ހަބަރު

ވީއައިއޭ އޭޕްރަންގެ ބޮޑުބައި ނިމި، ކާގޯ ޓާމިނަލްގެ ސްޓްރަކްޗާ ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހުޅަނދު ކޮޅުގައި މަތިންދާ ބޯޓު ޕާކް ކުރަން ހަދާ އޭޕްރަންގެ މަސައްކަތުގެ ފުރަތަމަ ބައި ނިމި، އިންޓަނޭޝަނަލް ކާގޯ ޓާމިނަލްގެ ސްޓީލް ސްޓްރަކްޗާގެ މަސައްކަތް ފަށައިފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި 70،000 އަކަމީޓަރުގެ ވެސްޓް އޭޕްރަންގެ މަަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށާ، މިތަނުގެ މަސައްކަތް ނިމުނުއިރު އޭޕްރަންގެ ލައިންތައް ވެސް ކުރަހާ ނިމިފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މި އޭޕްރަންގައި ކޯޑް ސީ މަރުކާގެ ހަ މަތިންދާ ބޯޓާއި ކޯޓް އޭ މަރުކާގެ ދެ ބޯޓު އަދި ކޯޑް ސީ މަރުކާގެ އެއް ބޯޓާއެކު، ޖުމްލަ ނުވަ މަތިންދާ ބޯޓު ޕާކު ކުރެވޭނެ ކަމަށެވެ.

މި މަސައްކަތް ވެސް ކޮށްފައިވަނީ އެއާޕޯޓުގެ މައިގަނޑު ގިނަ މަސައްކަތްތައް ކުރަމުން ގެންދާ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ. ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭ ފެންވަރަށް ކޯޑް އެފް ސްޓޭންޑަޑުގެ ރަންވޭއެއް މިދިޔަ އަހަރު ވަނީ ނިންމާފަ އެވެ. އަދި މިއާއެކު އިތުރު އޭޕްރަންއެއް ވެސް މިދިޔަ އަހަރު ވަނީ ހަދާފަ އެވެ. އަދި މިހާރު ހަދަމުން ދަނީ ވީއައިއޭގައި ހަދާ ދެވަނަ އޭޕްރަން އެވެ. ފުރަތަމަ އޭޕްރަން ހަދާފައިވަނީ މާލެއާވީފަޅީގަ އެވެ. އަދި މި ފަހަރުގެ އޭޕްރަންގެ މަސައްކަތް ދަނީ ހުޅަނދު ފަރާތުގަ އެވެ.

ކާގޯ ޓާމިނަލްގެ ސްޓްރަކްޗާ ފަށައިފި

އެއާޕޯޓު އެއްކޮށް ނިމެންވާއިރަށް އެއާޕޯޓުގައި ކާގޯގެ މޫވްމެންޓް އިތުރުވާނެތީ، ވީއައިއޭގައި އާ އިންޓަނޭޝަނަލް ކާގޯ ޓާމިނަލްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބިންގާ އެޅި މި އިންޓަނޭޝަނަލް ކާގޯ ޓާމިނަލްގެ މަސައްކަތް ވެސް ކުރަނީ ބީޔޫސީޖީ ކުންފުނިންނެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށެވެ. މިތަން ތަރައްގީ ކުރަނީ އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭ ގޮތަށެވެ.

އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި ކާގޯ ޓާމިނަލް ކޮމްޕެކްސްގެ ސްޓީލް ސްޓްރަކްޗާގެ މަސައްކަތް ފަށައިފި ތަންބުތައް ޖަހައި މަސައްކަތް ހަލުވިކަމާއެކު ކުރަމުންދާ ކަމަށެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. އަދި ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) ކުންފުނިންނެވެ.މި ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

މި މަޝްރޫއުގެ ދަށުން ޗައިނާގެ ބީޔޫސީޖީއާ ހަވާލުކުރި މަސައްކަތް ދަނީ ހަލުވިކަމާއެކު ނިންމަމުންނެވެ. ނަމަވެސް ސައޫދީ ބިންލާދިން ގްރޫޕަށް ހަވާލުކުރި ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ވަނީ ސްލޯވެފަ އެވެ. އަދި މި މަސައްކަތް ހަލުވި ކުރުމަށް ސަރުކާރުން ވަނީ ސައޫދީއާ ވާހަކަ ވެސް ދައްކާފަ އެވެ. އަދި ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ނިމޭނީ ކުރިއަށް އޮތް ދެ އަހަރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.