ހަބަރު

މާލޭގައި ކަދުރު ބަހަން ފަށާނީ އާދީއްތަ ދުވަހު

ސައުދީން ރާއްޖެއަށް ހަަދިޔާކުރި ކަދުރުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ބަހަން ހަމަޖައްސާފައިވާ ބައި އަންނަ އާދީއްތަ ދުވަހު ބަހާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މާލޭގެ ރައްޔިތުންނަށް ބަހަން ކަނޑައަޅާފައި ވަނީ ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން، 4،268 ކަދުރު ޕެކެޓެވެ. މާލޭ ސިޓީގައި ހިމެނެނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އެވެ.

ސިޓީ ކައުންސިލުން މިއަދު ބުނި ގޮތުގައި ކަދުރު ބާހާއިރު އިސްކަންދޭނީ، ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައި ތިބި މީހުންނަށް ކަމަށެވެ. އެގޮތުން، ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފަައި ހުރި ކޮންމެ ގެއަކަށް އެއް ކަދުރު ޕެކެޓުގެ އުސޫލުން ބެހުމަށްފަހު، ބާކީ ކަދުރު ހުސްވަން ދެން ބަހާނީ އެންމެ ފުރަތަމަ ދާ ފަރާތްތަކަށް އިސްކަންދީގެނެވެ.

ގޭބީސީތަކުން ކަދުރު ބަލާ ދާއިރު، އެ ގޭބީސީއެއްގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެންދަން ޖެހެ އެވެ. އެ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުގެ އެގްރިމެންޓުގެ އަސްލު ނުވަތަ ގޯތީގެ ރަޖިސްޓްރީގެ އަސްލުކަން އަންގައިދޭ ލިޔުމެކެވެ. މި ލިޔުމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ވެސް ގެންދަން ޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ އާއްމު ހިދުމަތްތަކާ ބެހޭ ބައިން، ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެދުނު 9.30ން މެންދުރު 12.30 އަށް އަދ ރޭގަނޑު 9.00 އިން 10.30 އަށެވެ.