ހަބަރު

މާބިންހުރާ މައްސަލަ ޕީޖީއިން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރަނީ

ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް އުފުލި ދައުވާ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރަން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީއިން ނިންމައިފި އެވެ.

އެ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ނިންމީ، އެ މައްސަލާގައި ކުރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ބާތިލްކުރުމަށެވެ. އަދި، މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން އަމުރު ކުރި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މިއަދު "އަވަސް"އަށް ވިދާޅުވީ އަދީބުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހައިކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން މަސައްކަތް ކުރައްވަމުންދާއިރު ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ އަލުން ބަލަން އެންގި މާބިންހުރާ މައްސަލަ ނުބަލަން ނިންމާފަ އެވެ. އެ މައްސަލަ އަނބުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާލުމަށް އެ މަޖިލީހުން ނިންމީ، ތަހުގީގަށް ނުފޫޒު ވަދެފައިވާ ކަމަށް ގަބޫލު ކުރާތީ އެވެ.

އަދީބުގެ އެހެން ހުރިހާ މައްސަލައެއް ވެސް އަނބުރާ ފޮނުވާލަން ނިންމާފައިވެ އެވެ. އެގޮތަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. އަދީބުގެ ހުރިހާ މައްސަލައެއް އަނބުރާ ފޮނުވާލުމަށް ދެކޮޅު ހެއްދެވީ އެންމެ ގާޒީއެކެވެ. އެއީ ގާޒީ އަލީ ރަޝީދު ހުސެއިންނެވެ.

ބިޝާމް މިއަދު އަވަސްއަށް އިތުރަށް ވިދާޅުވި ގޮތުގައި މިހާތަނަށް ކުރިމިނަލް ކޯޓުގެ އެ ނިންމުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ލިބިފައެއް ނެތެވެ. ބިޝާމް ވިދާޅުވީ، ހައިކޯޓުން އަލުން ބަލަން އެންގި ދެ މައްސަލަ ނުބަލަން ނިންމައި އަނބުރާ ފޮނުވާލުމުގެ އިހްތިސޯސް ކުރިމިނަލް ކޯޓަށް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ހައިކޯޓަކީ މަތީ ކޯޓެއް، އިސްތިއުނާފު ކޯޓެއް، އެ ކޯޓުން ނިންމާ ނިންމުމަކަށް އަމަލު ނުކުރަން ދަށު ކޯޓަކަށް ނުނިންމޭނެ، އެހެންވެ އަޅުގަނޑުމެން އަދިވެސް ހައިކޯޓުގެ އަމުރާ އެއްގޮތަށް މަސައްކަތް ކުރާނަން،" ޕްރޮސިކިއުޓާ ޖެނަރަލް ވިދާޅުވި އެވެ.

އެގޮތުން ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ބަންދު އިތުރު ކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް ބިޝާމް ވިދާޅުވި އެވެ. އެ މައްސަލާގައި އަދީބުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރިން އިއްވާފައި އޮތް 15 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

އޭގެއިތުރުން އެ މައްސަލާގެ ޝަރީއަތަށް އަދީބު ބަންދުގައި ބެހެއްޓުމަށް ފެންނާތީ، އޭނާގެ ބަންދަށް ހައިކޯޓުން 15 ދުވަސް ދިނެވެ. އަދި އެ 15 ދުވަސް ނިމުމުން އިތުރަށް ބަންދުގައި ބަހައްޓަން އެދޭނަމަ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދުމަށް ވެސް ހައިކޯޓުން އޮތީ އަންގާފަ އެވެ. އެ 15 ދުވަސް ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ.

ބިޝާމް ވިދާޅުވީ އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބުގެ ބަންދު އިތުރު ކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

އަދީބުގެ ޖަލު ހުކުމްތައް ބާތިލްކޮށްފައިވީ ނަމަވެސް އޭނާ އަދިވެސް ހުންނެވީ ބަންދުގަ އެވެ. އޭނާގެ މައްޗަށް މިހާރު އޮތް ހަމައެކަނި ހުކުމަކީ ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން އިއްވި 15 ދުވަހުގެ ޖަލު ހުކުމް އެކަންޏެވެ.