އުމުރުން 19 އަހަރުގައި އަހުމަދު ޝިހާމް ފުރަތަމަ މަސައްކަތް ކުރެއްވީ ނަކައްޗާފުށީގެ ބިލިން ކްލާކެއްގެ ގޮތުގަ އެވެ. ދާއިރާގެ ތަޖުރިބާ ނެތުމުން ކަށިން ހިތްވަރު ނެރެން ޖެހުނު އިރު ރަހުމަތްތެރިން ރިސޯޓުތަކުގައި އުޅޭއިރު ދިމާވާ މައްސަލަތަކުގެ ވާހަކަ ދިޔައީ ކެނޑިނޭޅި އިވެމުންނެވެ. އެއީ ވަޒީފާގެ ހައްގުތައް ނުލިބޭތީ ކުރާ ޝަކުވާ އެވެ. އެހެންވެ، ވަޒީފާގައި އުޅެމުން ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތެރިންގެ ހައްގުގައި ތެދުވީ އެވެ. އެ މަސައްކަތުގައި ރަހުމަތެރިންނާ ގުޅި "ޓީމް" ވުޖޫދު ކުރެއްވި އެވެ. މަސައްކަތްތެރިންގެ ހައްގުގައި ރާއްޖޭގައި އުފެއްދި ސިޔާސީ ޕާޓީ، ލޭބަ ޕާޓީގެ ޗެއާމަނަކީ އޭނާ އެވެ.
"ފުރަތަމަ ވަޒީފާ ވަރަށް ތަފާތު. އޭރު ނޭނގެ އެކައްޗެއް ވެސް. މީހުންނާ ދިމާވެ، އެ މީހުންނާ މުއާމަލާތް ކުރަން ވެސް ދަތި ވެގެން އުޅެން ޖެހުނީ. އޭރަކު ތައުލީމީ ފެންވަރު އެހާ ރަނގަޅެއް ވެސް ނޫން. ރަނގަޅަށް ވާހަކަ ދައްކަން ވެސް ނޭނގެ. އެކަމަކު ރިސޯޓުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު، ކުރިއަށް ދިޔައީ،" ފުރަތަމަ ވަޒީފާގެ ތަޖުރިބާ، ހިއްސާ ކުރައްވަމުން އަހުމަދު ޝިހާމް ވިދާޅުވި އެވެ.
ފުރަތަމަ ވަޒީފާގައި ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރެއްވި އެވެ. އޭގެ ފަހުން ވަޑައިގެންނެވީ މިހާރުގެ މަޝްހޫރު ފޯސީޒަން ކުޑަ ހުރާ ރިސޯޓަށެވެ. ޓޫރިޒަމް ދާއިރާ ހައްގުތަކާ މެދު ވިސްނަން ފެށުނީ އެ ރިސޯޓުގައި މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުގަ އެވެ. އެ ރިސޯޓުގެ މުވައްޒަފުންނަށް ދޭ ހިދުމަތްތައް އެހެން ރިސޯޓުތަކުގައި އުޅޭ ރަހުމަތްތެރިން ނަށް ނުލިބޭކަން އެނގި ވަޑައިގަތުމުން އެކަން ގަބޫލު ކުރައްވައިގެން ހުންނަވަން އޭނާއަށް އުނދަގޫވި އެވެ.
"އޭރު އެހެން ގިނަ ރިސޯޓުތަކުގައި މި ރައިޓްސް ތަކާއި ބެނެފިޓް ތަކެއް ނުލިބޭ. އެހެންވެ، އަޅުގަނޑުމެން ހިތަށް އެރީ، އަޅުގަނޑުމެންނަށް މި ރައިޓްސްތައް ލިބިފައި، އެހެން މީހުންނަށް ނުލިބުނީމަ ވާނެ ދަތި. އެހެންވެ، ރާއްޖެއަށް ވަޒީފާއާބެހޭ ގާނޫނެއް ގެންނަން މަސައްކަތް ފެށީ. އޭރަކު ޕްރައިވެޓް ސެކްޓާއަކަށް ލޭބަ ލޯއެއް ނޯވެ،" ޝިހާމް ވިދާޅުވި އެވެ.
ވަޒީފާގެ ގާނޫނަށް އިސްލާހު
އެ ދުވަސްވަރު ވަޒީފާއާބެހޭ ގާނޫނުން ހިމާޔަތް ލިބެނީ ހަމައެކަނި ސަރުކާރު މުވައްޒަފުނަށެވެ. ޕްރައިވެޓް ސެކްޓާއަކީ އެ ގާނޫނުން މާ ބޮޑު ހިމާޔަތެއް ލިބޭ ދާއިރާއަކަށް ނުވެ އެވެ. އެހެންވެ، ޝިހާމާއި އޭނާގެ އެކުވެރިންގެ މަސައްކަތަކަށްވީ ވަޒީފާއާބެހޭ ގާނޫނުގައި އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތް ކުރާ މީހުންގެ ބައި ހިމެނުމެވެ.
