ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: ޤައުމީ މަންހަޖު އިޞްލާޙު ކުރުން

ޤައުމެއްގެ ކުރިމަގާއި އަމާންކަމާއި ސަލާމަތާ ރައްކާތެރިކަމާ ގުޅޭ އެއްމެ މުހިންމު އެއް އަސާސަކީ އެ ޤައުމެއްގެ ތަޢުލީމީ މުޤައްރަރުތައްކަމީ ޝައްކެތް އޮތް ކަމެއްނޫނެވެ. މީގެ އަހަރުތަކެއް ފަހުން ޤައުމު ބާއްވަން ބޭނުންވާ ގޮތް ޤައުމީ މަންހަޖުގެ ތެރެއިން ކަނޑައެޅިދާނެ އެވެ. ދިވެހި ރާއްޖެއަކީ ސަތޭކައިން ސަތޭކަ މުސްލިމު ޤައުމަކަށްވުމާއެކު ރާއްޖޭގެ ޤައުމީ މަންހަޖަކީ ދައުލަތުގެ މަޞްލަޙަތާއި ޤައުމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ވަރަށް ނާޒުކު އަސާސެކެވެ. މިއަދު ދިވެހި ޤައުމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވަމުން ދާއިރު އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ޒުވާނުންގެ ދީނީ ފިކުރާއި ވިސްނުމާއި ޝަޚުޞިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުންކަމުގައި ދެކެމެވެ.

ރާއްޖެއާއި ރާއްޖޭގެ ޒުވާނުންގެ ދީނީ ޝަޚުޞިއްޔަތަށް ގޮންޖެހުން ކުރިމަތިވުމަކީ ރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަވެރިކަމާއި ޤައުމީ ސަލާމަތަށް އޮތް ހުރަހެއް ކަމުގައި ނުވެ ނުދާނެއެވެ. އެހެންކަމުން އެ ނުރައްކަލުން ސަލާމަތް ވެވޭނެ ގޮތްތަކެއް ދައުލަތާއި މުޖުތަމަޢުން ހޯދަން ޖެހެ އެވެ. މިއަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ ޤައުމީ އެންމެ މަތިވެރި އަމާނާތަކީ އެއީއެވެ.

ރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ފިކުރީ ގޮންޖެހުމަކީ ހަމައެކަނި ދީނީ ހަރުކަށި ވިސްނުމެއް ނޫނެވެ. (އޭތިޒަމް) ދީން ޤަބޫލު ނުކުރުމުގެ ވިސްނުމާއި ދީނީ ހަރުކަށި ފިކުރަކީ އެއް ފައިސާ ފޮއްޗެއްގެ ދެފަރާތެވެ. މި ދެ "ކާރިސާ" އިން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާ އޮތްކަން ޤަބޫލުކުރަންޖެހެ އެވެ. މި ދެ މައްސަލައިގެ ސަބަބަކީ ހަމައެކަނި މުޤައްރަރުތައް ކަމުގައި ނުވެދާނެ އެވެ. ޙައްލު ހޯދޭނީ ހަމަ އެކަނި މަންހަޖު ބަދަލުކޮށްގެން ކަމަށް ވެސް ނުވެދާނެ އެވެ.

މިކަމުގައި ދައުލަތުން އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައް އެބަހުއްޓެވެ. ނަމަވެސް މި ދެންނެވި ދެ މައްސަލައަށް ޙައްލު ހޯދުމުގައި މަންހަޖުގެ ތެރެއިން މުހިންމު ދައުރެއް ޤައުމީ ފެންވަރެއްގައި އަދާކުރެވިދާނެ ކަމުގައި ދެކެމެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އުފެދިގެން އެތަނުގެ އާ މަންހަޖު އެކުލަވައިލިއިރު ކޯ މޮޑިއުލްތަކެއް ހުރިހާ މަރުޙަލާއެއްގެ ދަރިވަރުން ކިޔަވާ ގޮތަށް ކަނޑައަޅާފައި ވާނެ އެވެ. އެއީ މެދުމިނުގެ އިސްލާމީ ވިސްނުމުގެ މަޗަށް ތަރުބިޔަތު ވެފައިވާ ވަޒަން ހަމަ ދުނިޔެއަށް ލޯހުޅުވިފައިވާ ޝަޚުޞިއްޔަތެއް ބިނާކޮށް އިސްލާމްދީނުގެ ޙަޟާރީ ތަހުޒީބު ވިސްނުމަށް މަގު ފަހިކުރުމުގެ ގޮތުންނެވެ. އެފަދަ ކޯ މޮޑިލްތަކެއް ހުރިހާ މަރުޙަލާއެއްގައި ކިޔަވާ ގޮތަށް ހަމަ ޖެހިފައިވާ ދިވެހިރާއްޖޭގެ ތަޢުލީމީ މުއައްސަސާއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ އެކަންޏެވެ.

ރާއްޖޭގެ ޤައުމީ އިސްލާމީ މަންހަޖު

ރާއްޖޭގެ އިސްލާމީ މަންހަޖަށް ބަލާއިރު (މަޢުލޫމާތު ލިބިފައިވާ ގޮތުން) ކިޔަވައި ދެމުން ދިޔަ އިސްލާމީ މަންހަޖަކީ 1984 ވަނަ އަހަރު އެކުލަވައިލި މަންހަޖެކެވެ. އަދި އެ މަންހަޖަށް 2000 ވަނަ އަހަރު ބައެއް އިޞްލާޙު ގެނެވުނެވެ. އެއަށް ފަހު 2007 ގައި އިސްލާމީ މުޤައްރަރުތައް އިޞްލާޙު ކުރުމުގެ މަސައްކަތްތަކެއް ފެށުނެވެ. 2008 އާއި 2009 ގައި ވެސް އިޞްލާޙީ މަސައްކަތްތަކެއް އެޑިއުކޭޝަނުން ކުރިއަށް ގެންދެވި އެވެ. 2014 އާއު 2015 ގައި އާ މުޤައްރަރުތައް އެކުލަވާލެވި ތަންފީޒު ކުރެވެމުން އެބަދެއެވެ.

