ތެލުގެ އަގު

ޕެޓްރޯލް ލިޓަރަކުން 70ލ. ޑީސަލް ލިޓަރަކުން 50ލ. ބޮޑުކޮށްފި

May 3, 2019
7

އެސްޓީއޯއިން ވިއްކާ ޕެޓްރޯލް ލިޓަރަކުން 70ލ. އަދި ޑީސަލް ލިޓަރަކުން 50ލ. މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށް ނެރެފައިވާ ބަޔާނެއްގައި ބުނީ ތެލުގެ އަގަށް ބަދަލު ގެނައުމާއެކު، ކުރިން 11.61ރ. އަށް ވިއްކި ޑީސަލް ލިޓަރަކުން 50ލ. ބޮޑުކޮށް މިހާރު ވިއްކާނީ 12.11ރ. އަށް ކަމަށެވެ.

އަދި ކުރިން 10.79ރ. އަށް ވިއްކި ޕެޓްރޯލް ލިޓަރަކުން 70ލ. ބޮޑުކޮށް ދެން ވިއްކަމުން ގެންދާނީ 11.49ރ. އަށް ކަމަށެވެ.

އެ ކުންފުނިން ބުނީ ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދު (އޯޕެކް) އިން ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމާއި، އީރާނުން އުފައްދާ ތެޔޮ ގަންނަ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މިދިއަ މާޗް މަހުން ފެށިގެން ތެލުގެ އަގު ބޮޑުވަމުން އަންނަ ކަމަށެވެ. ރާއްޖޭގައި ތެލުގެ އަގު ބޮޑު ކުރަން ނިންމީ އެހެން ވެގެން ކަމަށެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގު ބޮޑު ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ ޑީސަލް ލިޓަރަކުން 72ލ. އަދިި ޕެޓްރޯލް ލިޓަރަކުން 60ލ. ބޮޑުކޮށްފަ އެވެ.

ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑު ކުރިއިރު، ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 63.60 ޑޮލަރަށެވެ.