ވިޔަފާރި ބޭންކްތަކުން މިދިޔަ އަހަރު އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުތަކުގެ 37 ޕަސެންޓް ހާއްސަ ކޮށްފައި ވަނީ ޓޫރިޒަމް ސިނާއަތަށް ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.
އެމްއެމްއޭގެ މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން އިގްތިސާދުގެ އެކި ދާއިރާތަކަށް ލޯނު ދޫކޮށްފައިވާ މިންވަރަށް
ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ޖުމުލަ އަދަދުގެ ތެރެއިން 37 ޕަސެންޓަކީ އަކީ ޓޫރިޒަމް ސިނާއަތަށް ދޫކުރި ލޯނެވެ. ނަމަވެސް ލޯނު ދޫކޮށްފައިވާ އަދަދު އެމްއެމްއޭގެ ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ.
ޓޫރިޒަމް ސިނާއަތަށް ލޯނު ދޫކުރި މިންވަރު ވަނީ އަހަރު އަހަރަށް ބަލާއިރު، ހަތް ޕަސެންޓް އިތުރުވެފަ އެވެ. މި ލޯނު އިތުރު ވެފައި ވަނީ ރިސޯޓް ތަރައްގީ ކުރުމަށާއި މަރާމާތު ކުރުމަށް ދޫކޮށްފައިވާ ބޭރު ފައިސާގެ ލޯނުގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ.
ރިސޯޓު ތަރައްގީ ކުރަން ދޫކުރި ލޯނު އިތުރުވެފައިވީ ނަމަވެސް އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ގެސްޓްހައުސް އިމާރާތް ކުރުމަށާއި ޓޫރިޒަމް ދާއިރާ އަށް ވޯކިންގް ކެޕިޓަލް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ލޯނުތައް ވަނީ މި މުއްދަތުގެ ތެރޭ ދަށް ވެގެން ގޮސްފަ އެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާ ޖުމުލަ ލޯނުގެ 21 ޕަސެންޓް ހިއްސާ ކުރަނީ އިމާރާތްކުރުމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނު ތަކެވެ. މި ދާއިރާގެ ލޯނުތައް މިދިޔަ އަހަރު ވަނީ އަހަރުން އަހަރަށް ބަލާއިރު 30 ޕަސެންޓް އިތުރުވެފަ އެވެ. މީގެ ސަބަބަކީ އަމިއްލަ ފަރާތްތަކަށް ގެދޮރު އިމާރާތް ކުރުމަށް ދިވެހި ރުފިޔާއިން ދޫކޮށްފައިވާ ލޯނުތައް އިތުރުވެގެން ދިއުމެވެ.
ވިޔަފާރީގެ ދާއިރާއަށް ބަލާއިރު، ދޫކޮށްފައިވާ ލޯނު ތަކަކީ އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ޖުމުލަ ލޯނުގެ 14 ޕަސެންޓެވެ. ހޯލްސޭލް އަދި ރީޓޭލް ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު ދަށްވުމާއެކު، ވިޔަފާރީގެ ދާއިރާއަށް ޖުމުލަކޮށް ލޯނު ދޫކޮށްފައިވާ މިންވަރު ވަނީ ދެ ޕަސެންޓް ދަށަށް ގޮސްފަ އެވެ.
ރިއަލް އެސްޓޭޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ލޯނު ހުރީ ނިސްބަތުން ހަތް ޕަސެންޓުގަ ގައެވެ. މި ދާއިރާއިން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް ވަނީ 32 ޕަސެންޓް އިތުރުވެފަ އެވެ.