ރިޕޯޓް

ނަޝީދު ގޭގައި، ލައިލާ ބޭރުގައި

Jul 16, 2015
3

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، އިއްވި 13 އަހަރުގެ ޖަލު ހުކުމާއެކު ރާއްޖޭގެ މުޅި ޕޮލިޓިކަލް ޑައިނަމިކް އެކީ އެކަށް ބަދަލުކޮށްލި އެވެ. ރާއްޖޭގެ ސިޔާސީ އެކްޓިވިޒަމްގެ "މައި ސިކުނޑި" ޖަލުގައި ބަންދުވުމުން، އެމްޑީޕީގެ އަޑަށާއި ހަރަކާތްތަކަށް ވެސް ފަނޑުކަން އައެވެ. ކުރިން އޮތް ގޮތް ނޫން، ދިމާ އިދިކޮޅަށް ހަމަ ކުއްލިއަކަށް ކަންތައްތަކެއް ބަދަލުވެގެން އައެވެ.

އެކަމަކު ވެސް އެންމެން ހައިރާންކޮށްލި ބަދަލެއް އައީ އެމަނިކުފާނުގެ އަނބިކަބަލުން ލައިލާ އަލީ އަށެވެ. ނަޝީދުގެ ވެރިކަމުގައި ވެސް ލައިލާ ފެނިވަޑައިގަތީ ފިރިކަލުންގެ މަސައްކަތްތަކާ ވަރަށް ވެސް ދުރުން އުޅުއްވި ތަނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ނަޝީދުގެ ސިޔާސީ ދުނިޔޭގައި ލައިލާ އަކީ ފެންނަ މޫނެއް ނޫނެވެ.

މީގެ ކުރިން ތަކުރާރުކޮށް ޖަލުގެ ގޮޅިތަކުގައި ނަޝީދު ހޭދަ ކުރައްވަން ޖެހިވަޑައިގަތް އިރު ވެސް ލައިލާ ފެނިވަޑައިގަތީ މަޑުމައިތިރިކޮށެވެ. އެހެން ނަމަވެސް މިފަހަރު އެކަމަނާ ފެންނަނީ ތަފާތު ކޮށެވެ. ފިރިކަލުން ސަލާމަތް ކުރެއްވުމަށް ކުރެވޭ މަސައްކަތުގެ މައި ސޯބަކީ ލައިލާ އެވެ. ހާއްސަކޮށް ބޭރު ދުނިޔޭގައި ނަޝީދު ސަލާމަތް ކުރެއްވުމަށް ކުރެވޭ ސިޔާސީ މަސައްކަތްތަކުގެ ސޯބު އެކަމަނާއާ ނުލާ ނޭނބުރެ އެވެ.

އަވަހާރަކޮށްލެވުނު އިންޑިއާގެ ބޮޑު ވަޒީރު ރަޖީވް ގާންދީ އަށް އިންސާފު ހޯއްދަވާ ދެއްވުމަށް ހުވަފަތް އަނބިކަބަލުން ސޯނިޔާ ގާންދީ ނިކުންނަވައި މަސައްކަތް ފެއްޓެވި ގޮތަށް، ލައިލާގެ މަސައްކަތް ވެސް ސިފަވެގެން މި އަންނަނީ ރާއްޖޭގެ "ސޯނިޔާ" ގެ ގޮތުގަ އެވެ. އެކަމަކު އެ ހުރިހާ މަސައްކަތްތަކެއް އެކަމަނާ ކުރައްވަނީ މީޑިއާގެ ފާރަވެރި ލޯތަކާ ވީހާވެސް ދުރުގަ އެވެ. މީގެ ކުރިން ވެސް އެކަމަނާ އަބަދުވެސް ހިޔާރު ކުރެއްވީ ލޯ ޕްރޮފައިލްގެ ދިރިއުޅުއްވުމެކެވެ. އެހެންވެ، ނަޝީދުގެ ސިޔާސީ ހަޔާތުގައި ލައިލާގެ މުހިންމު ދައުރު ތިލަނުވެ އޮތީ ކަމަށް ވެދާނެ އެވެ.

އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ނަޝީދު ޖަލުން ސަލާމަތް ކުރެއްވުމަށް ކުރާ މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ލައިލާ އެކަމުގެ ތެރޭގައި އުޅުއްވާލެއް ބޮޑު ކަމެވެ. ހާއްސަކޮށް އެކަމުގައި ކުރެވޭ މަސައްކަތްތައް ހާއްސަ ސަމާލުކަމެއް ދީގެން ސީދާ ލައިލާ ދުވަހުން ދުވަހަށް ބައްލަވައި ކަމަށް އެބޭފުޅާ ވިދާޅުވި އެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދަން ލައިލާ އަށް ފެނިވަޑައިގަންނަވާ ގޮތުގެ ހިޔާލުތައް ލޯޔަރުންނަށް ވެސް ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. ބޭރު ދުނިޔޭގައި ނަޝީދު ސަލާމަތް ކުރެއްވުމުގެ މަސައްކަތްތައް ކުރެއްވުމަކީ ލައިލާ އަމިއްލަފުޅަށް ހިޔާރު ކުރެއްވި މަގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ލައިލާ މަސައްކަތްޕުޅު ފާޅުގައި ފެއްޓެވުމާ އެކު ނަޝީދު ސަލާމަތް ކުރަން މި ޕާޓީ އިން ކުރާ މަސައްކަތްތަކަށް ހަލުވި ދުވެލި އައި. ހާއްސަކޮށް ބޭރު ދުނިޔެއަށް މި ބޭއިންސާފަށް ލޯ ހުޅުވާލަ ދިނީ ލައިލާ ބޭރު ދުނިޔޭގައި ފެއްޓެވި މަސައްކަތުގެ ސަބަބުން. އެ މަސައްކަތްތަކަށް އުންމީދު އާވެފައި މި ވަނީ އެ ސަބަބާ ހުރެ،" އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ނަމަވެސް ފިރިކަލުން ސަލާމަތް ކުރެއްވުމަށް އެކަމަނާ ކުރައްވައި މަސައްކަތާއި ގުރުބާނީތަކުގެ ވާހަކަ ލައިލާ އާންމު ކުރައްވަން ބޭނުންފުޅެއް ނޫނެވެ. އޭގެ ބަދަލުގައި އެކަމަނާ އެކަން ދެކިވަޑައިގަންނަވަނީ ޒާތީ ދިރިއުޅުއްވުމާ ގުޅިފައި ހުރި މަސައްކަތްޕުޅެއްގެ ގޮތުގަ އެވެ.

ރާއްޖެއިން ބޭރުގެ ގާނޫނީ ޓީމާ އެކު އެންމެ ކައިރިން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި މި ފެންނަނީ ލައިލާ އެވެ. އދ. ގެ ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ނަޝީދުގެ މައްސަލަ ސީދާ ހުށަހެޅުއްވީ ގާނޫނީ ޓީމާ އެކު ލައިލާ ޖެނީވާޔަށް ވަޑައިގެންނެވެ. އަދި އެތަނުގައި އިންޓަނޭޝަނަލް މީޑިއާތަކާ ބައްދަލު ކުރައްވައި ފިރިކަލުންނާ މެދު އެކުރެވިފައިވާ ބޭއިންސާފު ޝަރީއަތެއްކަން ސާބިތު ކޮށްދެއްވުމަށް ނޫސްވެރިންނާ ކުރިމަތިލައްވައި ދިގު ސްޓޭޓްމަންޓެއް ދެއްވި އެވެ.

ވިދާޅުވަނީ ފިރިކަލުންގެ ސަލާމަތާ މެދު އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. ޝަރީއަތް ހިނގާ ދިޔައީ ފިރިކަލުން ހައްގުތައް މަހުރޫމް ކުރުވާފައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ސަޕޯޓަރުންނާ ސަރުކާރާއި ސަލާމަތީ ބާރުތަކުން ކުރިމަތިލައި ބިރު ދައްކަމުން ދާކަމަށް ލައިލާ ފާޅުގައި އެދުވަހު ވިދާޅުވި އެވެ. މިއީ މިފަދަ ޕޯޑިއަމްގައި މިހާ ސިޔާސީކޮށް ލައިލާ ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިކަހަލަ ހަރުކަށި ސިޔާސީ ވާހަފުޅެއް ލައިލާ ދެއްކެވި ވާހަކަ ބުނާ އަޑެއް ނާހަމެވެ.

"އަޅުގަނޑު މިތަނަށް [އެމެރިކާއަށް] އައިސްް މި ހުރީ މި ބޭއިންސާފާ ހުއްޓުވުމަށް އެމެރިކާ އދ. އާއި އިނގިރޭސި ވިލާތާއި އިންޑިއާގެ އެހީ ހޯދުމަށް،" ލައިލާ ފެއްޓެވި އެ މަސައްކަތްޕުޅުގެ މައިގަނޑު ފޯކަސް ވިދާޅުވެ ދެއްވި އެވެ.

