ހަބަރު

ޔާމީންގެ އެކައުންޓްތައް ފްރީޒްކުރަން ސުޕްރީމް ކޯޓުގައި ޕީޖީއިން އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓްތައް ފްރީޒުކޮށްދިނުމަށް މިއަދު ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދެފި އެވެ.

ޕީޖީގެ ފަރާތުން އެގޮތަށް އެދުނީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު، ހައިކޯޓުން ބާތިލް ކުރުމާ ގުޅިގެން އެ މައްސަލަ ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމަށްފަހު އެވެ. ބާތިލްކުރި ކުރިމިނަލް ކޯޓުގެ އަމުރަކީ ޔާމީންގެ އިސްލާމިކް ބޭންކްގެ އަށް އެކައުންޓް ފްރީޒުކުރަން ނެރުނު އަމުރެވެ.

ސުޕްރީމް ކޯޓުގައި މިއަދު ޕީޖީގެ ފަރާތުން އެދުނީ ޔާމީންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފާއިވާ އެކައުންޓާއި މޮރީޝިއަސް ބޭންކްގައި ހުޅުވާފައިވާ އެކައުންޓް ވެސް ފްރީޒުކުރުމަށެވެ. އޭގެއިތުރަށް އިސްލާމިކް ބޭންކްގެ އަށް އެކައުންޓް ފްރީޒު ކުރުން ހުއްޓުވި ހައިކޯޓުގެ ހުކުމް ބާތިލް ކުރަން ވެސް ވަނީ އެދިފަ އެވެ.

މިއަދު ބޭއްވި މައްސަލާގެ އަޑުއެހުމުގައި ޕީޖީގެ ފަރާތުން ވަގުތީ އަމުރަކަށް ވެސް އެދުނެވެ. ވަގުތީ އަމުރަކަށް އެދުނީ، ހައިކޯޓުން ޔާމީންގެ އެކައުންޓްތައް ފްރީޒުކުރުން ހުއްޓުވި އަމުރަށް އަމަލު ކުރުން ފަސްކޮށްދިނުމަށެވެ. ޕީޖީގެ ފަރާތުން އެގޮތަށް އެދުނުއިރު ޔާމީންގެ އެކައުންޓްތައް ފްރީޒުކުރަން ނެރުނު އަމުރުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ މާނަކޮށްދިނުމަށް ވެސް އެދުނެވެ. މިއަދުގެ އަޑުއެހުމުގައި އެންމެ ބޮޑު ބަހުސެއް ކުރެވުނީ ވެސް އެ މާއްދާއާ ގުޅޭ ގޮތުންނެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒުކުރި އަމުރު ހައިކޯޓުން ބާތިލް ކުރީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅަ އެވެ. އެ ދެ މާއްދާއަކީ މީހެއްގެ އެކައުންޓް ފްރީޒުކުރަން އަމުރު ނެރުމުގެ އިޖުރާއަތްތައް ބަޔާންކުރާ ދެ މާއްދާ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ)ގައިވާ އެންމެ ފުރަތަމަ އެދެން ޖެހޭނީ އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށެވެ. މީހެއްގެ ބޭންކް އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށް އެދެވޭނެ ހާލަތްތައް އެ މާއްދާގައި ބަޔާންކުރެ އެވެ.

ދެން އޮތް 73 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން މޮނިޓާކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެއެވެ.

ހައިކޯޓު ހުކުމްގައި ބުނީ އެމްއެމްއޭގެ ސިޓީއާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ދެމެދު މޮނިޓަރިން އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދައުލަތަށް ލިބިގެން ގޮސްފައިވާއިރު، ދައުލަތުގެ ފަރާތުން މޮނިޓަރިން އަމުރަކަށް އެދި ހުށަހަޅާފައިނުވާ ކަމަށެވެ.

އެކަމާ ދެކޮޅު ހަދައި، މިއަދު ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ 72 ވަނަ މާއްދާގެ (ބ) އަކީ 72 ވަނަ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާއެއް ކަމަށެވެ. (ބ)ގައި ބުނަނީ ޕްރޮސިކިއުޓާ ޖެނެރަލް ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދުމަކަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށެވެ.

ޕީޖީގެ ވަކީލް އައިޝަތު ވިދާޅުވީ މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ދައުލަތުން އެންމެ ފުރަތަމަ މޮނީޓާކުރުމުގެ އަމުރަކަށް އެދުން ލާޒިމް ނުކުރާ ކަމަށެވެ. އެއީ މި މައްސަލައަކީ އެމްއެމްއޭގެ އެފްއައިިޔޫއިން ފުލުހަށް ހުށަހެޅި މައުލޫމާތުތަކާ ގުޅިގެން ކުރިއަށްދާ މައްސަލައަކަށްވެފައި އެ ޔުނިޓްގެ ފަރާތުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައީ ޔާމީންގެ އެކައުންޓްތަކުން ނުރަނގަޅު މުއާމަލާތްތަކެއް ކުރަމުންދާ ކަމަށް ޝަކުވާތީ ކަމަށެވެ.

