މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ބޮޑު ގެއްލުމެއްވެފައިވާތީ ހިއްސާގެ ފައިދާ ނުބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައި، އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ފާސްކޮށްފި އެވެ.
އެމްޓީސީސީ އިން ބުނީ މިދިޔަ އަހަރު އެ ކުންފުނިން ހިއްސާގެ ފައިދާ ނުބަހަން ނިންމީ ފައިދާ ދަށްވެފައިވާތީ އާއި މި އަހަރުގެ މާލީ ހާލަތަށް ރިއާޔަތް ކޮށްފައި ކަމަށެވެ. އެ ކުންފުނިން ހިއްސާގެ ފައިދާ ނުބަހަން ނިންމިއިރު އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ ގިނަ މަޝްރޫއު ތަކެއް ހިންގާ ކުންފުނީގެ ޑިރެކްޓަރުގެ ބޯޑުން އިއްޔެ ބޭއްވި ބޯޑުގެ ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ ސާފު ފައިދާއަކީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ކެނޑުމަށްފަހު 34 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅާފަ އެވެ.
ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އިންވެސްޓްކޮށްފައިވާ އެންމެ ޒަމާންވީ އެއް ކުންފުނި ކަމަށްވާ އެމްޓީސީސީ އިން 2017 ވަނަ އަހަރު ފައިދާ އިން ހިއްސާ އަކަށް މިދިޔަ އަހަރު ވަނީ 20.9 މިލިއަން ރުފިޔާ ބަހާފަ އެވެ. އެއީ ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާ އަކަށް ފައިދާގެ ގޮތުގައި 2.6 ރުފިޔާ އެވެ. އަދި މި އަދަދު ބަހަން އެ އަހަރު ނިންމުމާއެކު އެ ކުންފުނީގައި 1980 ވަނަ އަހަރުން ފެށިގެން ގަތް ކޮންމެ ހިއްސާ އަކަށް 52 ރުފިޔާގެ ފައިދާ އެއް ޖެހުނެވެ.
އެމްޓީީސީސީ އަށް މިދިޔަ އަހަރުގެ ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 2.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2017 ވަނަ އަހަރު 97 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންވެ، މިއީ ސާފު ފައިދާ ބޮޑުތަން ދައްވުމެކެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަހު ވެސް ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ. ފުރަތަމަ ތިން މަހު އެ ކުންފުންޏަށް 45 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ.