ހަބަރު

ދެ މީހުންގެ މައްސަލާގައި އަމަލު ކުރީ ރަނގަޅަށް: ފުލުހުން

Jun 5, 2019
5

ތިން ކިލޯ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރި ދެ މީހުންގެ މައްސަލާގައި ފުލުހުން އަމަލު ކޮށްފައި ވާނީ މަސްތުވާތަކެތީގެ މައްސަލާގައި އަބަދުވެސް އަމަލު ކުރަމުން އަންނަ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް އެ މުއަައްސަސާއިން ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރު ކުރި 25 އަހަރުގެ ފިރިހެން މީހާ އާއި 52 އަހަރުގެ އަންހެން މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ނެރުނު ކޯޓު އަމުރުގައި ގާޒީގެ ނަން ނެތިގެން އެއީ އިޖުރާއީ މައްސަލައެއް ގޮތުގައި ބަލާ އެ ދެ މީހުން ވަނީ ދޫކޮށްލައިފަ އެވެ. އެހެންކަމުން އަލުން ކޯޓު އަމުރެއް ހޯދައި ރޭ ދަންވަރު އެ މީހުން ހައްޔަރުކޮށް ބަންދު ޖަހަން ގެންދިޔުމުން އަނެއްކާ ވެސް އިޖުރާއީ މައްސަލައެއް ހުރި ކަމަށް ބުނެ އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ ރޭ އެ މީހުން ހައްޔަރު ކުރުމަށް ފަހު އެ މީހުންގެ ހައްޔަރު ފޯމްތައް ފުރުމާއި ޑިޓެންޝަންސް ސެންޓަރަށް ވައްދަން ޖެހޭ އިދާރާ ކަންކަންކޮށްފައި ވަނީ ދަންވަރު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރު ކަމަށެވެ. އަދި އެ މައްސަލަ ހިފައިގެން މިއަދު ކޯޓަށް ގޮސްފައި ވަނީ ހެނދުނު ޑިއުޓީގެ އިންވެސްޓިގޭޓަރު ކަމަށާއި ދެ އޮފިސަރުންނަކީ ވެސް އެކަން ކުރުމުގެ ހުއްދަ ލިބިފައިވާ އޮފިސަރުން ކަމަށެވެ.

ނަމަވެސް ދެ މީހުން އަލުން ދޫކޮށްލާފައި ވަނީ ބަންދާ މެދު ގޮތެއް ނިންމަން އެ ދެ މީހުން ކޯޓަށް ގެނައި އިންވެސްޓިގޭޓިން އޮފިސާއެއް ނޫން ކަމަށް ބަލައި އެއީ އިޖުރާއީ މައްސަލައެއް ގޮތުގައި ބަލައިގެން ކަމަށް ފުލުހުން ބުންޏެވެ. އެއީ މަސްތުވާތަކެތީގެ މައްސަލާގައި އަމަލުކޮށްފައިވާ ގޮތް ކަމަށާއި ދުވަހަކު ވެސް އިޖުރާއީ މައްސަލައެއް ގޮތުގައި ފާހަގަވެފައިވާ ކަމެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.

"ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޯމްގައި ސޮއިކޮށްފައި ވަނީ ދަންވަރު ޑިއުޓީގައި ހުންނަ އިންވެސްޓިގޭޓަރު. ޑިއުޓީގައި ހުންނަ މީހާ އެ ވަގުތު އަންނަ ކޭސްތަކަށް އެޓެންޑުވީ ނަމަވެސް ކޭސް އިންވެސްޓިގޭޓާ އަކަށް އެސައިން ކުރެވޭނީ އާމުކޮށް ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ގެންދިޔުމަށް ފަހު. މިއަދު ކޯޓަށް ގެންގޮސްފައި ވަނީ ކޭސްގެ އެސައިން ކުރެވުނު އިންވެސްޓިގޭޓާ،" ފުލުހުން ބުންޏެވެ.

މި މައްސަލަައާ ގުޅިގެން ކްރިމިނަލް ކޯޓުން ވެސް ވަނީ ބަޔާނެއް ނެރެ، ފުލުހުން ދޮގު ހަބަރު ފަތުރަމުންދާ ކަމަށް ބުނެފަ އެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ނެރޭ އަމުރާމެދު ހިތްހަމަ ނުޖެހޭ ނަމަ އޮތީ މަތީ ކޯޓުގައި އިސްތިއުނާފު ކުރުން ކަމަށާއި ނަމަވެސް ފުލުހުން އިހްތިޔާރު ކުރީ އެ މަގު ނޫން ކަމަށް ބަޔާނުގައި ފާހަގަކުރި އެވެ. ކުރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ބަދަލުގައި އާ އަމުރެއް ހޯދައި އަލުން އެ މީހުން ހައްޔަރުކޮށް ބަންދު އިތުރު ކުރުމަށް ކުރިމިނަލް ކޯޓުގެ ބަދަލުގައި ހުޅުމާލެ ކޯޓަށް ގެންދިޔުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ކުރިމިނަލް ކޯޓުން ބުންޏެވެ. އެ ގޮތަކީ ޖިނާއީ އަދުލުގެ ނިޒާމްގެ ތަރުތީބު މުގުރިގެންދާ ކަމެއް ކަމަށް ވެސް ބުންޏެވެ.