ހަބަރު

އައިޖީއެމްއެޗް ހިންގުމުގައި މިނިސްޓްރީގެ ދައުރެއް ނެތް: މިނިސްޓަރު

ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗް ހިންގުމާއި ހިދުމަތް ދިނުމުގެ އިތުރުން ވަސީލަތްތައް ތަރައްގީކުރުމުގައި ވެސް ހެލްތު މިނިސްޓްރީގެ ސީދާ ދައުރެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ރާއްޖޭގެ އެތައް ބަޔަކު ހިދުމަތް ހޯދަމުން އަންނަ އައިޖީއެމްއެޗުން ހިދުމަތްތައް ދިނުމުގައި މައްސަލަތައް ދިމާވެ ޝަކުވާތައް ހެލްތު މިނިސްޓްރީ އަށް އަމާޒުކޮށްފައި ވަނިކޮންނެވެ.

ހެލްތު މިނިސްޓްރީ އިން ނޫސްވެރިންނާ ބައްދަލު ކުރައްވާ، މިނިސްޓަރު ވިދާޅުވީ، މިދިޔަ ސަރުކާރުގެ މެދެއްހާ ހިސާބުން އައިޖީއެމްއެޗު ހިންގުމުގެ މައިގަނޑު ޒިންމާތައް ހަވާލުކޮށްފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޯޑާ ކަމަށެވެ. އަދި އޭގެފަހުން އައިޖީއެމްއެޗު ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް ސަރުކާރުގެ ތެރެއިން ހަވާލުކޮށްފައި ވަނީ ރައީސް އޮފީހުގެ މިނިސްޓަރަކާ ކަމަށްވެސް އަމީން ވިދާޅުވި އެވެ.

"ހެލްތު މިނިސްޓްރީ އަކީ އައިޖީއެމްއެޗުގެ އޮޕަރޭޝަނަލް ލެވަލްގައި އައިޖީއެމްއެޗުގެ ހިންގުމުގައި އިދާރީ ގޮތުންނާއި އެނޫން ހިދުމަތްތައް ގާއިމު ކުރުމާއި އެ ހިދުމަތްތަކުގެ ތަރައްގީއާ ގުޅޭ ކަންކަމުގައި ސީދާ ގޮތެއްގައި ބައިވެރިވުން އޮތް ތަނެއް ނޫން" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ހެލްތު މިނިސްޓްރީ އަކީ ދައުލަތުގެ ސިއްހީ ކަންކަން ރެގިއުލޭޓް ކުރާ އޮތޯރިޓީ ކަމަށް ވާތީ، އެގޮތުން ހެލްތު މިނިސްޓްރީގެ ހުރި މަސްއޫލިއްޔަތުތައް ހުންނާނެ ކަމަށެވެ. އަދި، އެހެންވީމާ އައިޖީއެމްއެޗް ދުވަހުން ދުވަހަށް ހިންގުމާއި އައިޖީއެމްއެޗުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައި ހުރީ ހެލްތު މިނިސްޓްރީ އަކަށް ނޫން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، އައިޖީއެމްއެޗުގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާއަަށް ދިމާވެފައިވާ ދަތިތަކުގެ މައްސަލަތައް ފާހަގަކުރެވި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މިހާރު އަންނަނީ މަޝްވަރާ ކުރަމުން ކަމަށެވެ. އަދި، މި ކަންކަމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެންނަން ދުވަސް ނެގި ކަމުގައި ވިޔަސް، ސަރުކާރާ ގުޅިގެން އެ މައްސަލަތަކަށް ހައްލު ހޯދަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، ސިއްހީ ހިދުމަތްތައް ދޭ ތަންތަނަށް ބޭނުންވާ މުވައްޒަފުން އިތުރަށް ތަމްރީނު ކުރުމާއި ވަސީލަތާއި އިމާރާތުގެ ދަތިކަމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ގިނަ ކަމަށް ފާހަގަކުރެއްވި އެވެ.