ހަބަރު

އެމްޓީސީސީގެ ލޯންޗެއް ގޮވައި ބަޔަކު ފިހި، އެކެއްގެ ހާލު ސީރިއަސް

ހުޅުމާލެ ލަކުޑި ޖެޓީގައި އޮތް އެމްޓީސީސީގެ ލޯންޗުގެ އިންޖީނުގެ ބެޓެރީ ގޮވައި އޭގައި ތިބި ތިން މީހަކު ފިހި ޒަހަމްވެއްޖެ އެވެ.

މި ހާދިސާ ހިނގީ މިއަދު 11:15 އެހާކަންހާއިރު އެވެ. ފުލުހުން ބުނީ މިއަދުގެ އެ ހާދިސާގައި އަނިޔާވި ތިން މީހުން ވެސް ހުޅުމާލޭގެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ މޫނާއި އަތް ފިހެފައިވާ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގައި އާސަންދަ ކުންފުނިން ބުނީ ފިހިފައިވާ މީހުންގެ ތެރެއިން ދެ މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ދެވަނަ މީހާގެ ހާލު ސީރިއަސް ކަމަށެވެ. އޭނާއަށް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ބުންޏެވެ.

ފެރީ ޓާމިނަލާ ކައިރިން މުދާ ބަރުކުރާ އެކަމަކު ހުޅުމާލެ ލަކުޑި ޖެޓީގެ ގޮތުގައި މަޝްހޫރުވެފައިވާ ޖެޓީގައި އޮއްވާ ލޯންޗުުގެ ބެޓެރީ ގޮވީ އެ ލޯންޗުގެ ޕެޓްރޯލް ޕަމްޕް ސްވިޗް ބަދަލު ކުރަން އުޅުމުގެ ތެރޭގައި ހުޅު ހިފައިގެނެވެ. މި ހާދިސާ ބަލައި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެމްޓީސީސީގެ ލޯންޗެއްގައި ރޯވެ ބަޔަކު ފިހުނު އިރު ރޯދަ މަހުގެ އެއްވަނަ ދުވަހު އެ ކުންފުނީގެ ބަހެއްގެ ދަށުވެ ހުޅުމާލޭގައި ބިދޭސީ އަންހެނަކު މަރުވި އެވެ. އެ ހާދިސާ ހިނގީ އެ ބަހުގެ ޑްރައިވަރު ނިދާފައި އިނދެ ބަސް ދުއްވުމުގެ ސަބަބުންނެވެ.