ހަބަރު

މާރިޔާ ވިދާޅުވަނީ ޖުޑިޝަރީގެ އިސްލާހީ އެޖެންޑާއަށް ތާއީދު ކަމަށް

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ އެޖެންޑާއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަަދު ދީދީ ތާއީދު ކުރައްވައިފި އެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ގާނޫނީ ވަކީލް އަދި ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު މާރިޔާ މިއަދު ޓްވީޓެއް ކުރައްވާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިސްލާހީ އެޖެންޑާ އެއީ ފުރުސަތެއް ކަމަށް ދެކެ، ރައްޔިތުން ރާއްޖެއަށް އިސްލާހެއް ގެނައި ގޮތަށް ޖުޑިޝަރީގެ އިސްލާހީ އެޖެންޑާއަކީ ފުރުސަތެއް ކަމަށް ދެކެގެން އެ ފުރުސަތުގެ ބޭނުން ކުރުން މުހިންމު ކަމަށެވެ.

ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި ދައުލަތުގެ ބަންޑާރަ ނައިބު އޮފީހުގެ އިސް ވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވެވި މާރިޔާ މިއަދު ވިދާޅުވީ އެއީ އެކަމަނާގެ ހިޔާލު ކަމަށާއި އެކަމާ ހިޔާލު ތަފާތު އެތައް ބަޔަކުވެސް އުޅޭނެކަން ގަބޫލު ކުރައްވާ ކަމަށެވެ.

މާރިޔާ ކުރެއްވި ޓްވީޓު

މާރިޔާ މިހެން ވިދާޅުވިއިރު ޖުޑިޝަރީގެ އިސްލާހީ މަގުޗާޓަށް އެތައް ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ސުޕްރީމް ކޯޓަކަށް އަމިއްލައަށް އެތަން އިސްލާހު ނުކުރެވޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ މަޖިލީހުން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރަން 20 ކަމެއްގެ މައްޗަށް އެކުލެވޭ މަގުޗާޓެއް އެކުލަވާލައިފައިވާ އިރު އެ ދާއިރާ އިސްލާހު ކުރާނެ ގޮތްތަކެއް އަންނަ މަޖިލީހުގެ ޖަލްސާތަކުގައި އެމްޑީޕީން އަމަލު ކުރާ އެޖެންޑާ 19 ގައި ވެސް ހިމަނާފައި ވެއެވެ.