އެހެންވީމާ ދަންނަވާލެވޭނީ މިހާރު ތަންފީޒު ކުރެވެމުންދާ އިސްލާމީ މުޤައްރަރަކީ ކުރިން އޮތް މުޤައްރަރު ނޫން ކަމެވެ. މިހާރު ތަންފީޒު ކުރެވެމުންދާ މުޤައްރަރުތައް އިތުރަށް ބަލައި ދިރާސާ ކޮށްލުމަކީ ނެތް ކަމެއް ނޫނެވެ. މިހާރު ކިޔަވައި ދެމުންދާ މުޤައްރަރާމެދު ސީދާ ބަހެއް ދަންނަވާކަށް ނެތީމެވެ. އަޅުގަނޑު މި މަޤާމުގައި ބަޔާން ކޮށްލަނީ އިސްލާމީ މުޤައްރަރެއް މި ޒަމާނުގައި އޮންނަން އަޅުގަނޑަށް ފެންނަ ނަޒަރިއްޔާގެ މައްޗަށެވެ.

އިސްލާމީ ތަޢުލީމީ ފަލްސަފާ

މާތް ﷲ ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ވަޙީ ކުރެއްވި އާޔަތަކީ ތަޢުލީމާ ބެހޭ އާޔަތެވެ. އިސްލާމީ ފަލްސަފާގައި ތަޢުލީމަކީ ތަރުބަވީ އުޞޫލުތަކެއްގެ މައްޗަށް ޤާއިމުވެފައިވާ ކަމެއްކަން އެއާޔަތުން އިލްހާމު ކޮށްދެ އެވެ. (اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ (1) "ކަލޭގެފާނުގެ ވެރި "ރައްބު" ގެ އިސްމުފުޅުން ކިޔަވައި ވިދާޅުވާށެވެ." މި އާޔަތުގައި ﷲ ބަޔާން ކުރައްވާފައި ވަނީ އެކަލާނގެ ޛާތުފުޅަށް "ރައްބު" ގެ ނަންފުޅެވެ. އެއީ ތަރުބިޔަތު ކުރައްވާ ފަރާތެވެ. "ރައްބު" މި ލަފްޒުގެ އަޞްލަކީ "ތަރުބިޔަތު" ކަމުގައި ޢަރަބި ބަހުގެ ޢިލްމުވެރިން ފާހަގަ ކުރައްވާފައި ވެއެވެ. މި އާޔަތުގައި އެހެން އިސްމުފުޅެއް ބަޔާން ކުރެއްވުމަށް ވެސް ﷲ އަށް ޖާއިޒު ވެގެން ވެއެވެ. އެހެން ނަމަވެސް އިސްމުފުޅު "ރައްބު" ގެންނަވާފައި ވުމުގައި ޙިކުމަތެއް ވާނެ އެވެ. "ހައްދަވައި ބޮޑުކުރައްވައި ތަރުބިޔަތު ކުރައްވާ ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ" އަންގަވާފައިވުމުގެ ޙަޤީޤަތަކީ ކިޔެވުން ނުވަތަ ތަޢުލީމާއި ތަރުބިޔަތާހުރި ގުޅުން ރަމްޒުކޮށްދޭ މަތިވެރި ޙަޤީޤަތެވެ. އެހެން ކަމުން ތަޢުލީމާއެކު ތަރުބިޔަތު ނުދެވޭ ނަމަ ކުރާނެ ފައިދާއެއް ނޯންނާނެ އެވެ.

ތަޢުލީމަކީ މަޢުލޫމާތު އުނގަންނައި ދިނުމެވެ. ތަރުބިޔަތަކީ ޢަމަލީ ބައެވެ. ތަޢުލީމުގެ ރޫޙަކީ ނުވަތަ ދިރުމަކީ އެއީއެވެ. ޢަރަބި ބަހުގެ ފުންނާބު އުސް ޢިލްމުވެރިއެއް ކަމުގައިވާ އައްރާޣިބު ވިދާޅުވެފައިވެއެވެ: "ރައްބު ގެ އަޞްލަކީ ތަރުބިޔަތު ކުރުމެވެ. އެއްޗެއް އުފައްދަވައި އޭތި ފުރާ ފުރިހަމަވަންދެން ބެލެހެއްޓުމެވެ. (އަލްއަޞްފަހާނީ1/184) އިޖުތިމާޢީ ޢިލްމުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް ޝަޚުޞިއްޔަތު ކަމުގައިވާ އިބުނު ޚަލްދޫނު ވިދާޅުވެފައިވެއެވެ. "ތަރުބިޔަތަކީ އިޖުތިމާޢީ ގޮތުން ފަރުދު ބިނާ ކުރުމެވެ. މުޖުތަމަޢުގެ އާދަކާދަ އާއި ބަހާތަކާއި މަޢުލޫމާތު ފޯރުކޮށްދީ މުޖުތަމަޢު ބިނާ ވެފައިވާ ފިކުރާއި ވިސްނުމުގެ މައްޗަށް އޭނާ ހޭނުވުމެވެ." (އިބުނު ޚަލްދޫން 533).

އެހެން ކަމުން ފަރުދެއް ތަރުބިޔަތު ކުރުމުގައި މުޖުތަމަޢާއި މުޖުތަމަޢުން ޤަބޫލު ކުރާ ވިސްނުމާއި ވަށައިގެން ދުނިޔޭގައި ހިންގާ އެންމެހާ ކަންކަމާއި ހެޔޮ މަޢުލޫމާތު ފޯރުކޮށް ދިނުމަކީ އުނގައިދިނުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމެވެ.

