ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ ބަންދު އިތުރު ކުރުމަށް ކުރިމިނަލް ކޯޓުން އެދެން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
އަދީބު ބަންދުގައި ހުންނެވީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގެ ޝަރީއަތަށެވެ. އެ މައްސަލާގައި އަދީބުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރިން އިއްވާފައި އޮތް 15 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން އޮތީ އަމުރުކޮށްފަ އެވެ.
އޭގެއިތުރުން އެ މައްސަލާގެ ޝަރީއަތަށް އަދީބު ބަންދުގައި ބެހެއްޓުމަށް ފެންނާތީ، އޭނާގެ ބަންދަށް ހައިކޯޓުން 15 ދުވަސް ދިނެވެ. އަދި އެ 15 ދުވަސް ނިމުމުން އިތުރަށް ބަންދުގައި ބަހައްޓަން އެދޭނަމަ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދުމަށް ވެސް ހައިކޯޓުން އޮތީ އަންގާފަ އެވެ. އެ 15 ދުވަސް ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ.
އެގޮތަށް ހައިކޯޓުން އަންގާފައިވަނިކޮށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ އެ މައްސަލައާއެކު އަދީބުގެ ހުރިހާ މައްސަލައެއް ނުބަލަން ނިންމާފަ އެވެ. އެ މައްސަލަތައް އަނބުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާލުމަށް އެ މަޖިލީހުން ނިންމީ، ތަހުގީގަށް ނުފޫޒު ވަދެފައިވާ ކަމަށް ގަބޫލު ކުރާތީ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މިއަދު "އަވަސް"އަށް ވިދާޅުވީ ހައިކޯޓުން އަލުން ބަލަން އެންގި މައްސަލައެއް ނުބަލަން ނިންމައި އަނބުރާ ފޮނުވާލުމުގެ އިހްތިސޯސް ކުރިމިނަލް ކޯޓަށް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ހައިކޯޓަކީ މަތީ ކޯޓެއް، އިސްތިއުނާފު ކޯޓެއް، އެ ކޯޓުން ނިންމާ ނިންމުމަކަށް އަމަލު ނުކުރަން ދަށު ކޯޓަކަށް ނުނިންމޭނެ، އެހެންވެ އަޅުގަނޑުމެން އަދިވެސް ހައިކޯޓުގެ އަމުރާ އެއްގޮތަށް މަސައްކަތް ކުރާނަން،" ޕްރޮސިކިއުޓާ ޖެނަރަލް ވިދާޅުވި އެވެ.
ބިޝާމް ވިދާޅުވީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ބަންދު އިތުރު ކުރުމަށް ކުރިމިނަލް ކުރިމިނަލް ކޯޓަށް މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅުއްވާނެ ކަމަށެވެ.
އަދީބުގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އައި ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ މައްސަލަ ވެސް ބާތިލްކޮށް އަލުން ބެލުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން އޮތީ އަންގާފަ އެވެ. އެ މައްސަލަ އަނބުރާ ފޮނުވާލުމަށް ކުރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ.
އެ މައްސަލާގެ ހައިކޯޓުގެ ހުކުމް ގަބޫލު ނުކުރެވޭތީ، ސުޕްރީމް ކޯޓުގައި އިލްތިމާސްކުރަން ޕްރޮސިކިއުޓާ ޖެނަރަލް ބިޝާމް ވަނީ ނިންމަވާފަ އެވެ.
އަދީބުގެ ޖަލު ހުކުމްތައް ބާތިލްކޮށްފައިވީ ނަމަވެސް އޭނާ އަދިވެސް ހުންނެވީ ބަންދުގަ އެވެ. އޭނާގެ މައްޗަށް މިހާރު އޮތް ހަމައެކަނި ހުކުމަކީ ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން އިއްވި 15 ދުވަހުގެ ޖަލު ހުކުމް އެކަންޏެވެ.