ހަބަރު

ހުއްދަ ނެތި ވެލި ބަރުކޮށްގެން ދިޔަ ބޯޓެއް ހުއްޓުވައިފި

ލ. ހިތަދޫ ކައިރިން ވެލި ބަރުކޮށްގެން ދިޔަ ބޯޓެއް ފުލުހުން ބަަލާ ފާސް ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި ބޮޑު ބޯޓެއް ވެލި ބަރުކޮށްގެން ދާ ކަމަށް މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:10 ހާއިރު އެވެ. އަދި ފުލުހުންނަށް ސިފައިން ދިން މައުލޫމާތާ ގުޅިގެން ފުލުހުންނާއި ސިފައިން އެކީގައި އެ ބޯޓަށް އަރާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ބޯޓުގެ ރެޖިސްޓްރޭޝަން ނަންބަރާއި، ދިދައެއް ނެތް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. އަދި ބޯޓަށް ބައިވަރު ވެލި ބަރާކޮށްފައިވާ ކަމަށާއި އެ ބޯޓުގައި ތިބި މީހުން ބުނާ ގޮތުން އެ ވެއްޔަކީ ބޯޓުގައި ހުރި ބަރު ވެހިކަލްތައް ބެލެންސް ކުރަން އަރުވާފައިވާ ވެލި ކަމަށް އޭގައި ތިބި މީހުން ބުނާ ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، އެ ބޯޓަށް ވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައެއް ލިބިގެން ކަން ހާމަވާ އެއްވެސް ލިޔުމެއް ބޯޓުގައި ނެތް ކަމަށެވެ.

ގިނަ އަދަދަކަށް ވެލި ބަރާ ކޮށްގެން ދިޔަ މި ބޯޓަކީ ބްރިޖް ހެދި ކުންފުނި ގެ ނަމުގައި އެތެރެ ކޮށްފައިވާ ބޯޓެއް ކަމަށާއި، އެ ބޯޓަކީ ހުވަދު އަތޮޅުން ހައްދުން މަތީ ރިސޯޓަކަށް ދަތުރު ކުރަމުންދިޔަ ބޯޓެއް ނަމަވެސް، ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން ލ. އަތޮޅުގައި މަޑު ކުރީ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.