އުންމީދީ މުޤައްރަރުގެ އަސާސް

އަޅުގަނޑުގެ ނަޒަރުގައި މިހާރު ޤައުމަށް ބޭނުންވަނީ މެދުމިންކަމުގެ (ވަސަޠީ) އިސްލާމީ ހަމަތަކާއެކު ސައެންޓިފިކް ޙަޤީޤަތްތައް ހިމެނިގެންވާ މޮޑަން އިސްލާމީ މުޤައްރަރަކާއި ހަރުދަނާ ތަރުބިޔަތުގެ ނިޒާމެކެވެ. ޓްރެޑިޝަނަލް މުޤައްރަރެއް އެކަންޏެއް ނޫނެވެ. އިސްލާމް މުޤައްރަރުވާން ޖެހޭނީ އެހެން މާއްދާތަކަށް ބާރުދޭ މުޤައްރަރަކަށެވެ. މުޤައްރަރު ވާންޖެހޭނީ ދުނިޔެ އާއި ދަރިވަރު އުޅޭ މާހައުލަށް ރިޢާޔަތް ކުރެވިފައިވާ ފަސޭޙަ ފިލާވަޅުތަކާއި ފަސޭހަ އިޞްޠިލާޙުތަކުގެ މައްޗަށް ޤާއިމުވެފައިވާ މަންހަޖަކަށެވެ. ދުނިޔެ އާއި ޤައުމުގެ ޙާލަތަށް އަންނަ ބަދަލުތައް ދިރާސާ ކުރެވި ކަނޑައެޅޭ ވަކި މުއްދަތަކުން އިސްލާމީ މުޤައްރަރު ތަކުރާރުކޮށް ތަރައްޤީ ވެގެން އަންނަންޖެހޭނެ ކަމަށް ދެކެމެވެ.

އިސްލާމްކަމާއި އީމާންކަމުގެ ރުކުންތަކަކީ ބަދަލު އަންނާނެ ކަންކަމެއް ނޫނެވެ. ވަރަށް ގިނަ އެހެން ކަންކަން ދުނިޔެއަށް އަންނަ ބަދަލުތަކާ ޙާލަތާއެކު ތަރައްޤީވެގެން ދެއެވެ. އިސްލާމްދީނުގެ ރުކުންތަކާ ގުޅޭ ކަންކަމުގައި ވެސް ސައިންސްގެ ޙަޤީޤަތްތައް ގެނެވެންހުރި ކަންކަމުގައި ގެނެވިދާނެ އެވެ. އިސްލާމް ދީނުގެ ކަންކަން ބިނާ ވެގެންވަނީ ޤުރުއާނާއި ސުންނަތާއި އިޖުމާޢު އާއި ބުއްދީގެ ހަމަތަކުގެ މައްޗަށެވެ. އަދި ޢިލްމުވެރިންގެ ޤިޔާސްކުރުމާއި (Analogical Reason) އިޖުތިހާދު (Physical or, Mental Effort) އަކީ ވެސް ބުއްދީގެ ޢަމަލެކެވެ.

އިސްލާމްދީން ޤާއިމުވެގެންވަނީ ވަޙީ އާއި ސަލާމަތް ބުއްދި ޤަބޫލު ކުރާ ހަމަތަކުގެ މައްޗަށެވެ. ސައެންސަކީ ވެސް ވިސްނުމާއި ފިކުރާއި ބުއްދި ބޭނުން ކުރުމުގެ ނަތީޖާ އެވެ. މި ޒަމާނަކީ ސައެންސާއި ޓެކްނޮލަޖީގެ ޒަމާނެވެ. މި ޒަމާނުގައި އިސްލާމްދީން ފޯރުކޮށް ދިނުމުގައި ސައެންސްގެ ބޭނުން ކުރަން ޖެހެ އެވެ.

މިއަދުގެ ޒުވާނުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދޭންވީ ވަޙީއާއެކު ޢިލްމުގެ ޒަރިއްޔާއިންނެވެ. ﷲ ވޮޑިގެންވާ ކަމުގެ ޢިލްމީ އެތައް ޙަޤީޤަތްތަކެއް ވެއެވެ. ކެއުމުގެ ކުރިން އަތް ދޮވުމަށް ވެސް އިސްލާމްދީނުގައި އަންގަވާފައި އޮންނަ އޮތުމަށް މި ޒަމާނުގެ ސައިންސް ތާއީދު ކުރެއެވެ. އޫރު މަސް ޙަރާމް ކަމަށް އޮންނަ އޮތުމުގެ ސަބަބު ސައެންސްއިން އެބަ ހާމަކޮށް ދެވެއެވެ. ބަނގުރާ ބުއިން މަނާ ކުރެއްވިފައިވާ އިރު ބަނގުރާ ބުއިމުން ސިކުނޑި އާއި ފުއްޕާމެއާއި ހިތަށް ލިބޭ ގެއްލުން ސައެންސުން އެބަ ސާބިތު ކުރެ އެވެ. ވާރޭ ވެހޭ ގޮތާއި ބަނޑުގައި ދަރިފުޅު އުފެދޭ ގޮތާއި އިރު ހަނދާއި ތަރިތައް ފަލަކުގައި ދައުރުވަމުންދާ ކަން ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ ގޮތުގެ ޞައްޙަކަން މިޒަމާނުގެ ޢިލްމުން އެބަ ކަށަވަރު ކޮށްދެ އެވެ. ޙުކުމްތައް ޝަރަޙަ ކުރުމުގައި ސައެންސް އިންޓަގްރޭޓް ކުރަން މިދަންނަވަނީ މިހެންވެގެންނެވެ.

އިސްވެ ދެންނެވީ ބައެއް މިސާލުތަކެވެ. މިފަދަ އެތައް ޢިލްމީ ޙަޤީޤަތްތައް ވަނީ ހާމަވެފަ އެވެ. ނުޞޫޞުތަކުގެ މުޤައްދަސްކަން ދެމެހެއްޓުމާއެކު ސައެންސްގެ ޙަޤީޤަތް ހާމަކުރަން ޖެހެނީ ފިލާވަޅު ޝަރަޙަ ކުރުމުގައި މިޒަމާނުގެ ދަރިވަރުންގެ ވިސުންމަށް ގާތް ކުރުމުގެ ގޮތުންނެވެ. ނުޞޫޞުތަކަކީ މުޤައްދަސް އެއްޗެކެވެ. އީމާންވާން ޖެހޭނީ ނުޞޫޞްތަކަށެވެ. ނުޞޫޞްތައް ޝަރަޙަ ކުރުމުގައި ޢިލްމުގެ ބޭނުން ކުރުމަކީ އިސްލާމްދީނާ ތަޢާރުޟްވާނެ ކަމެއް ނޫނެވެ.

