އެކްސިޑެންޓް

ހައިވޭ އެކްސިޑެންޓެއްގައި އެއް އަަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

މާލެއިން ހުޅުމާލެއަށް ކުޑަ ކުއްޖަކު ގޮވައިގެން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭ ފެންސްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އެއް އަހަރާއި ނުވަ މަހުގެ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 6:44 އެހާކަން ހާއިރު އެއާޕޯޓް ރާޑަރު ކައިރީގައި ހުންނަ ހައިވޭ ފެންސުގައި ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި އެއް އަހަރުގެ ކުއްޖާގެ ބޮލުގެ ކަނާތްފަޅިން ތިން އިންޗި ވަރުގެ ތަންކޮޅެއް ކަފައިގެން ގޮސްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 46 އަހަރުގެ ފިރިހެން މީހެކެވެ. އޭނާއަށް ވެސް އަނިޔާވެފަ އެވެ. އެގޮތުން އޭނާގެ ދަތްދޮޅި އާއި ދެ ކަކޫ އަދު އުޅަބޮށި މަށައިގެން ގޮސްފައިވެ އެވެ. މިއެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާ އަށާއި ކުއްޖާއަށް ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިއަދު މެންދުރު މާލޭ ދަތުރުވެރިންގެ މާރުކޭޓު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައިވެސް ވަނީ އުމުރުން 63 އަހަރުގެ ފިރިހެނަކަށް އަނިޔާވެފަ އެވެ. އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާއިރު، ފަރުވާ ކުރުމަށްފަހު އައިޖީއެމްއެޗުން ވަނީ ދޫކޮށްލައިފަ އެވެ.