ހަބަރު

ހުޅުމާލޭގައި ދެ ކުޑަކުއްޖަކާ ބެހުނު މީހާ ދޫކޮށްލައިފި

Jun 6, 2019
2

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި މީހާ ކުރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ހަ އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ، އެމައްސަލާގައި ހައްޔަރުކުރި މީހާ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ދޫކޮށްލި ސަބަބު ހާމަކޮށްފައެއްނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ފުލުހުން އިޖުރާތްތަކާއި ހިލާފަށް އޭނާ ހައްޔަރުކޮށްފައިވާތީ ކަމަށެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ރައްޔިތުން ނުކުމެ އޭނާ ގަން ހިންގުވަނިކޮށެވެ.

ބަދުއަހުލާގީ މައްސަލާގައި ހައްޔަރުކުރި މީހަކު ދޫކޮށްލާފައިވާއިރު، ހުޅުމާލޭގައި ތިން ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުން ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާކަމަށްބުނެ ކޯޓުން ވަނީ ދެފަހަރެއްގެ މަތިން އެދެމީހުން ދޫކޮށްލާފަ އެވެ. ނަމަވެސް މިއަދު ކޯޓުން ވަނީ ފިރިހެން މީހާގެ ބަންދު އިތުރުކޮށް އަންހެން މީހާ ދޫކޮށްލައިފި އެވެ. އެ ދެ މީހުންނަކީ މަންމައަކާއި ދަރިފުޅެވެ.