ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކަރެކްޝަނަލް ސާވިސްއިން ދީފި އެވެ.
ކެރެކްޝަނަލް ސާވިސްއިން މިއަދު ބުނީ އަދީބަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ ދީފައިވަނީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް މެޑިކަލް ބޯޑުން ލަފާދީފައިވާތީ ކަމަށެވެ.
އަދީބަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ ދީފައިވާއިރު، އެކަމަށް އޭނާ އެދެމުން އަންނަތާ ވަނީ އެތައް ދުވަހެއް ވެފަ އެވެ. ކިޑްނީ އަދި ލޮލުގެ ބަލިތަކަށް އަދީބު މީގެކުރިން ރާއްޖެއިން ވެސް ވަނީ ފަރުވާ ހޯދާފަ އެވެ. ނަމަވެސް އެކަށީގެންވާ ފަރުވާ ނުލިބޭ ކަމަށް އޭނާ ކޯޓަށް މައްސަލަ ވެސް ހުށަހެޅި އެވެ.
އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން ވެސް ވަނީ ޖަލުގައި ނުބަހައްޓައި އަދީބު ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
އަދީބު މިހާރު ތަންފީޒު ކުރަމުން ދަނީ ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމްގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަ ވާނެ އެވެ.
އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި އޮތް 33 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލްކޮށްފަ އެވެ. ފިސްތޯލަ ގެންގުޅު ކަމަށް ބުނާ މައްސަލާގައި އިއްވި 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު ފިނިފެންމާ ލޯންޗުކޮޅު މައްސަލަ އާއި މާބިންހުރާ ހިޔާނާތުގެ މައްސަލާގެ ހުކުމް ހައިކޯޓުން ބާތިލްކޮށް އެ މައްސަލާގެ ޝަރީއަތް އަލުން ހިންގަން ކުރިމިނަލް ކޯޓަށް ވަނީ އަންގާފަ އެވެ.
ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ އެ ދެ މައްސަލަ ހިމެނޭ ގޮތަށް އަދީބުގެ 15 މައްސަލައެއް އެ ކޯޓުން ނުބަލަން ނިންމައި ބޭރުކޮށްލާފަ އެވެ. އެހެންކަމުން އަދީބުގެ އެއްވެސް މައްސަލައެއް މިވަގުތަކު އެއްވެސް ކޯޓަކު ނެތެވެ.