މޯލްޑިވްސް ޕޮލިސް ސާވިސް

ހައްޔަރުކުރިއިރު ޖީންސް ދަށުގައި ރާފުޅިއެއް، ކަބަޑުގައި ފަސްފުޅި

ލައިގެން ހުރި ޖީންސުގެ ދަށަށް ބަނގުރާ ފުޅި ޖަހައިގެން ހުޅުމާލޭގައި އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާއަށް ހާއްސަކޮށް ފުލުހުން ހަދާފައި އޮންނަ ވަޓްސްއެޕް ގްރޫޕެއްގައި ހިއްސާ ކުރި މައުލޫމާތުތަކެއްގައި ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އޭގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭގައި ރޭ އޮޕަރޭޝަނެއް ހިންގި ކަމަށާއި ޖީންސްގެ ދަށަށް ރާފުޅިއެއް ޖަހައިގެން އުޅުނު މީހާ ހައްޔަރު ކުރީ އެ އޮޕަރޭޝަނުގައި ކަމަށެވެ.

އެ މީހާ ހައްޔަރު ކުރީ ރޭ 10:30 އެހާކަންހާއިރު އެވެ. ފުލުހުން ދިން މައުލޫމާތުތަކުގައި ވާގޮތުން އެ މީހާ ހައްޔަރު ކުރީ ހުޅުމާލޭ ރަބަރުގަސް މަގުގެ ފަސް ނަންބަރު ގޯޅީގެ ތެރެއިންނެވެ. އޭނާ ހުއްޓުވައި ބަލައި ފާސް ކުރިއިރު ޖީންސްގެ ދަށަށް ޖަހާފައިވާ ބަނގުރާ ފުޅީގެ އިތުރުން ޖީބުގައި މަސްތުވާތެކެތި ކަމަށް ޝައްކު ކުރާ ދެ ޕެކެޓް އޮތެވެ.

މީގެ އިތުރުން ކޯޓް އަމުރެއް ހޯދައިގެން ފުލުހުން ގޮސް، އޭނާ ދިރުއުޅޭ އެޕާޓްމަންޓް ބަލައި ފާސް ކުރިއިރު އެތާނގެ ބަދިގޭގެ ކަބަޑެއްގެ ތެރެއިންވެސް ފަސް ފުޅި ބަނގުރާ ފެނުނެވެ.

ބަނގުރަލާއި މަސްތުވާ ހިކި ބާވަތްތައް ހިފައިގެން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެއްސެކެވެ.