ހަބަރު

އޭޖީ ގެނައި ބޭރުގެ ފަނޑިޔާރު ވަނީ ބިރު ދައްކާފަ: ސުޕްރީމް ކޯޓު

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމާ ގުޅޭ ގޮތުން އެސެސްމެންޓެއް ހެއްދެވުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ދައުވަތަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސައުތް އެފެކާގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ އިންޒާރު ދެއްވައި ބިރު ދައްކާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.

ޔޮހާން ކްރީގްލާ ވަނީ އެސެސްމެންޓް ހެއްދެވުމަށް މައުލޫމާތު ސާފުކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުން ސުޕްރީމް ކޯޓުން ހަމަޖައްސައިދެއްވީ ބަންޑާރަ ނައިބުގެ އެދުމުގެ މަތިންނެވެ.

އެ ބައްދަލުވުމުގައި ހިނގައިދިޔަ ކަންކަމާ ބަޔާންކޮށް ސުޕްރީމް ކޯޓުން މިއަދު އާންމުކުރި ދިގު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަދުލުއިންސާފު ގާއިމު ކުރުމުގެ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތުގައި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ އިދާރާއަކަށް ގާނޫނުއަސާސީން ލިބިދީފައިވާ އިހްތިސޯސްއި މެންޑޭޓް އަދާކުރުމާ ބެހޭގޮތުން ލަފާ ދެއްވުމަށް ވަޑައިގަންނަވާ ބައިނަލްއަގުވާމީ ކޮންސަލްޓަންޓެއްގެ ދައުރަކަށް ވާންޖެހޭނީ ޕްރޮފެޝަނަލްކަމާއި މިނިވަންކަމާއެކު، ފަންނީ ލަފާދިނުމަކަށް ކަމަށެވެ. ނަމަވެސް ރިޓަޔާޑް ޖަސްޓިސް ކްރީގްލާގެ އަމަލާއި ބަސްމަގުހުރީ އެގޮތުގެ މަތިން ނޫން ކަމަށެވެ.

"އޭނާ ސުޕްރީމް ކޯޓަށް ވަޑައިގެން ފަނޑިޔާރުންނާ ބައްދަލު ކުރެއްވީ، ޝަރުއީ ދާއިރާއާ އެއްވެސް މިންވަރަކަށް މަޝްވަރާ ކުރެއްވުމެއްނެތި އަދި ކަންތައްތައް ހިނގަމުންދާ ގޮތާމެދު ޝަރުއީ ދާއިރާގެ ބަހެއް ހޯއްދަވައި، ކަމުގެ ހަގީގަތްތައް ވެސް އޮޅުންފިލުއްވުމެއް ނެތި، ވަކި ގޮތަކަށް ވިސްނުންފުޅު ބައްޓަން ކުރައްވައިގެން އަދި ވަކި ގޮތަކަށް އަމަލު ކުރެއްވުމަށް ކުރިންސުރެ ރާއްވަވައިގެންކަން އޭނާގެ ވާހަކަފުޅުން ސާފުކޮށް އެނގޭ، އަދި ޝަރުއީ ދާއިރާއާ މެދު އޭނާގެ ވާހަކަފުޅު ހުރީ ނަފްރަތާއި ތައައްސުބުން ފުރިގެންވާ ގޮތެއްގައިކަމާއި، ފަނޑިޔާރުގެ އިސްލާހުކޮށް ތަރައްގީ ކުރުމާ ބެހޭގޮތުން ޝަރުއީ ދާއިރާގެ ވިސްނުން އޮޅުންފިލުވުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ކިބައިގައި ނެތްކަން، އޭނާ އަމަލު ކުރެއްވި ގޮތުން ކަށަވަރު ވެގެންދިޔަ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ ބައްދަލުވުމުގައި އޭނާ ދެއްކެވި ވާހަކަގައި، ކޯޓުތަކުގެ ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތި ގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަގާމު ދޫކޮށްލުން ފަދަ ގޮތެއް އިހްތިޔާރު ކުރުން ރަނގަޅުވާނެކަން ފާހަގަކުރި ކަމަށެވެ. ގާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ވަރަށް ސަރީހަ އިބާރާތުން ވަނީ ބިރު ދައްކަވައި އިންޒާރު ދެއްވާފަ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.

"އޭނާގެ ވާހަކަ ހުރީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއްގެ މައްޗަށް ބުރަވެވަޑައިގެން، ވަކި ނަތީޖާއެއް ހާސިލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ގޮތަށް، ބައިނަލްއަގުވާމީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅަކު، ފަނޑިޔާރުގެއަށް ވިޔަސް އަދި ދައުލަތުގެ އެހެން ބާރަކަށް ނުވަތަ އިދާރާޔަކަށް ވިޔަސް ބިރު ދައްކައި އިންޒާރުކުރުމަކީ ދިވެހި ދައުލަތުގެ ކަރާމަތާއި ހައިބަތަށް އިޙްތިރާމް ކުޑަކުރުމުގެ ޢަމަލުތަކެއްކަމުގައި މެނުވީ ނުވާނެކަން މި ފުރުސަތުގައި ފާހަގަކުރަން،" ބަޔާނުގައި ބުންޏެވެ.

ސުޕްރީމް ކޯޓުގެ ބަޔާނުގައި އަދުލުއިންސާފުގެ ނިޒާމް އިސްލާހު ކުރުމަށް އެ ކޯޓުން އިސްނަގައިގެން އިހްލާސްްތެރި މަސައްކަތްތަކެއް ކުރަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އިސްލާހު ކުރާނެ ގޮތާމެދު މަޝްވަރާ ކުރަން ބޭއްވި ކޮންފަރެންސް އާއި އޭގެ ފަހުން އެކުލަވާލި މަގު ޗާޓް ފާހަގަކުރި އެވެ.

ބަޔާން ނިންމާލަމުން ސުޕްރީމް ކޯޓުން އިލްތިމާސްކޮށްފައިވަނީ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުރިހަމައަށް އިހުތިރާމުކުރުމަށާއި، ސުޕްރީމް ކޯޓުން އިސްނަގައިގެން ފަނޑިޔާރުގެ އިސްލާހުކޮށް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށެވެ.