ލައިފްސްޓައިލް

ފައިމަގުގެ އީދުގެ އުފާ: މިފަހަރު މާ އުފާވެރި ހިނގުމެއް!

Jul 17, 2015

ފައިމަގުގައި އުޅެން މިދިޔަ އަހަރު ކަނޑައެޅި ވަގުތުކޮޅު "ފަނިވީ" އުޅަނދު ފަހަރު ވަދެގަނެ ދުއްވުމުންނެވެ. އެހެންވެ މި އަހަރު އޮތީ ގެއިން ނުނިކުންނަން ހިތުލައިގެންނެވެ. ނަމަވެސް ދެ ހިތެއްގައި ހުރެ މަޖީދީ މަގު ބަލައިލީމެވެ. ކަމަކުދާކަށް ނެތެވެ! މަޖީދީމަގުން ހިނގޭކަށް ނެތެވެ. މުޅި މަގު އޮތީ މީހުންނައިގެން ތޮއޖެހިފަ އެވެ. އަވަހަށް ނުކުމެއްޖައީމެވެ: ހަގީގަތުގައި ވެސް ހިނގާފައި އުޅެން ކަނޑައަޅާ "ވަގުތު ކޮޅަކީ" އުފާވެރި ވަގުތު ކޮޅެވެ. މި ވަގުތު ކޮޅު ކިތަންމެ، ކުޑަނަމަވެސް އާއިލާއެއްކޮށް އުފާކޮށްލަން ލިބުމަކީ ކުޑަކަމެއް ނޫނެވެ. އާއްމުންގެ ހިޔާލު ހުރީވެސް ހަމަ މި ގޮތަށެވެ.

"ކޮންމެ މަހަކު ވެސް އެއް ދުވަސް ފައިމަގުގައި އުޅެން ކަނޑައެޅުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް. މިކަމުން ގިނަ ބަޔަކަށް ބޮޑު އުފަލެއް ލިބިގެން ދޭ،" މަޖީދީމަގުގެ މެދުން އާއިލާ ގޮވައިގެން ހިނގަމުން ދިޔަ، މަރިޔަމް މަދީހާގެ ހިޔާލު "އަވަސް" އާ ހިއްސާކުރި އެވެ.

މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ހަވީރު މިއަދު 4-7 އަށް ފާހަގަކުރި ފައިމަގުގައި އުޅޭ ވަގުތު ކޮޅުގައި ގިނަ ބަޔަކު ފެނުނީ ވަރަށް ހަލަބޮލި ކޮށެވެ. ކުރިން ނެގިމަޑުވެ، ސައިކަލް މައްޗަށް ޖެހިފައި ތިބޭ ޒުވާން ބައްޕައިންނާއި މަންމައިން ފެނުނީ ދަރިފުޅު އަތުގައި ހިފައިގެން މަގުމަތިންނެވެ. ބައްޕައިން ކުދިން ގޮވައިގެން ދުވަނީ އެވެ. މަންމައިން ކުދިންނާއެކު ސޯސަންމަގު މެދުގައި އަތްލާ ކުޅުނީ އެވެ. ދައްތައިންގެ ކަމަކީ ކޮށްކޮއިންނާއެކު މަގުމެދުގައި ތިބެ ސެލްފީ ނެގުމެވެ. އާއްމުންގެ ނަޒަރުގައި މިފަދަ ވަގުތު ކޮޅެއް ފާހަގަ ކުރުމަކީ އާއިލީ ގުޅުން ވަރުގަދަ ވެގެންދާ ކަމެކެވެ.

"އަބަދު އުޅެން މި ޖެހެނީ މަސައްކަތުގައި. އެހެންވެ މި ގޮތަށް ލިބޭ ދުވަހެއްގައި އާއިލާ އެއްކޮށް ހިނގާލާފައި އުޅުމަކީ ލިބޭ ހިތްހަމަ ޖެހުމެއް،" އާއިލާއެކު ކުޅެން ހުރި، ހުސެއިން ރަޝީދު ބުންޏެވެ.

ފައިމަގުގައި މިއަދު ފާހަގަކުރި މި ވަގުތުކޮޅުގައި ގިނަ އަދަދެއްގެ ކުދިން ފެނުނީ ވަރަށް "ހެޕަނިން" ކޮށެވެ. އެ ކުދިންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފަލުގެ މަންޒަރެވެ. މިހެން މިކަން ނުވާނެ ސަބަބެއް ނެތެވެ. ތޮއްޖެހި، ފުރި ބާރުވެފައިވާ މާލޭގެ ގޭގޭގައި ކުދިން ކުޅެލާނެ ތަނެއް ނޯވެ އެވެ. އެހެންވެ މި ގޮތަށް ލިބޭ ވަގުތު ކޮޅަކީ ވެސް އެ ކުދިންނަށް ގިނަ ފައިދާތަކެއް ލިބޭ ވަގުތު ކޮޅެކެވެ. މިއަދު ފައިމަގުގައި އުޅުނުއިރު، ބައެއް ކުދިން ފެނުނީ ބައިސްކަލްގައި އުޅެމުން ދިޔަ މަންޒަރެވެ. މީގެ އިތުރުން މަގުމަތީގައި ފުޅުބޯޅަ ކުޅުމާއި، ޖޯކު ކިޔުމާއި ޑާންސް ކުރުން ފަދަ ކަންކަން ވެސް ކުރަމުންދިޔަ ތަން ފެނުނެވެ. އެ ކުދިން ތިބީ އުފަލުން ހެވިފަ އެވެ.

އިހު ޒަމާނުގައި އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި ގިނައިން ފެންނާނީ ކޮންމެ ވެސް ސަގާފީ ކުޅިވަރެކެވެ. ނަމަވެސް މިފަދަ ހަރަކާތްތައް މާލޭގައި އެހާ ގިނައެއް ނޫނެވެ. މިފަދަ ހަރަކާތެއް ފެނިގެން ދިޔައީ ސޯޝަލް ސެންޓަރުން ބޭއްވި "މިނިވަން އީދެވެ." މި ހަރަކާތުގައި ސަގާފި އެކި ކުޅިވަރުތައް ފެނިގެން ދިޔަ އެވެ. މީގެ އިތުރުން ހުޅުމާލޭގައި ވެސް ސަގާފީ ޕެރޭޑަކާއި ބޮޑު މަސް ނެރުން ބޭއްވި އެވެ.

މި އަހަރު އާއްމުންގެ ފަރާތުން ލިބުނު ތަރުހީބުވެސް ބޮޑެވެ. ގިނަ ބަަޔަކު މަގުމައްޗަށް ނުކުމެ، ހަރަކާތްތެރިވިއިރު، ވެހިކަލް ދުއްވާތަން އެއްގޮތަކަށްވެސް ނުފެނެއޭ ބުނެވިދާނެ އެވެ.

ކޮންމެއަކަސް، ފައި މަގުގައި އުޅެން ކަނޑައެޅި ވަގުތު ކޮޅުގެ ފައިދާ އާއިލާތަނުން ނަގައިފި އެވެ. މިފަދަ ކަންކަމުން ކުދިންނަށް ލިބެނީ އަމަށަކު އުފަލެއް ނޫނެވެ. ފައިމަގުގައި މި އަހަރުގެ އީދުގެ ހިތްހަމަ ޖެހުން ވެގެން ދިޔައީ ކުދިވެރިން ނަށް ބޮޑު މަޖާގަނޑަކަށެވެ.