަކަށް ގުޅައި، 40،000 ދިވެހި ރުފިޔާ ދިނުމަށް ޑިމާންޑުކޮށް، އެ ފައިސާއާ ހަވާލުވާން ދިޔަ ބިދޭސީ ފިރިހެނަކު ކެންގަރޫ ކިޑްސް ކައިރިން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި އެ ބިދޭސީ މީހާގެ ފަރާތުން މައުލޫމާތު ހޯދައި ނިކަގަސް މަގުގެ ގޯޅިއެއްގެ ތެރޭގައި ރަހީނުކޮށްފައިވާ ހުރި ބިދޭސީ މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.

އަދި ބުނީ، މި މައްސަލާގައި ހަތް ދިވެއްސަކު ބައިވެރިވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ރަހީނުކޮށްފައި ހުރި މީހާގެ ގައިގާ ތަޅާ އަނިޔާ ކުރުމަށްފަހު، އޭނާގެ އަތުގައި އޮތް ދެ މޯބައިލް ފޯނާއި އޭނާގެ ކަރުގައި އަޅާފައިއޮތް ފަށުގެ އިތުރުން ތަޅުދަނޑި ފައްޗެއް ފޭރިގެންފައިވާ ކަމަށެވެ.

"ރަހީނުކޮށްފައި ހުރި ސަރަހައްދަށް ދިޔަ ވަގުތު އެ އެންމެން ވަނީ ފިލާފައި،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ. ރަހީންކޮށް އަނިޔާކުރި ބިދޭސީ މީހާގެ ހާލައި އޭނާއަށް ލިބިފައިވާ އަނިޔާތަކާ ބެހޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ދީފައެއް ނުވެއެވެ.

އެ މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ފައިސާ އާ ހަވާލުވާންދިޔަ ބަންގްލަދޭޝް އުމުރުން 42 އަހަރުގެ ފިރިހެނެކެވެ. މި މައްސަލަ ފުލުހުންގެ އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.