އެ ޔުނިޓުން އެ މައުލޫމާތު ފުލުހަށް ދިނުމުން މޮނީޓާ ކުރުމުގެ އަމުރަކަށް ދައުލަތުން އެދެފިނަމަ، ދެން ވެސް ނުކުންނާނެ ނަތީޖާއަކީ ހަމަ އެފްއައިޔޫއަށް ލިބުނު މައުލޫމާތުތައް ކަމަށާއި އެއީ ގާނޫނުގެ މަގުސަދު ނޫން ކަމަށް އައިޝަތު ވިދާޅުވި އެވެ. އެއް ނަތީޖާއެއް ނުކުންނަ ގޮތަކަށް އެކަން ކުރުމުގެ މާނައެއް ނެތް ކަމަށެވެ.

ވަކީލް ވަނީ ޖިނާއީ އިޖުރާއަތުގެ 72 ވަނަ މާއްދާ، މަނާކޮށްދިނުމަށް ވެސް އެދިފަ އެވެ. އެގޮތުން މޮނީޓާ ކުރުމުގެ އަމުރާއި އެކައުންޓް ފްރީޒުކުރުމުގެ އަމުރު އެކުއެކީގައި ހުށަހެޅުމަށް އެ މާއްދާ ހުރަސް ނާޅާ ކަމަށް ކަނޑައަޅައިދިނުމަށް އެދުނެވެ.

އައިޝަތު ވިދާޅުވީ ހައިކޯޓުގެ ހުކުމް ނެރެފައިވަނީ އެކަމުގައި ރިޔާއަތް ކުރަން ޖެހޭ ހުރިހާ ގާނޫނަކަށް ވެސް ރިއާޔަތް ނުކޮށް ކަމަށެވެ. އެގޮތުން މަނީ ލޯންޑްރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން މަނާ ކުރުމުގެ ގާނޫނަށް ރިއާޔަތްކޮށްފައި ނެތް ކަމަށެވެ.

ޕީޖީގެ ވަކީލްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވީ ހައިކޯޓުގެ ހުކުމަކީ ހުރިހާ ގާނޫނަކަށް ރިއާޔަތްކޮށް ރަނގަޅަށް ނެރެފައިވާ ހުކުމެއް ކަމަށެވެ. ޖިނާއީ ތަހުގީގުތަކުގައި އަމަލު ކުރާނެ ގޮތް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާނަމަ، އިސްކަން ދޭން ޖެހޭނީ އެ ގާނޫނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރަށް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) އަކީ 72 ވަނަ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާއެއް ނޫން ކަމަށެވެ. ފްރީޒު ކުރުމުގެ އަމުރަކަށް އެދެވޭނީ މޮނީޓާ ކުރުމުގެ އަމުރަކަށް އެދުމަށްފަހުކަން ވަރަށް ސާފު ކަމަށެވެ. އެކަމުގައި އިތުރަށް އެ މާއްދާ މާނަ ކުރަން ނުޖެހޭ ކަމަށެވެ.

ޝިޔާޒު ވަނީ ޕީޖީއިން އެދުނު ކަންކަމަށް ދެކޮޅު ހައްދަވައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ޔާމީންގެ އެކައުންޓްތައް ފްރީޒުކުރުން ހުއްޓުވި ހުކުމަށް އަމަލު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދުމުގެ ޖާގައެއް މިހާރު ނެތް ކަމަށް ވިދާޅުވި އެވެ. އެއީ އެ އަމުރުތަކުގެ މުއްދަތު ހަމަވެފައިވާތީ އެވެ. އަދި ދައުލަތަށް ލިބިދާނެ ގެއްލުމަކަށް ޔާމީންގެ އެކައުންޓްތައް ފްރީޒުކުރަން ވެސް ނުޖެހޭ ކަމަށެވެ. އެއީ އެ ފައިސާ ހުރީ އޭސީސީއިން ހަދާފައިވާ އެސްކްރޫ އެކައުންޓެއްގައި ކަމަށާއި އެ ފައިސާތައް ގެއްލޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންވެ، އޭނާ އެދުނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައިދިނުމަށެވެ.

ދޮޅު ގަޑިިއިރަށް ދެމިގެންދިޔަބ އަޑުއެހުމަށްފަހު، މިއަދު ވަނީ އެ މައްސަލާގެ އަޑުއެހުންތައް ނިންމާލާފަ އެވެ. ޔާމީން ވެސް އަޑުއެހުމަށް ހާޒިރުވެވަޑައިގެން އިންނެވި ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އެއްވެސް ވާހަކަފުޅެއް ދައްކަވާފައެއް ނުވެ އެވެ. ނަމަވެސް ޝަރީއަތް ކުރިއަށްދިޔަ ވަގުތު ވަކީލުންނަށް ބައެއް އިރުޝާދުތައް ދެއްވި އެވެ. މިއީ ޔާމީން، ވެރިކަމަށްފަހު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރުމުން އެ މައްސަލަ ވެސް ޕީޖީއިން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އިޖުރާއީ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ.