ހަބަރު

ހައިކޯޓުން އަލުން ބަލަން އެންގި ހަވީރު މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި

އެންމެ ދުވަސްވީ ނޫސް، "ހަވީރު"އާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށް، އަލުން ބަލަން އެންގި މައްސަލަ ސިވިލް ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ ފަރާތުން ކޯޓަށް ހާޒިރު ނުވުމުންނެވެ. އަލުން ބަލަން އަންގާ މައްސަލަތަކާ ބެހޭ ގަވައިދު ނޫނީ ތަހުވީލް ކުރުމާ ބެހޭ ގަވައިދުގައިވާ ގޮތުން މި މައްސަލަ ހުށަހަޅާ ފަރާތަކަށް ވާނީ ހައިކޯޓުގައި އިސްތިއުނާފުކުރި ފަރާތެވެ. އެއީ ޑރ. ޒާހިރެވެ.

ސިވިލް ކޯޓަށް 2016 ވަނަ އަހަރު "ހަވީރު" ގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އަދި މުހައްމަދު ނައީމް މައްސަލައެއް ހުށަހެޅި އެވެ. ހަވީރު ނޫސް ބަންދުކުރީ އެ މައްސަލާގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެންނެވެ.

އެ މައްސަލާގައި އެދުނީ އެ ނޫހުގެ އާމްދަނީން އެ ތިން މީހުންނަށް ލިބެންޖެހޭ ބައި ހޯދުމަށާއި ނޫސް ހިންގުމުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.

ނަމަވެސް އޭރު ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ހުކުމް ކުރެއްވީ ދައުވާގައި ނޭދޭ ގިނަ ކަންތައްތަކެއް ހިމެނުމަށްފަހު އެވެ. އެގޮތުން ހަވީރުގެ އެއްވެސް މުވައްޒަފަކަށް ދެ އަހަރުވަންދެން އެހެން ނޫހެއްގައި މަސައްކަތް ނުކުރެވޭނެ ގޮތަށް ހުކުމްކުރި އެވެ. އަދި އެ މުވައްޒަފުން އެހެން ނޫހަކަށް ގޮސްފިނަމަ ފިޔަވަޅު އަޅަން ދައުލަތުގެ މައްޗަށް އަމުރުކުރި އެވެ.

އޭގެއިތުރުން ހަވީރުގެ ވެބްސައިޓާއި އާކައިވް "ހަވީރު ނިއުސް އެޖެންސީ"ގެ މެޖޯރިޓީ ހިއްސާދާރުން ބޭނުންވާ ގޮތަށް ބަދަލުކުރުމަށް ވެސް ހުކުމްކުރި އެވެ. އެ ހުކުމް ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން ހައިކޯޓުގައި އިސްތިއުނާފުކުރެއްވީ އެވެ.

އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމްގައިވަނީ ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ދައުވާގައިވާ ކަންކަމުގެ މައްޗަށް ނޫން ކަމަށް ކަނޑައަޅައި އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓުގެ މައްވަށް ތަހުވީލްކޮށްފަ އެވެ.

ހަވީރުގެ މުވައްޒަފުން އެހެން ނޫހެއްގައި މަސައްކަތް ކުރުން މަނާކުރުމުން އެ މައްސަލަ ދައުލަތުން ވެސް ހައިކޯޓަށް ހުށަހެޅި އެވެ. އަދި އެ މުވައްޒަފުން ވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ ދެ މައްސަލަ ހައިކޯޓުގައި ކުރިއަށް ދިޔަ އެވެ. ނަމަވެސް ހުކުމްކޮށްފައެއް ނުވެ އެވެ.