ހަބަރު

ސްޓޭންޑް ބަދަލު ކުރިޔަސް ފިޔަވަޅު ނޭޅޭނެ: ޕީޖީ

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ސްޓޭންޑް ބަދަލު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ހައިކޯޓަށް އިންޒާރު ނުދެވޭނެ ކަމަށް ޕީޖީ އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

ދަށު މަރުހަލާތަކުގައި ވަކި ސްޓޭންޑެއްގައި ހުރުމަށްފަހު މަތީ މަރުހަލާތަކަށް ގޮސް ޕީޖީގެ ސްޓޭންޑް ބަދަލު ކުރުން ބަލައި ނުގަންނަ ކަމަށް ވިދާޅުވެ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ޕީޖީއަށް އިންޒާރު ދެއްވާފަ އެވެ. ފަނޑިޔާރު ވިދާޅުވީ އެގޮތަށް އަމަލު ކުރާނަމަ، ތައުދީބީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ޕީއެސްއެމްއަށް ޕީޖީ ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޒާރު ދިން ޝަރީއަތުގައި ސްޓޭންޑް ބަދަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއް ކޯޓެއްގައި ސްޓޭންޑް ބަދަލު ކޮށްގެން ވަކާލާތު ކޮށްފައިވެސް ނުވާނެ ކަމަށެވެ. ސަބަބެއް ނެތި ޕީޖީގެ ސްޓޭންޑް ބަދަލު ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

"ގިނަ ފަހަރަށް އަޅުގަނޑުމެން ނަގާފަ ހުންނަ ސްޓޭންޑްތައް މަތީ މަރުހަލާގެ ކޯޓުން އެއަށް ގޮތް ނިންމެވީމަ ހުންނާނެ ދަށު ކޯޓުގައި އެ ބާވަތުގެ މައްސަލަތަކުގައި ސްޓޭންޑް އެ ނިންމުމާ އެއްގޮތަށް ބަދަލުކޮށްފަ، އެއީ އެއްގޮތަކަށް ވެސް އަޅުގަނޑު އަޅުގަނޑުގެ ސްޓޭންޑް ސަބަބެއް ނެތި ބަދަލު ކުރަނީ އެއް ނޫން،" ޕީޖީ ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ ސްޓޭންޑްތަކަށް ބަދަލު އަންނަ ސަބަބު އެއްވެސް ފަރާތަކުން ދިރާސާ ކޮށްފައި ނުވާ ކަމަށެވެ. ދައުވާ ކުރަން ނިންމުމާއި އަނބުރާ ގެނައުމާއި އެ ނިންމުމެއް ބަދަލު ކުރުމާއި ރިވިއުކުރުމުގެ ބާރު ޕީޖީއަށް ގާނޫނު އަސާސީއިން ދީފައިވާކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ. އެހެންވެ، އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުންނާނެ ކުދި މައްސަލަތަކުގައި ސްޓޭންޑް ބަދަލުކޮށްފަ، ބޮޑަށް ހައިޕްރޮފައިލް ކޭސްތައް ނޫނީ މީޑިއާ ކަވާކުރާ ކޭސްތަކުގައި މިފަދަ ކަމެއް ވެއްޖެނަމަ މި ތިލަ ވަނީ،" ޕީޖީ ވިދާޅުވި އެވެ.

މިފަހުން ޕީޖީ ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި ސްޓޭންޑް ބަދަލު ކުރައްވާފަ އެވެ. ކުރިމިނަލް ކޯޓާއި ހައިކޯޓުގައި ޕީޖީ ވަނީ އެ މައްސަލަ ސާބިތު ކުރަންޖެހޭ ގޮތަށް ވަކާލާތު ކުރައްވާފަ އެވެ.

ނަމަވެސް އެންމެ ފަހުން އެ މައްސަލަ ސުޕްރީމް ކޯޓަށް އަދީބުގެ ފަރާތްޕުޅުން ހުށަހެޅުއްވުމުން ޕީޖީ ވަނީ އެ މައްސަލާގައި ކުރިމިނަލް ކޯޓާއި ހައިކޯޓުން އިއްވާފައިވާ ހުކުމް ގޯސް ކަމަށް ވިދާޅުވެފަ އެވެ. އެ ހުކުމް ގޯސްކަން އެނގިވަޑައިގަތީ ހެކި ދިރާސާ ކުރުމުގެ ތެރޭގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އެހެންވެ ޕީޖީގެ ވަކީލުން އެދިވަޑައިގެންފައި ވަނީ އެ ހުކުމް ބަދަލުކޮށް ދެއްވުމަށެވެ. ނަމަވެސް ކުރިމިނަލް ކޯޓާއި ހައިކޯޓުން އެ މައްސަލާގައި ހުކުމް އިއްވީ ޕީޖީ ހުށަހެޅުއްވި ހެކިތަކާއި ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕީޖީ އައިޝަތު ބިޝާމް ކުރެއްވި ބައެއް ދައުވާތައް އާ ސަރުކާރު އައި ފަހުން އަނބުރާ ގެންދަވާފައިވެސް ވެއެވެ. އޭގެ ތެރޭގައި އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން އެތައް ބަޔަކަށް އުފުލި ޓެރަރިޒަމްގެ ދައުވާތައް ހިމެނެ އެވެ. އެފަދަ ކަންކަމާ ހުރެ އެކަމަނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ކޯލިޝަންގެ މެންބަރެއް ހުށަހެޅި އެވެ. ނަމަވެސް ފަހުން އެ މައްސަލަ ވަނީ އަނބުރާ ނަގާފަ އެވެ.