ވިޔަފާރި

ސާޓެކް ސްޓިއަރިން ކޮމިޓީގެ ބައްދަލުވުން ފަށައިފި

ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ކޮށްގެން އައިއެމްއެފުން ގާއިމުކޮށްފައިވާ، ސައުތު އޭޝިއަން ރީޖަނަލް ޓްރެއިނިން އެންޑް ޓެކްނިކަލް އެސިސްޓެންސް ސެންޓަ (ސާޓެކް) ގެ ތިންވަނަ ސްޓިއަރިން ކޮމިޓީގެ ބައްދަލުވުން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ފަށައިފި އެވެ.

މި ބައްދަލުވުން ފަށަން ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސާޓެކްގެ ސަބަބުން މުޅި ސައުތު އޭޝިއާ އަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށެވެ. އަދި ދެކުނު އޭޝިއާ އަށް ދިމާވާވެފައިވާ މާލީ ގޮންޖެހުންތައް ހައްލުކުރުން އަވަސް ކުރުމަށް އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި ސާޓެކުން މުހިއްމު ދައުރެއް އަދާކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް އިގްތިސާދީ އަދި މާލީ ދާއިރާއިން އެކި އެކި ޓްރެއިނިން ތަކުގެ ފުރުސަތު ރާއްޖެ އަށް ލިބެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ސާޓެކްގެ ފަރާތުން ފާއިތުވި ދެ އަހަރު ތެރޭ އެމްއެމްއޭ އަށް ޓްރެއިނިންގް ފުރުސަތުތަކާއި ފަންނީ އެހީތެރިކަން ލިބިފައިވާކަމަށެވެ. އަދި އެމްއެމްއޭގެ ސްޓްރެޓްޖިކް ޕްލޭން އެކުލަވާލުމާއި ތަންފީޒުކުރުމުގައި ފަންނީ އެހީތެރިކަން ލިބިފައިވާކަން ގަވަރުނަރު ފާހަގަކުރެއްވި އެވެ.

އެމްއެމްއޭގެ އިތުރުން އެހެން އިދާރާ ތަކަށް ވެސް ސާޓެކްގެ ފަރާތުން ޓްރެއިނިންތައް ލިބިފައިވާ ކަމަށާއި މުސްތަގުބަލުގައި ޓްރެއިނިން ފުރުސަތުތައް އިތުރުކުރުމަށާއި އެކި ދާއިރާތަކަށް ބޭނުންވާ ޓްރެއިނިންތައް ވިލަރެސްކުރުމުގައި އެމްއެމްއޭ އިން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. ރާއްޖޭގައި މި ބާއްވާ ބައްދަލުވުމުގެ ސަބަބުން ސާޓެކްގެ ހިންގުން މިހާރަށްވުރެ އުފެންދުންތެރި އަދި ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.