އެކަމުގެ ސަބަބުން އީމާންކަން ވަރުގަދަ ވެގެންދާނެކަމަށް ދެކެމެވެ. ޓްރެޑިޝަނަލް ނުވަތަ ތަޤުލީދީ އުޞޫލުތައް ދޫކޮށް ދީނީ އަސާސްތައް ދެމެހެއްޓުމާއެކު ސައެންސްގެ ބޭނުން ކުރަންޖެހެ އެވެ. މަތީ ގްރޭޑްތަކުގައި ކިޔަވާ ދެވޭ ފޮތްތަކުގައި އިސްލާމީ ޔުނިވާސިޓީތަކުގެ ފެކަލްޓީތަކުގައި ކިޔަވައިދޭ ފިލާވަޅުތައް ހުރުމަކީ އެންމެ މުނާސިބު ގޮތްތޯ މަޝްވަރާ ކުރެވެންޖެހެ އެވެ. އަދި މި ޒަމާނަށް ބަލާއިރު ކޮންމެހެން އުގަންނައިދޭންޖެހޭ ކަންތައްތައް މުޤައްރަރުތަކުގައި އިތުރަށް ހިމަނައި އުނި އިތުރު ގެންނަންޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ. މުޤައްރަރުތައް އެކުލަވާލުމުގައި މައިގަނޑު ހަތަރު އަސާސަކަށް ރިޢާޔަތްކުރުން މުހިންމު ކަމުގައި ދެކެމެވެ.

1
 

ޢަޤީދާ

އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ އަސާސަކީ އޭނާގެ ޢަޤީދާއެވެ. އިސްލާމީ މުޤައްރަރެއް އެކުލަވާލެވެން ޖެހޭނީ ސިލްސިލާ ގޮތެއްގައި ޢަޤީދާއަށް ސަމާލުކަން ދެވޭ ގޮތަށެވެ. ﷲ ވޮޑިގެންވާ ކަމާއި އެކަލާނގެ އެއްކައުވަންތަކަމާއި މުޙައްމަދުގެފާނުގެ ނުބުއްވަތުގެ ތެދުކަމާއި ކީރިތި ޤުރުއާނަކީ ﷲ ގެ ކަލާންފުޅުކަމާއި ރަސޫލު ބޭކަލުންނަށް ބާވާލެއްވުނު ފޮތްތަކުގެ ތެދުކަމާއި އާޚިރަތުގެ ޙަޤީޤަތްތަކަށް އީމާންވުމަށް ބާރުއެޅުމުގެ މައްޗަށެވެ. އަދި އިސްލާމްދީނުގެ ޙައްޤުވަންތަކަން ކަށަވަރު ކުރުމާއެކު އެހެނިހެން ދީންތަކުގެ އަހުލުވެރިންނަށް އިޙުތިރާމް ކުރުމާއި އެމީހުން އަޅުކަން ކުރާ ފަރާތްތަކަށް އިސްވެ އެއްޗެތި ނުގޮވުމާއި އެއުރެންގެ އިންސާނީ ކަރާމަތު ދެމެހެއްޓުމާއި އިންސާނީ އެއްބައިވަންތަ ކަމާއި ޞުލްޙަ އާއި ޓޮލަރެންސް އާއި ޑައިލޮގަށް ބާރުލިބޭ ގޮތަށެވެ. އަދި ހަމަ އެއާއެކު ދުނިޔެ ތަޢުމީރު ކުރުމާއި ކުރިއެރުމާއި ތަރައްޤީއަކީ ޢަޤީދާއާ ޚިލާފު ކަމެއް ނޫންކަން ވެސް އުނގަންނައި ދެވެންވާނެ އެވެ.

2
 

ޞައްޙަ މަޢުލޫމާތުގެ މަޢުރިފާ

އިސްލާމީ މުޤައްރަރުތަކުގައި ހުންނަންވާނީ އެކަންކަމުގެ ޞައްޙަ ކަމާމެދު މެދު ދެބަސްވުމެއް ނެތް މަޢުލޫމާތެވެ. ދިވެހިރާއްޖެއަކީ ސުންނީ މުސްލިމުން ދިރިއުޅޭ ޤައުމެއް ކަމުން މަޢުލޫމާތު ބިނާވެފައި ހުންނަންވާނީ ސުންނީ ފިކުރުގެ މައްޗަށެވެ. ލުއި ފަސޭހަ ކަމާއި އިސްލާމްދީނުގެ ރިވެތި ޞޫރަ އުގަންނައި ދިނުމުގެ މައްޗަށެވެ. އިސްލާމްދީނަކީ ތަހުޒީބު ޙަޟާރަތެއް ބިނާ ކުރުމާއި ދުނިޔެ ތަޢުމީރު ކުރުމަށް ގޮވާލާ ދީނެއްކަން ދަސްކޮށްދެވެންޖެހެ އެވެ. ދެ ޖިންސުގެ މީހުންނަށް ޢަދުލުވެރި ޙައްޤުތައް ދީފައިވާ ދީންކަން ދަސްކޮށްދެވެންޖެހެ އެވެ. ވިސްނައި ފިކުރުކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދީންކަން ދަސްކޮށްދެވެންޖެހެ އެވެ. މުސްލިމުން ކުރި ހޯދި ވާހަކަ ކިޔަވައި ދެވެންވީ ޢައްބާސީ ދައުލަތާއި އުމަވީ ދައުލަތުގެ ތާރީޚުގައި ހިނގައި ދިޔަ ކަމެއްގެ ގޮތުގައެއް ނޫނެވެ. ކިޔަވައިދެވެންވީ އިސްލާމް ދީނަކީ އޭގެ ޒާތުގައި ޙަޟާރީ ދީނެއްގެ ގޮތުގަ އެވެ. މީގެ އިތުރުން އިސްލާމީ ޢިލްމާއި ޒަމާނީ ޢިލްމު އިންޓަގްރޭޓްވާންޖެހެ އެވެ. އަދި އިސްލާމްދީނަކީ ހަމަ އެކަނި އަޅުކަމުގެ ދީނެއް ނޫން ކަމާއި އެއީ އަޅުކަމާއި ދުނިޔެ ބިނާ ކުރުމާއި ތަރައްޤީގެ ދީންކަން އުގަންނައި ދެވެންވާނެ އެވެ.

