ހަބަރު

ލ. ގަމުގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ލ. ގަމުގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދަން އުޅުނުކަމުގެ ތުހުމަތުގައި އެކަކު ހައްޔަރުކޮށް އިތުރު މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލ. ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް، ތޫނު ހަތިޔާރުން ބިރު ދައްކާ އޭނާގެ އަތުން 8900ރ. ފޭރުމަށްފަހު އިތުރު ފައިސާ ހޯދަން އެދެމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލުމާތަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހުކުރު ދުވަހުގެ ރޭ 10:45 ހާއިރު، ދެ މީހަކު ފައިސާ ނެގުމަށް ގަމުގެ ޕްރޮވިންސް އޮފީސްކައިރީ ހަރަކާތްތެރިވަމުން ދަނިކޮށް، އެ ދެމީހުން ހައްޔަރު ކުރުމަށް ފުލުހުން ކުރި މަސައްކަތުން އެކަކު ހައްޔަރުކުރެވިފައިވާ ކަމަށެވެ.

އޭނާއާއެކު ހުރި ދެވަނަ މީހާ ވަނީ ސައިކަލެއްގައި ފިލާފައިކަމަށާއި، އެ މީހާ ހޯދުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ޒުވާނެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފަހަކަށް އައިސް މީހުން ރަޙީނުކޮށްގެން ފައިސާ ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު މާލޭގައި ބަންގްލަދޭޝްގެ 29 އަހަރުގެ މީހެއް ރަހީންކޮށް އޭނާގެ ރައްޓެއްސަކަށް ގުޅައި، 40،000 ދިވެހި ރުފިޔާ ދިނުމަށް ޑިމާންޑުކޮށް، އެ ފައިސާއާ ހަވާލުވާން ދިޔަ ބިދޭސީ ފިރިހެނަކު ކެންގަރޫ ކިޑްސް ކައިރިން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އެމައްސަލާގައި ހަތް ދިވެއްސަކު ބައިވެރިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ރަހީނުކޮށްފައި ހުރި މީހާގެ ގައިގާ ތަޅާ އަނިޔާ ކުރުމަށްފަހު، އޭނާގެ އަތުގައި އޮތް ދެ މޯބައިލް ފޯނާއި އޭނާގެ ކަރުގައި އަޅާފައިއޮތް ފަށުގެ އިތުރުން ތަޅުދަނޑި ފައްޗެއް ފޭރިގެންފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.