އެމްޑަބްލިއުއެސްސީ

މާލޭގައި ފެން ބޭނުންކުރާ މިންވަރު 46 ޕަސެންޓް އިތުރުވެއްޖެ

ވެރިރަށް މާލޭގައި އިސްކުރު ފެން ބޭނުން ކުރާ މިންވަރު ނުވަ އަހަރު ތެރޭގައި 46 ޕަސެންޓް އިތުރު ވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީގެ ހިސާބުތަކުން ދައްކައިފި އެވެ.

ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މައުލޫމާތާއި ހިސާބުތަކުގެ މައްޗަށް ބިނާކޮށް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމުކުރި ފެކްޓްޝީޓްގައި ދައްކާ ގޮތުގައި 2010 ވަނަ އަހަރު މާލޭގައި ބޭނުން ކޮށްފައި ވަނީ 24,965 މެޓްރިކް ޓަނުގެ ފެނެވެ. ނަމަވެސް މި އަދަދު 46 ގުނަ އިތުރުވެ، މިދިޔަ އަހަރު ވަނީ 36,522 މެޓްރިކް ޓަނަށް އުފުލިފަ އެވެ.

ފެނުގެ މި ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު 36,522 މެޓްރިކް ޓަނުގެ ފެން ވަނީ ބޭނުން ކޮށްފަ އެވެ. މިއީ 2017 ވަނަ އަހަރު މާލޭގައި ބޭނުންކުރި 35,117 މެޓްރިކް ޓަނުގެ ފެނާ އަޅާ ބަލާނަމަ ހަތަރު ޕަސެންޓުގެ އިތުރު ވުމެކެވެ.

މާލޭގެ ގޭބިސީތަކުގައި ފެން ބޭނުންކުރާ މިންވަރު ވެސް ދަނީ ހަލުއިކަމާއެކު އިތުރުވަމުންނެވެ. ނުވަ އަހަރު ތެރޭގައި ގޭބިސީތަކުގައި ފެން ބޭނުންކުރި އަދަދު ވަނީ 41 ޕަސެންޓަށް އިތުރުވެފަ އެވެ. ގޭ ބިސީތަކުގައި 2010 ވަނަ އަހަރު 22,389 މެޓްރިކް ޓަނުގެ ފެން ބޭނުން ކޮށްފައިވާއިރު، 2018 ނިމުނުއިރު މި އަދަދު ވަނީ 31,773 މެޓްރިކް ޓަނަށް އިތުރު ވެފައެވެ.

ވިޔަފާރިއާ ގުޅޭ ތަންތަނުން ފެން ބޭނުންކުރާ އަދަދު ވެސް ވަނީ 100 ޕަސެންޓަށްވުރެ އިތުރުވެފަ އެވެ. އެފަދަ ތަންތަނުން 2010 ވަނަ އަހަރު ބޭނުން ކޮށްފައިވަނީ 2,027 މެޓްރިކްޓަނުގެ ފެނެވެ. ނަމަވެސް 2018 ވަނަ އަހަރު މި އަދަދު ވަނީ 4,105 އަށް އިތުރުވެފަ އެވެ.