3
 

އިޖުތިމާޢީ ވެށި ރިޢާޔަތް ކުރުން

އިސްލާމީ މުޤައްރަރު މުރާޖިޢާކުރާ ނަމަ ދަރިވަރުން އުޅެމުންދާ ވެއްޓާމެދު ރިޢާޔަތް ކުރުމަކީ ލާޒިމު ކަމެކެވެ. މުޅި ދުނިޔޭގެ ޙާލަތަށް ވެސް ބަލަން ޖެހެ އެވެ. ރާއްޖޭގައި ނަމަ ޒަމާނުއްސުރެ ރާއްޖޭގައި ހުރި ރިވެތި އާދަކާދަތަކާއި އަޚުލާޤަށް ރިޢާޔަތް ކުރެވެން ޖެހެއެވެ. އަދި ރާއްޖެއަކީ ޓުއަރިޒަމްގެ މައްޗަށް އިޤުތިޞޯދު ބިނާ ވެފައިވާ ޤައުމެއް ކަމުން ބޭރުން އަންނަ މެހުމާނުނަށް އެމީހުންގެ ދީނަށް ބެލުމެއްނެތި އިޙުތިރާމް ކުރުމާއި ކަމޭހިތުމުގެ ވާހަކަ މުޤައްރަރުތަކުގައި ހިމެނުމަކީ މުހިންމު ކަމެކެވެ.

މެހުމާނުންގެ ދީނަށް ބެލުމެއްނެތި މެހުމާނުންނަށް ކަމޭހިތުމަކީ އިސްލާމްދީނުގެ އެންމެ ރިވެތި އެއް އަޚުލާޤެވެ. އިޖުތިމާޢީ ކަންކަމުގެ ތެރޭގައި ޢާއްމު ކަންކަމާއި ޚާއްޞަ ކަންކަމާއި އެއް ދުވަހުން އަނެއް ދުވަހަށް ބަދަލުވެގެންދާ ކަންކަން ހުންނާނެ ކަން ރިޢާޔަތް ކުރެވެން ޖެހެ އެވެ. ރިވެތި އަޚުލާޤު ދަސްކޮށް ދިނުމުގެ މައްޗަށް މުޤައްރަރު ތައް އެކުލަވާލެވެންޖެހެ އެވެ. އަދި މިއާއެކު ދަންނަންޖެހޭ ޙަޤީޤަތަކީ މުޖުތަމަޢަކީ މިއަދު ހަމަ އެކަނި އަޅުގަނޑުމެން އުޅޭ ރަށެއް ނޫން ކަމެވެ. މިއަދު މުޖުތަމަޢަކީ މުޅި ދުނިޔެ އެވެ. އަވަށްޓެރިއަކީ ޖެހިގެން ހުންނަ ގޭގައި އުޅޭ މީހާ އެކަންޏެއް ނޫނެވެ. ޖެހިގެން ކައިރީގައި ސައިކަލުގައި ނުވަތަ ކާރުގައި އިންނަނީ ވެސް އަވަށްޓެރިއެކެވެ. ޖެހިގެން އޮންނަ ޤައުމަކީ ވެސް އަވަށްޓެރިއެކެވެ. އެމީހެއްގެ ދީނަށް ބެލުމެއްނެތި އަވަށްޓެރިންގެ ޙައްޤުތައް އަދާ ކުރުމަށް އިސްލާމްދީނުގައި އައިސްފައި ވެއެވެ.

މި ދުނިޔޭގައި ތަފާތު ވިސްނުންތަކާއި ތަފާތު ދީންތަކުގެ މީހުން އުޅޭ ކަމާއި މިއީ ދުނިޔޭގެ ފިޠުރަތުކަން ދަސްކޮށްދެވެން ޖެހެ އެވެ. އެއްބަޔަކު އަނެއް ބަޔަކަށް އިޙުތިރާމް ކުރަން ދަސްކޮށްދެވެން ޖެހެއެވެ. ވިސްނައި ފިކުރުކުރަން ދަސްކޮށްދެވެން ޖެހެއެވެ. މަސައްކަތުގެ ހުނަރު ދަސްކޮށްދެވެންޖެހެ އެވެ. އޯގާތެރިވާން ދަސްކޮށް ދެވެން ޖެހެއެވެ. އިޖުތިމާޢި އާދަކާދައާއި ޘަޤާފަތާއި ދީނީ ކަންކަމުގައި ހުންނަ ތަފާތު ދަސްކޮށް ދެވެންޖެހެ އެވެ. މިސާލަކަށް ޢަރަބި ޤައުމެއްގެ މީހުން ޖުއްބާލާތީވެ އެއީ ދީނީ ކަމެއްކަމަށް ދެކިގެން އެހެން ޤައުމެއްގެ ބަޔަކު ޖުއްބާލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ޖުއްބާލުމަކީ ފޭރާން އެޅުމުގެ ސަޤާފަތެކެވެ. އެއީ ދީނީ ކަމެއްނޫނެވެ.

4
 

ދަރިވަރުންގެ ސައިކޮލޮޖީ

މުޤައްރަރު އެކުލަވާ ލެވިގެންދާއިރު ދަރިވަރުންގެ ނަފްސާނީ ޙާލަތު ދިރާސާ ކުރެވެން ޖެހެއެވެ. ފިލާވަޅުތައް ތަރުތީބު ކުރުމުގައި ކުދިންގެ ޢުމުރުފުރާ އަށް ރިޢާޔަތްކުރުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. އެ މަރުޙަލާއަކާ ނުގުޅޭ މަޢުލޫމާތު ހިމެނުމަކީ ދަރިވަރު އެއާމެދު ފޫހި ވެދާނެ ކަމެކެވެ، އިސްލާމް ދީނަކީ ދަސްކުރާ އެއްޗަކަށް ވުރެން ޕްރެކްޓިކަލް ދީނެކެވެ. ދަސްކުރަންޖެހޭ ބައެއް ކަންކަން ނުހުންނަ ވާހަކަ އެއް ނޫނެވެ. މިސާލަކަށް ކުޑަކުއްޖެއްގެ ގާތުގައި ނަޢަމް ސޫފީގެ (ހަން) (ދިބާޣު) ކުރާ ވާހަކަ ބުނީމާ އެފަދަ މާޙައުލުގައި އުޅެބޮޑުވެފައި ނުވާ ކުއްޖަކަށް އެއީ ނަގައިގަންނަން ފަސޭހަ ކަމަކަށް ނުވެދާނެއެވެ.

