އެސްޓީއޯއިން މި މަހު ދެ ވަނަ ފަހަރަށް ގެނައި ބަދަލާއެކު ރާއްޖޭގައި ތެލުގެ އަގު ހެޔޮ ވެއްޖެ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނިން ރޭ ވަނީ ޕެޓްރޯލް ލީޓަރެއް 11.39ރ. އަށް އަދި ޑީސަލް ލީޓަރެއް 11.97ރ. އަށް ހެޔޮ ކޮށްފަ އެވެ. މި ބަދަލާއެކު ޕެޓްރޯލް ލިޓަރަކުން 22ލ. އަދި ޑީސަލް ލިޓަރަކުން 14ލ. ހެޔޮވީ އެވެ.
ތެލުގެ އަގު ހެޔޮކޮށް، އެސްޓީއޯ އިން ނެރުނު ކުރު ބަޔާނުގައި ބުނީ މި ފަހަރު ތެލުގެ އަގު ހެޔޮ ކުރަން ނިންމީ، ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގު ހެޔޮވުމުގެ ސަބަބުން ކަމަށެވެ. އަދި އެސްޓީއޯ އިން އަބަދު ވެސް މަސައްކަތް ކުރަނީ ވީ އެންމެ ކުޑަ އަގެއްގައި ކަސްޓަމަރުންނަށް ތެޔޮ ފޯރު ކޮށްދިނުމަށެވެ.
އެސްޓީއޯއިން ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގަށް މިމަހުގެ ތެރޭގައި ބަދަލު ގެނައި މިއީ ދެވަނަ ފަހަރެވެ. މިމަހުގެ ހަތް ވަނަ ދުވަހު ވެސް އެ ކުންފުނިން ވަނީ ބަދަލު ގެނެސްފަ އެވެ. އެ ފަހަރު ގެނައި ބަދަލާއެކު ލިޓަރަކުން 70ލ. އަދި ޑީސަލް ލިޓަރަކުން 50ލ. ބޮޑު ވެގެން ދިޔަ އެވެ. އަދި އެ ބަދަލާއެކު އިއްޔެއާ ހަމައަށް ޑީސަލް ވިއްކަމުން ދިޔައީ ލިޓަރެއް 11.61ރ. އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކަމުން ގޮސްފައިވަނީ 12.11ރ. އަށެވެ.
ދުނިޔޭގެ ބާޒާރުގައި މިހާރު ތެލުގެ އަގު ހުރި ގޮތަށް ބަލާއިރު ސާފު ނުކުރާ ތެޔޮ ފީފާއެއް ވިއްކަނީ 67.76 ޑޮލަރަށެވެ. އަދި ސާފު ކުރި ތެޔޮ ފީފާއެއްގެ އަގު އުޅެނީ 57.91 ޑޮލަރަށެވެ.