އޭގެ ފަހުން ލައިލާ ވަނީ އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް، ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއާ ބައްދަލު ކުރައްވައި ނަޝީދާ މެދު ކުރި ޝަރީއަތާއި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތުތައް ހިއްސާ ކުރައްވައިފަ އެވެ. އަދި އޭގެ ފަހުން އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން އާއި އެހެން ވެސް ސިޔާސީ ނުފޫޒު ގަދަ އިސްބޭފުޅުންނާ އެކަމަނާ ބައްދަލު ކުރައްވައި ނަޝީދު ޖަލުން ނެރުމަށް ކުރާ މަސައްކަތަކުގައި ސަރުކާރަށް ކުރާ ކުރިއަށް ޖެއްސެވި އެވެ. އެ މަސައްކަތަށް ހުއްޓުމެއް ނުގެނެސް، މިދިޔަ ހަފްތާގައި ލައިލާ ވަނީ ޔޫރަޕްގެ ބައްރަށް ދަތުރު ކުރައްވައި، އީޔޫގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މާޓިން ޝޯލްޓްޒްއާ ބައްދަލު ކުރައްވައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާ ބޭއިންސާފު ކަންކަން ހަމަގަށް އެޅުވުމުގައި އެ ޖަމާއަތުގެ މަސައްކަތްތައް އިތުރު ކުރުމަށް އެދިވަޑައިގެންފަ އެވެ.

ނަޝީދުގެ މައްސަލައިގައި ސަރުކާރަށް ކުރިމަތިވާ ޕްރެޝަރު ތަކުގެ އެންމެ ބޮޑު އަސްލަކީ ލައިލާގެ މި ވަރުބަލިފުޅުވުމެއް ނެތް، ފިރިކަލުންނަށް ވަފާތެރިވުމާއި ލޯބި ވުމުގެ ނަމޫނާ މަސައްކަތް ނޫން އެހެން ކަމެއް ނޫނެވެ. ހާއްސަކޮށް ބޭރު ދުނިޔެ ރާއްޖެއާ ދިމާލަށް އަނބުރާލުމަށް ކުރެވޭ މަސައްކަތް ކާމިޔާބުވުމުގެ އަސްލަކީ ލައިލާ ކުރައްވައި މަސައްކަތް ކަމަށް އެމްޑީޕީ އޮތީ ހިތުން ރުހުމުން ގަބޫލުކޮށްގެންނެވެ. ހަގީގަތުގައި އެމްޑީޕީގެ މިހާރުގެ އެންމެ އިސް ޑިޕްލޮމެޓްގެ ގޮތުގައި މި ސިފަވަނީ ލައިލާ އެވެ. ބޭރު ދުނިޔޭގައި އެކަމަނާ މަސައްކަތް ނުކުރައްވާ ނަމަ، އެ އިންޖީނުގައި މިހާރު ހަކަތައެއް ނުހުންނާނެ އެވެ.

ނަޝީދުގެ މައްޗަށް ހުކުމްކޮށް ޖަލަށް ލުމާ އެކު ލައިލާ މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި، ބައްޕަވީ ކޮންތާކުކަން ދަރިންނަށް ސިއްރު ކުރެވޭ ވަރަށް ވުރެ، އެ ކުދިން ވަނީ މިހާރު މާ ބޮޑަތިވެފަ އެވެ. އެހެން ވީމާ، އެއްވެސް ކަމެއް މިހާރު ފޮރުވެން ނެތީ އެވެ. ހަމައެކަނި ފިރިކަލުން ދެކިލުމަށް ޖަލަށް ޒިޔާރަތް ކުރެއްވުމުގެ ބަދަލުގައި، ފިރިކަލުންނަށް ޓަކައި ފާޅުގައި ނިކުތުމުގެ މަގު އެކަމަނާ ވަނީ ހިޔާރު ކުރައްވައިފަ އެވެ. މިއީ ފިރިކަލުން ހުރަގޭގައި ބަންދު ވުމުގެ އެތައް އިހުސާސަކާއި ހިތްދަތި ކަމުގެ ތެރެއިން ލައިލާ ހިތްވަރު ގަދަ އަދި ތަފާތު މަސައްކަތެވެ.