މަތީ ޘާނަވީ މަރުޙަލާގައި އިނގިރޭސި ބަހުން އިސްލާމް މާއްދާގެ މުޤައްރަރު ކަނޑައަޅައި ކިޔަވައި ދިނުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ތާއީދު ކުރާ ކަމެއްކަމުގައި ވެސް ދަންނަވަމެވެ. ސަބަބަކީ އެ މަރުޙަލާއަކީ ޝަޚުޞިއްޔަތު ބިނާ ވެގެން މުޖުތަމަޢަށް ނިކުންނަ މަރުޙަލާ ކަމުން އެ މަރުޙަލާގެ މުޤައްރަރު ތަޢުލީމީ ނިޒާމުގެ ރަސްމީ ބަހުން ކިޔަވައި ދިނުމުން އެ މާއްދާ ކިޔަވާ ދޭން އަންނާނީ ވެސް ދުނިޔަށް ލޯހުޅުވިފައިވާ މޮޅު އުސްތާޛެކެވެ. ރާއްޖެއިން ބޭރުގެ އުސްތާޒުންނަށް ވެސް އެއިރުން ކިޔަވައި ދެވޭނެ އެވެ. ކޮންމެ ކޮންމެ ކޯހެއް ހަދާފައިވާ މީހަކަށް ކިޔަވައި ނުދެވޭނެ އެވެ. މިހެންވުމުން ރަނގަޅު އުސްތާޛަކު އައްޔަން ކުރަން ވެސް މަޖުބޫރުވެގެން ދާނެ އެވެ. މިއީ ދަރިވަރުންގެ ފިކުރާއި ޢިލްމީ ވިސްނުމަށް ހެޔޮ ބަދަލު އަންނަނާނެ ކަމެއްކަމުގައި ދެކެމެވެ.

މިކަން ކުރުމަށްޓަކައި މުޤައްރަރު ދިރާސާކޮށް އަލުން ބަލައި އުނި އިތުރު ގެންނަންޖެހޭ ފަދަ ކަމެއް ވާ ނަމަ އެކަމެއް ގެނެސް އެ މުޤައްރަރު އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވިދާނެ އެވެ. ނުވަތަ މެލޭޝިޔާ ފަދަ އިސްލާމީ ޤައުމެއްގެ މަތީ ސާނަވީގެ މުޤައްރަރުތައް ހުރި ނެތް ގޮތް ބަލައި އިސްލާމީ އާ މުޤައްރަރެއް ވެސް އެކުލަވާލެވިދާނެ އެވެ.

އަޅުގަނޑުގެ ނަޒަރުގައި މަތީ ސާނަވީ މަރުޙަލާގައި ޓްރެޑިޝަނަލް މުޤައްރަރަކަށް ވުރެ، ކޮންމެހެން ބޭނުންވާ މައުޟުތަކާއެކު އިސްލާމީ ނަޒަރަކުން އިންސާނީ ޙައްޤުތަކާއި ޞުލްޙައާއި ބައިނަލްއަޤުވާ ގުޅުމާއި އިސްލާމްދީނާއި އެހެންދީންތަކުގެ ގުޅުމާއި ދީނާއި ދައުލަތާއި ޓެރަޒިމާއި އިސްލާމީ ނަޒަރަކުން އަންހެނުންގެ ޙައްޤުތަކާއި އިސްލާމީ ނަޒަރަކުން ޓޮލަރެންސާއި ކްރިޓިކަލް ތިންކިން އާއި މިބާވަތުގެ ތަފާތު ޓޮޕިކްތަކަށް އަލިއަޅުވާލެވެންޖެހެ އެވެ. އަދި ޙައްޖަތުލްވަދާޢުގެ ޚުޠުބާ އާއި މަދީނާގެ ދުސްތޫރުގެ އަސާސްތައް އުނގަންނައި ދިނުމަކީ ވެސް މިޒަމާނުގައި ބޭނުންތެރި ކަމެކެވެ. އިސްލާމްދީނަކީ ރަޙުމަތުގެ ދީނެވެ. ޢާލަމްތަކަށް އޮތް ރަޙުމަތެކެވެ. ލަޢުނަތެއް ނޫނެވެ.

ހަނގުރާމަތަކުގެ ޙަޤީޤަތް

ދިވެހިރާއްޖެއަށް ކުރިމަތިވަމުންދާ އިލްޙާދީ ވިސްނުންތަކާއި ޙައްދުފަހަނައެޅުމުގެ ވިސްނުންތަކުން ރާއްޖެ ސަލާމަތްކޮށް ޤައުމީ ސަލާމަތު ރައްކާތެރިކުރަން އިސްލާމީ މުޤައްރަރުތައް ތަރައްޤީ ކުރާ ނަމަ ހަނގުރާމަތަކާ ގުޅޭ ޞައްޙަ މަޢުލޫމާތު ތަފްޞީލްވާން ޖެހޭނެ އެވެ. ސަބަބެއް ނެތި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްވެސް ބަޔަކާ ހަނގުރާމަ ކުރައްވާފައި ނެތެވެ. ސަބަބުތައް ރަނގަޅަށް ބަޔާން ނުކުރެވޭ ނަމަ ދަރިވަރުންގެ ވިސްނުމަށް އަންނާނީ ދީނަކީ ހަނގުރާމަ ކުރުން ކަމެވެ.

އިސްލާމް ނޫން ކޮންމެ ބަޔަކާ ހަނގުރާމަ ކުރުމެއް ނޯވެއެވެ. އިސްލާމީ ނަޒަރަކުން ހަނގުރާމައަކީ ރައްޔިތުންނާއި ދައުލަތުގެ ސިޔާދަތާ ގުޅޭ ދިފާޢީ ކަމެކެވެ. ހަނގުރާމަ ފަރުޟު ކުރެވުނީ ވެސް މަދީނާ އާއި މުސްލިމުންނަށް ކުރިމަތިވި ނުރައްކަލާއި އަނިޔާތަކުން ސަލާމަތްވުމުގެ މަގެއްގެ ގޮތުގައެވެ. ބަދުރު ހަނގުރާމަ ކުރަންޖެހުނީ ޤުރައިޝުން މުސްލިމުންގެ މުދާތައް ފޭރި އަނިޔާވެރި ވުމުންނެވެ. އުޙުދު ހަނގުރާމަ ކުރީ ޤުރައިޝުން މަދީނާއާ ހަމައަށް އައިސް މުސްލިމުންނަށް ޙަމަލާދޭން އުޅުމުން މަދީނާއާއި މަދީނާގައި ދިރިއުޅޭ ރައްޔިތުންގެ ދިފާޢުގައެވެ.