"ވަޒީފާއާ ބެހޭ ގާނޫނުގައި ޕްރައިވެޓް ސެކްޓާ ހިމަނަން މަސައްކަތް ކުރަން ވެގެން ފުރަތަމަ ބައްދަލު ކުރީ އޭރުގެ ޓޫރިޒަމް މިނިސްޓަރު ޝައުގީއާ. އޭނާ ވިދާޅުވީ ރައީސް މައުމޫނާ ބައްދަލު ކުރަން. އެހެންވެ، ރައީސް މައުމޫންއާ ބައްދަލު ކުރީމަ ވިދާޅުވި ތިޔަ ގޮތަށް ވަކިން އުޅުމަށްވުރެ ރަނގަޅުވާނެއޭ ޖަމިއްޔާއެެއްގެ ގޮތުގައި މަސައްކަތް ކުރަން. އެހެން ވިދާޅުވެ ލަފައެއް ދެއްވި ޖަމިއްޔާއެއް އުފައްދަން،" ޓީމް އުފެދުމުގެ ހިޔާލު އައި ގޮތް ޝިހާމް ވިދާޅުވި އެވެ.
ޝިހާމް ގަބޫލު ކުރައްވާ ގޮތުގައި ޓީމަކީ ފުރަތަމަ އެކަން ކުރަން އެނގިގެން އުފެއްދި ޖަމިއްޔާއެއް ނޫނެވެ. ޖަމިއްޔާ އުފެދުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ސިނާއަތުގައި އުޅޭ މަސައްކަތްތެރިންގެ މެދުގައި ނާއިންސާފު އިންތިހާއަށް ގޮސްފައި އޮތުމެވެ. ޝިހާމާއި ރަހުމަތްތެރިންގެ ނަސީބު އަތުގައި ހިފީ އެ ދުވަސް ވަރަކީ ރިޔާސީ އިންތިހާބު މޫސުމަށް ވުމާއި ރާއްޖޭގައި ޑިމޮކްރެޓިކް މޫމްމެންޓް ގަދަވެގެން ދިޔަ ދުވަސް ވަރަށްވުމެވެ. އޭރު ދެހާސް އަށެއްގެ ރިޔާސީ އިންތިހާބު އޮތީ ބޯމަތީގަ އެވެ.
"އެ ވަގުތު އަޅުގަނޑުމެން ލީ ޕެޓިޝަނެއް ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު އެއްވެގެން. އެ ޕެޓިޝަންގައި އޮންނާނީ، ވަޒީފާއާބެހޭ ގާނޫނުގައި ޕްރައިވެޓް ސެކްޓާ ނުހިމަނައިފިނަމަ މަސައްކަތް ހުއްޓުވާލާނަމޭ މުޅި ގައުމުގައި. އޭރު އިންތިހާބު ފަށަން އޮތީ ދެ ތިން ދުވަހަށް ވެފައި. ރައްޔިތުން މަޖިލިިސް އޮތީ ރިސެސްގައި. އެކަމަކު މަޖިލީސް ޖަލްސާއެއް ބާއްވައި ޕްރައިވެޓް ސެކްޓާ ގާނޫނުގައި ހިމެނީ،" ވަޒީފާއާބެހޭ ގާނޫނުގައި އަމިއްލަ ވިޔަފާރިތައް ހިމަނަން ކުރި މަސައްކަތް ޝިހާމް ކިޔައިދެއްވި އެވެ.
މުޒާހަރާއިން ގޯސް ތަޖުރިބާއެއް
ޓީމް އުފެދުމާއި ވަޒީފާއާބެހޭ ގާނޫނުގައި ޕްރައިވެޓް ސެކްޓާ ހިމެނުމާއެކު ދެން ފެނިގެން ދިޔައީ ހައްގު ހޯދަން އުތުރި އަރައިގަތް ތަނެވެ. ހައްގު ހޯދަން ކަންކުރާނެ ރަނގަޅު ގޮތް ނޭނގި ކުރި ބައެއް ކަންކަމުގެ ނަތީޖާއަކަށްވީ އެތައް ބަޔަކަށް އަނިޔާވެ، ގިނަ ބައެއްގެ ވަޒީފާ ގެއްލި މަގުމަތިވެ ގެއްލުންވެގެން ދިއުމެވެ. ޝިހާމް ދެކެ ވަޑައިގަންނަވާ ގޮތުގައި އެކަންވީ ހެދުނު ވަރަށް ގޯހަކަށެވެ.
