ހަބަރު

ބަސް ޑްރައިވަރަކު ނިދިޖެހިގެން އަނެއްކާވެސް އެކްސިޑެންޓެއް

May 9, 2019
5

އެމްޓީސީސީގެ ބަސް ޑްރައިވަރަކު ނިދިޖެހިގެން އަނެއްކާވެސް ހުޅުމާލޭގައި އެކްސިޑެންޓެއް ވެއްޖެ އެވެ. އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު ހުޅުމާލެ ނިރޮޅު މަގު ވަޅޯ މަސް ކެފޭ ކައިރިންނެވެ. އެކްސިޑެންޓް ހިނގީ، އެމްޓީސީސީ ބަހާއި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބެއް ކަމަށް ބެލެވެނީ ބަސް ޑްރައިވަރު ނިދި ޖެހުމުގެ ސަބަބުން، ބަހުގެ ކޮންޓްރޯލް ގެއްލިގެން ކަމަށެވެ. އެކްސިޑެންޓްވި ކާރަށާއި ބަހަށް އެކިވަރުގެ ގެއްލުންވެފައިވެ އެވެ.

މިއަދު ހަވީރު ވެސް އެމްޓީސީސީގެ ބަހެއް އެކްސިޑެންޓްވެފައިވާއިރު މިދިޔަ ހޯމަ ދުވަހުގެ ހެނދުނު ވެސް އެމްޓީސީސީގެ ބަހެއް އެކްސިޑެންޓްވެ ޓޫރިސްޓަކު މަރުވެފައިވެ އެވެ. އެ އެކްސިޑެންޓް ހިނގީ ބަހުގެ ޑްރައިވަރު ނިދި ޖެހުމުގެ ސަބަބުންނެވެ.

އެ މައްސަލާގައި ބަހުގެ ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހާދިސާއާ ގުޅިގެން އެމްޓީސީސީއިން ބުނީ މަސައްކަތް ބުރަވާ ވަރަށް ޑްރައިވަރުން ލައްވާ މަސައްކަތް ނުކުރުވާ ކަމަށެވެ.