އޭގެ ތެރޭގައި ޣައިރު މުސްލިމުން ވެސް ހިމެނެއެވެ. އަޙުޒާބު ހަނގުރާމަ ކުރީ ޤުރައިޝުން މަދީނާއާ އިދިކޮޅު އެހެން ޤަބީލާތަކަ ގުޅިގެން މަދީނާއަށް އައިސް ފޭލިގެ ޖަހައި މަދީނާއަށް ޙަމަލާ ދޭންއުޅުމުން މަދީނާގެ ދިފާޢުގަ އެވެ. ތަބޫކު ހަނގުރާމަ ކުރީ އެއިރު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއްބާރު ކަމުގައިވާ ރޫމީ ދައުލަތުން އިސްލާމީ އުންމަތް ފުނޑުފުނޑުކޮށް މުޅި ޢަރަބި ކަރައިން އިސްލާމްދީން ނައްތާލަން އުޅުމުން އެކަމުން މަދީނާއާއި އިސްލާމީ އުންމަތް ސަލާމަތް ކުރުމަށެވެ.

މައްކާ އަށް ވަދެވަޑައިގެންނެވީ ހަނގުރާމައަކާ ނުލައެވެ. މަދީނާގައި އިސްލާމީ ދައުލަތް ޤާއިމު ކުރެވުނީ ހަނގުރާމައަކާ ނުލައެވެ. އެރަށުގެ ރައްޔިތުންނެވެ. ހަނގުރާމައަކީ އިސްލާމްދީން އައުމުގެ ކުރިން ވެސް ހުރިހާ ޙަޟާރަތެއްގައި ވެސް އޮތް ކަމެކެވެ. އިސްލާމްދީން އެކަން ވަކި ހަމަތަކާއި އުޞޫލުތަކެއްގެ ތެރެއަށް ފެއްތި އެވެ. ހަނގުރާމައިގެ ވަގުތުގައި އަންހެނުންނާއި ކުޑަކުދިން ނުމެރުމަށާއި ގަސްގަހާގެހި ހަލާކު ނުކުރުމާއި އެހެން ދީންތަކުގެ މީހުން އަޅުކަން ކުރަން ތިބޭ ތަންތަނަށް ގެއްލުން ނުދިނުމަށާއި އެހެން ދީންތަކުގެ ދަންނަބޭކަލުނާއި އަޅުވެރިން ނުމެރުމަށާއި ޖަނަވާރު ވެސް ނުމެރުމަށް ކީރިތި ރަސޫލާ ވަޞިއްޔަތް ކުރައްވާފައި ވެއެވެ.

އިސްލާމްދީނުގައި އިސްކުރަނީ ޞުލްޙައެވެ. އެހެން ދީންތަކުގެ އަހުލުވެރިންނާއެކު އޮންނަ ގުޅުމުގެ އަޞްލަކީ ޞުލްޙަވެރި ކަމެވެ. ހަނގުރާމަ އިޢުލާން ކުރުމަކީ ފަރުދީ ޒިންމާއެއް ނޫނެވެ. އެއީ ދައުލަތުގެ ޒިންމާއެކެވެ. ހަނގުރާމަތަކަށް ވުރެ އިތުރު އެކަލޭގެފާނު ޞުލްޙަ އާއި އަމާންކަމަށް އަބަދުވެސް އިސްކަން ދެއްވިއެވެ.

ޙުދައިބިއްޔާގެ ޞުލްޙައިގެ މުޢާހަދާ އާއި ބަނީ ޢާދިޔާގެ ޞުލްޙައިގެ މުޢާހަދާ އާއި އަޛުރުޙުގެ ޔަހޫދީންގެ ޞުލްޙައިގެ މުޢާހަދާ އާއި ޚުޒާޢަތުގެ މުޢާހަދާ އާއި އައިލާގެ އަހުލުވެރިންގެ ޞުލްޙައިގެ މުޢާހަދާ އާއި ޖަންބާގެ ޞުލްޙައިގެ މުޢާހަދާ އާއި ނަޖްރާންގެ ފާދިރީންނާއެކު ޤާއިމު ކުރެއްވި ޞުލްޙައިގެ މުޢާހަދާ އާއި ޞުލްޙައިގެ މިފަދަ އެތައް މުޢާހަދާއެއް ޞުލްޙަވެރި ކަމާއި އަމާންކަމަށްޓަކައްޔާއި ޣައިރު މުސްލިމުންނާއެކު، ނުވަތަ ޣައިރު މުސްލިމު މައިނޯރިޓީތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ގޮތުން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤާއިމު ކުރައްވާފައި ވެއެވެ.

މަދީނާއަށް ހަނގުރާމައިގެ ޙާލަތެއް އަތުވެއްޖެ ނަމަ މަދީނާގައި ދިރިއުޅޭ ޣައިރު މުސްލިމުން މަދީނާގެ ދިފާޢުގައި ތިބޭނޭ ކަމަށް ވެސް ޞަޙީފަތުލް މަދީނާގެ މުޢާހަދާގައި ވެއެވެ. އަދި އިސްލާމީ ދައުލަތުގެ ހިޔަލުގައި އެއިރު އުޅުނު މީހުންނަށް (أهل الذمة) ކިޔެ އެވެ. ޒިންމީންނަކީ އެ ޒަމާނުގައި އިސްލާމީ ދައުލަތުގެ ހިޔަލުގައި މުސްލިމުންނާ އެއްވަރުގެ ޙައްޤުތައް ލިބިގެން ޙިމާޔަތް ލިބިގެން ދިރިއުޅެމުންދިޔަ ޣައިރު މުސްލިމުންނެވެ. މި ޒަމާނުގައި ނަމަ އެއީ ޤައުމެއްގެ ސިޓިޒަންޝިޕް އެރުވުމެވެ. ޒިންމީއަކަށް ގެއްލުމެއް ދީފި މީހަކާ ދެކޮޅަށް ޤިޔާމަތް ދުވަހުން ދަޢުވާ ކުރާނީ ތިމަންކަލޭގެފާނު ކަމުގައި ރިވާޔަތްތަކުގައި ވެއެވެ.

