ހަބަރު

އެމްޓީސީސީގެ ޑްރައިވަރުން ގަވައިދަށް ހޭލައްވާ ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކެޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބަސް ޑްރައިވަރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުތަކާއި ގަވައިދުތަކަށް ހޭލައްވާ އަހުލުވެރި ކުރުވުމަށް ތިން ދުވަހުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ފުލުހުން ބުނީ އެމްޓީސީސީގެ އިސްނެގުމުގެ މަތިން އެ ކުންފުނީގެ ބަސް ޑްރައިވަރުން، އެއްގަމު ދަތުރުފަތުގެ ގާނޫނާއި، ގަވައިދުތަކަށް އަހުލުވެރިކުރުމާއި، މަގުމަތީގެ ސަލާމަތާއި، ރައްކާތެރިކަމާއި، ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ތިން ދުވަހުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށާއި، އެ ޕްރޮގްރާމްގައި 60 ޑްރައިވަރުން ބައިވެރިވާ ކަމަށެވެ.

އެމްޓީސީސީގެ ބަސް ޑްރައިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އެ ކުންފުނީގެ ދެ ބަހެއް ވަނީ އެކްސިޑެންޓްވެފަ އެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ބަސް ދުއްވަންއިން ޑްރައިވަރަކަށް ނިދިޖެހިގެން ހިނގި އެކްސިޑެންޓެއްގައި ވަނީ ޔޫކްރެއިންގެ އަންހެނަކު މަރުވެފަ އެވެ. އެމައްސަލާގައި އެ ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށް މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން މިދިޔަ ބްރާސްފަތި ދުވަހުވެސް އެމްޓީސީސީގެ ބަސް ޑްރައިވަރަކަށް ނިދިޖެހިގެން، ބަހުގެ ކޮންޓްރޯލް ގެއްލި ވަނީ އިތުރު އެކްސިޑެންޓެއް ހިގާފައެވެ. އެކްސިޑެންޓް ހިނގީ، އެމްޓީސީސީ ބަހާއި ކާރެއް ޖެހިގެންނެވެ. އެކްސިޑެންޓްވި ކާރަށާއި ބަހަށް އެކިވަރުގެ ގެއްލުންވެފައިވެ އެވެ.