"ވަން އެންޑް އޮންލީ ރީތި ރަށުގައި ހިނގި ކަމެއްގައި މުޒާހަރާ ކުރީ. އޭރު ހިތަށް އެރީ ހައްގު ލިބުނީމަ ހުރިހާ ކަމެއް ވެސް ކުރަންވީ އޭ. މުޒާހަރާ ވެސް ކުރަންވީ އޭ. އެކަމަކު ހަގީގަތުގައި މުޒާހަރާ ކުރުމަކީ އެންމެ ފަހު ކަންތައް. އޭރު ނަތީޖާއަކަށްވީ ފުލުހުން ގޮސް، މީހުން ހައްޔަރުކޮށް، ތަޅައި ބިޑިއަޅާ ހެދީ. އެއީ ވަރަށް ބޭޑު އެކްސްޕީރިއަންސެއް. އޭގެ ސަބަބުން މުޅި އިންޑަސްޓްރީން އަޅުގަނޑުމެންގެ ތެރޭގައި ތިބި ގިނަ ބަޔަކު ބްލެކްލިސްޓްވެ، ރަށުގައި ވަޒިފާ ނެތި ތިބެން ޖެހުނު،"
"އެކަމުގެ ދެރަ އިހުސާސް ވެގެން ދިވެހި މުވައްޒަފުން މާލެ މަގު މައްޗަށް ނުކުތް ދުވަހަކީ ވަރަށް ހަނދާން ހުންނަ ދުވަހެއް. އެކަމަކު އެއީ ބޮޑު ރިވޮލޫޝަނެއް. މަަސައްކަތެރިންގެ ހައްގު ހިމާޔަތް ކުރަން ކުރެވުނު ބޮޑު މަސައްކަތެއްގެ ގޮތުގައި ދެކެނީ."
"ރިސޯޓުތަކުގައި ހިނގި ހާދިސާތަކަށް ފަހު ކަންކަން ބަދަލު ކުރީ. މިހާރު މެނޭޖުމަންޓުތަކާ ވާހަކަ ދައްކައިގެން އުޅުމުން ކަންކަން ހަމަ ބަދަލުވޭ، މިއީ ކުރިން ނޭނގޭ އެއްޗެއް،" ރިސޯޓުތަކުގައި ކުރިން ކުރި މުޒާހަރާތަކުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ޝިހާމް ވިދާޅުވި އެވެ.
ހައްގު ހޯދައިދޭން ހުސްވުން
ވަޒީފާގެ ހައްގުތައް ހޯދައިދިނުމުގެ ދަތުރުރުގައި ޝިހާމް މިހާރު ހުންނެވީ މުޅިން އެހެން ހިސާބެއްގަ އެވެ. ކުރިން ވަޒީފާގައި އުޅެމުން ހައްގު ހޯދައިދޭން މަސައްކަތް ކުރެއްވި ނަމަވެސް މިހާރު އޭނާ ވަނީ ވަޒީފާ ދޫކޮށްލައްވާފަ އެވެ. ޓޫރިޒަމް ވަޒީފާގައި 26 އަހަރު މަސައްކަތް ކުރެއްވުމަށްފަހު އެ ވަޒީފާ ދޫކޮށްލެއްވީ މަސައްކަތްތެރިންގެ ހައްގުގަ އެވެ. މިހާރު ވަނީ ވަޒީފާގެ ހައްގުތަކަށް ވަކާލާތު ކުރުމަށްޓަކައި ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ.
"ފާއިތުވެ ދިޔަ 10 އަހަރު މި މަސައްކަތް ކުރީ ޖަމާއަތެއްގެ ގޮތުގައި. އެކަމަކު ވާގޮތަކީ ޖަމާއަތްތަކުގެ ވެއިޓް ދަށްވަނީ ސިޔާސީ ޕާޓީއަކަށްވުރެ. އެހެންވެ، ބޭރުގެ މާހިރުންގެ ލަފަޔާއެއްކު ލޭބަ ޕާޓީ އުފެއްދީ. އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް ކޮމިއުނިޓީގެ ލަފާ ވެސް ލިބޭ. ހާއްސަކޮށް ސޮލިޑަރިޓީ އިންޓަނޭޝަނަލް އާއި ޔޫކޭގެ ލޭބަ ޕާޓީ ފަދަ ގިނަ ޖަމާއަތް ތަކުން،" ލޭބަ ޕާޓީ އުފެއްދި ސަބަބު ވިދާޅުވެ ދެއްވި އެވެ.
ޝިހާމް ލޭބަ ޕާޓީއާއެކު ފެށި ދަތުރުގައި އަމާޒު އޮތީ ތަފާތު މަސައްކަތްތަކަށެވެ. މިގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑަސްޓްރިއަލް އެކްޓެއް ހަދަން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އޭނާގެ މަގުސަދަކީ ލޭބަ ޕާޓީގެ ތަފާތު ދެއްކުމެވެ.
"ދުނިޔޭގެ ގައުމުތަކުގައި ވެސް ލޭބަ ޕާޓީތަކަކީ އާއްމު ސިޔާސީ ޕާޓީތަކާ ތަފާތުކޮށް މަސައްކަތް ކުރާ ޕާޓީއެއް. އެގޮތަށް އަޅުގަނޑުމެން ވެސް މި މަސައްކަތް ކުރަނީ. މިއީ ސެންޓަ ލެފްޓް ސޯޝަލިސްޓް ޕާޓީއެއް. ލޭބަ ޕާޓީ ހިންގަނީ މަސައްކަތްތެރިންގެ އެހީތެރިކަމާއެކު. އެހެން ޕާޓީތައް މި ހިންގަނީ ވިޔަފާރިވެރިންގެ އެހީގައި، މިއީ މައިގަނޑު ތަފާތެއް،"