އަދި ޣައިރު މުސްލިމެއްގެ ބަލި ޚަބަރު ލިބިވަޑައިގެންފި ނަމަ އިތުރު އެކަލޭގެފާނު އަމިއްލަފުޅަށް އެމީހަކަށް ޒިޔާރަތް ކުރައްވާފައި ވެއެވެ. ޣައިރު މުސްލިމުންނާއެކު ވިޔަފާރީގެ މުޢާމަލާތްތައް ވެސް ހިންގެވި އެވެ. ދަރަންޏަށް ވެސް އެމީހުން އަތުން ތަކެތި ނެންގެވި އެވެ.

ފިޤުހުގެ ފޮތްތަކުގައި ޒިންމީނާ ބެހޭ ޚާއްޞަ ޗެޕްޓަރު ތަކެއް ހުރެއެވެ. ޒިންމީންގެ ޙައްޤުތަކާ ބެހޭ ގޮތުން ޚާއްޞަ ފިޤުހު ފޮތްތައް ވެސް ހުރެއެވެ. ނަބަވީ މިސްކިތުގައި އެހެން ދީންތަކުގެ ވެރިންނަށް އިސްތިޤުބާލު ކުރައްވައި މެހުމާންދާރީ ވެސް އަދާ ކުރެއްވި އެވެ.

ޢުމަރުގެފާނުގެ ޒަމާނުގައި އިސްލާމީ ދައުލަތުގެ ހިޔަލުގައި ތިބި ޣައިރު މުސްލިމު ފަޤީރުންނަށް ސަރުކާރުން ޚަރަދު ކުރި އެވެ. މިކަންކަމުން ދޭހަ ކޮށްދެނީ ކޮންމެ ޣައިރު މުސްލިމަކީ އިސްލާމުންގެ ދުޝްމަނެއް ނޫން ކަމާއި އިސްލާމްދީނުގެ ނަޒަރުގައި ހަނގުރާމައަކީ ނާދިރު ޙާލަތެއް ކަމާއި އެއީ ވަކި ދީނަކާ ދެކޮޅަށް ކުރެވޭ ކަމެއް ނޫން ކަމާއި އެއީ ދައުލަތުގެ ސިޔާދަތާއި ރައްޔިތުންގެ ދިފާޢުގައި އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ ކަމެއް ކަމެވެ. އެގޮތައް ހަނގުރާމަ ކުރުމަކީ ސަމާވީ ދީންތަކާއި ވަޟުޢީ ފަލްސަފާތަކާއި ބައިނަލްއަޤުވާމީ ޤަވާޢިދުތަކާއި އުޞޫލުތައް ޤަބޫލުކުރާ ކަމެކެވެ. އެއީ ދުނިޔޭގެ ހުރިހާ ޙަޟާރަތެއްގައި ވެސް އޮތް ކަމެކެވެ.

ރަނގަޅު އުސްތާޛެއް ތަމްރީނު ކުރުން

އިސްވެ ދެންނެވި ކަންކަމުގެ އިތުރުން މުޤައްރަރު ކިޔަވާދޭ އުސްތާޛު ވެސް ތަރައްޤީ ވާންޖެހެ އެވެ. ދީނީ މާއްދާ ކިޔަވާދޭން އަންނަ މުދައްރިސަކީ ޢިލްމީ ގޮތުން ދެރަ މީހަކަށް ވެގެން ނުވާނެ އެވެ. ކިޔަވައި ދޭން އަންނަ އިރު އޭނާ ފޭރާން އަޅާފައި ހުންނަ ގޮތާއި އޭނާގެ ބަސްމަގަކީ ވެސް ދަރިވަރުން ނަމޫނާއަކަށް ބަލާނެ ކަންކަމެވެ. މިހެންކަމުން މުދައްރިސުން ވެސް މިކަންކަމާމެދު ސަމާލުވާންޖެހެ އެވެ. ފެންވަރު މަތިކޮށް އިތުރު ތަމްރީނު ދެވޭނެ ޕްލޭނެއް ވެސް ދައުލަތުން އެކުލަވާލަންވާނެ އެވެ.

ނިންމާލަމުން

އިސްލާމީ މުޤައްރަރު އަބަދުވެސް ތަރައްޤީވާ އެއްޗަކަށްވާންޖެހޭނެ އެވެ. މުޤައްރަރުތައް އިޞްލާޙު ކުރުމުގައި އިސްލާމީ ޢަޤީދާ އަށް ލޯބި ޖައްސައި ޢަޤީދާ ޙިމާޔަތް ކުރަންވާނެ އެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ގޮތުން ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އޮންނަން ވާނީ އިސްލާމްދީނަށް ލޯބި ޖެއްސުމުގެ މައްޗަށެވެ. އަދި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި ޓޮލަރެންސް އުނގަންނައި ދިނުމާއި އިންސާނުންގެ މެދުގައި އޮންނަ ގުޅުންތައް ހެޔޮގޮތުގައި ދެމެހެއްޓުމަށް ބާރުލިބޭ ގޮތަށެވެ. މުޤައްރަރު ތަރައްޤީކުރުމުގައި ދީނީ ޢިލްމުވެރިންގެ އިތުރުން އިޖުތިމާޢީ ސިޔާސީ ޞިއްޙީ އަދި ތަޢުލީމީ ދާއިރާގެ ތަޖުތިބާކާރުންގެ މަޝްވަރާތަކެއް ބޭއްވެންވާނެ ކަމަށް ދެކެމެވެ. އަދި ޘަޤާފަތާއި ފިޤުހީ މަޒުހަބުގެ ގޮތުން ރާއްޖެއާ އެއްގޮތް ޤައުމުތަކުގެ ތަރުބަވީ ތަޖުރިބާއާއި އެޤައުމުތަކުގެ ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަކީ ބޭނުންތެރި ކަމެއް ކަމުގައި ދެކެވެ. މިއީ ޤައުމުގެ އިންޓަލެކްޗުއަލް ސެކިއުރިޓީ ޤާއިމު ކުރަން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ދެކެމެވެ. ކިތައްމެ މޮޅު މުޤައްރަރެއް އޮތަސް އެއާއެކު ރަނގަޅު ތަރުބިޔަތެއް ނުދެވޭ ނަމަ ކުރާނެ ފައިދާއެއް ނޯންނާނެ އެވެ.