މޯލްޑިވްސް ޕޮލިސް ސާވިސް

އެކްސިޑެންޓްގެ މަންޒަރު ދުށް މީހުންގެ އެހީތެރިކަމަށް އެދިއްޖެ

ހައިވޭގައި ރޭ އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުށް ފަރާތްތަކުގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނީ ހުޅުމާލޭ ނިރޮޅުމަގުން އައިސް ބްރިޖަށް އަރާ ހިސާބު ޓާމިނަލް ކައިރިން ރޭ އެމްޓީސީސީގެ ބަހަކާއި ސައިކަލެއްޖެހި ރޭ 10:40 ހާއިރު ހިނގާފައިވާ ނުރައްކާތެރި އެކްސިޑޭންޓް ހިނގި މަންޒަރު ދުށް ފަރާތްތަކުން އެ ސާވިސްގެ ކްރައިމް އޯގަނައިޒްޑް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅާ އެކަން ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު ވަނީ ނިޔާވެފަ އެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނީ ނިޔާވި ކުޑަ ކުއްޖާއާއި އޭނާގެ މަންމަ ދުއްވަމުން ދިޔަ ސައިކަލްގައި ފަހަތުން އައި ބަސް ޖެހި ނިޔާވި ކުއްޖާ ދުރަށް ވިއްސައިގެން ގޮސް ބިންމަތީގައި ބޯޖެހި ވަރަށް ބޮޑަށް ޒަހަމްވި ކަމަށެވެ. އަދި އެކްސިޑެންޓް ވުމުންވެސް ބަސް މަޑުނުކޮށް ދިޔަ ކަމަށްވެސް މަންޒަރުދުށް މީޙުން ބުނެ އެވެ.

ބަސް އޮޕަރޭޓް ކުރަމުން އަންނަ އެމްޓީސީސީ އިން މިއަދު ބުނީ މަޑު ނުކޮށް ދިޔައީ އެކްސިޑެންޓްވި ކަން ޑްރައިވަރަށް ނޭނގޭތީ ކަމަށެވެ. ނަމަވެސް ފުލުހުންގެ ތަހްގީގު ނިމުމުން އަޅަންޖެހޭ ފިޔަވަޅުތައް ޑްރައިވަރާމެދު އަޅާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ބަސް ދުއްވަން އިން 54 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް މި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.