ޓޫރިޒަމާ ގުޅުންހުރި ތަންތަނުގައި ކާނާ ވިހަވުމުގެ މައްސަލަތައް ފަހަކަށް އައިސް ހިނގާތީ، އެކަން ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.
ވޭތުވެދިޔަ ތިން މަސް ދުވަހަށް ބަލާއިރު ހަދަމުންދާ ރިސޯޓުތަކާއި ހިންގާ ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ކާނާ ވިހަވުމުގެ ތިން މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. މި މަހު ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި ގިނަ އަދަދެއްގެ މުވައްޒަފުން ކާނާ ވިހަވެގެން ފަރުވާދީފައި ވެއެވެ. އަދި މަރާމާތަށް ބަންދުކޮށް ހަދަމުން އަންނަ މ. އަތޮޅުގެ ހަކުރާހުރާ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް ވެސް ކާނާ ވިހަވެ ފަރުވާދޭން ޖެހުނެވެ.
މި ފަދަ މައްސަލަތަކުގެ ތެރެއަށް މިހާތަނަށް ޓޫރިޒަމް މިނިސްޓްރީން ނުވަދެ އެވެ. މި ބާވަތުގެ މައްސަލަތައް އާއްމު ގޮތެއްގައި ބަލަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެކަންޏެވެ.
ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމާ ގުޅުންހުރި ތަންތަނުގައި ކާނާ ވިހަވާ މައްސަލަ ހުއްޓުވަން އެ މިނިސްޓްރީން މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ.
"އާއިލާއާ ވަކިން މުވައްޒަފުން މަސައްކަތް ކުރަނީ. އެހެންވީމަ މި [ކާނާ ވިހަވުން] އަކީ ހިނގައިގެންވާނެ ކަންކަމެއް ނޫން. އެހެންވެ، ޓޫރިޒަމްއާ ގުޅުންހުރި ތަންތަނުގައި ކާނާ ވިހަވުމުގެ މައްސަލަތައް ކުރި އަށް އޮތްތަނުގައި ބަލާނަން،" އަލީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ އިސްކަމެއް ދެނީ ގަވާއިދުތައް ތަންފީޒު ކުރުމަށް ކަމަށާ، އެކަން ކުރައްވާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ޓޫރިޒަމް ޕްރޮޕަޓީތަކެއް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. އިންސްޕެކްޝަނަށްފަހު ފާހަގަވާ ކަންކަން އިސްލާހު ކުރަން އެ ފަރާތްތަކަށް ފުރުސަތު ދޭން ވެސް ވަނީ ނިންމާފަ އެވެ.