އެކްސިޑެންޓް

ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް

މިދިޔަ ބުދަ ދުވަހުގެ ރޭ އެކްސިޑެންޓެއްވެ ކުޑަ އަންހެން ކުއްޖަކު މަރުވި ހާދިސާއަށް ފަހު ހައްޔަރުކުރި އެމްޓީސީސީގެ ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް ކްރިމިނަލް ކޯޓުން ދީފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ޑްރައިވަރު ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް އިއްޔެ ހަތް ދުވަސް ދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ނިރޮޅު މަގުން ހައިވޭއަށް އަރާ މަގު ކޮޅުގައި ހިނގި ނުރައްކާތެރި މި އެކްސިޑެންޓްގައި މަރުވީ އުމުރުން 13 އަހަރު ކުއްޖެކެވެ.

ބަސް ދުއްވާ އެމްޓީސީސީން ބުނީ އެ އެކްސިޑެންޓްގައި ބަސް މަޑު ނުކޮށް ދިޔައީ އެކްސިޑެންޓެއް ވީ ކަން ނޭނގޭތީ ކަމަށް ޑްރައިވަރު ބުނި ކަމަށެވެ. އަދި އެ ވަގުތު ބަހުގައި ތިބި އެއްވެސް ފަސިންޖަރަކަށް ވެސް އެކަން އެނގިފައިނުވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.