ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލުގެ ފެނުން އެއްކޮށް ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށާއި ހުރިހާ ޑޮކްޓަރުން ވެސް ވަނީ ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް ލޮލަށް ފަރުވާ ހޯދުމަށް ލަފާ ދެއްވާފަ ކަމަށް އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.
އަދީބުގެ ލޮލަށް ސީރިއަސް ސިއްހީ މައްސަލައެއް ކަމަށްވާ ގްލައުކޯމާ ޖެހިފައިވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. އެ ބައްޔަށް ފަރުވާ ހޯދުމަށް ބޭރަށް ދިޔުމަށް މިދިޔަ އަހަރުގެ ފެބުރުއަރީ މަހު އައިކެއާ ޑޮކްޓަރަކު ލަފާ ދެއްވި އެވެ. ނަމަވެސް އަދީބު ބޭރަށް ފޮނުވުމަށް އޭރުގެ ސަރުކާރުން ދެކޮޅު ހެދި އެވެ.
އޭގެފަހުން އަދީބުގެ ލޮލުގެ ހާލަތު އިތުރަށް ދަށްވެފައިވާ ކަމަށް އާއިލާއިން ހާމަކޮށްފައިވާ ލިޔުންތަކުން ހާމަވެ އެވެ. މި ސަރުކާރު އައި ފަހުން އަދީބުގެ ލޮލުގެ މައްސަލަ ފުރަތަމަ ފަހަރަށް ވަނީ މެޑިކަލް ބޯޑަށް ހުށަހަޅާފަ އެވެ. މީގެކުރިން އަދީބު އެދުމުން ވެސް އެކަން ނުކޮށްދެ އެވެ. އެ މައްސަލަ އޭނާ ކޯޓަށް ވެސް ހުށަހެޅި އެވެ.
އަދީބުގެ އަނބިކަނބަލުން މިއަދު ވިދާޅުވީ މި ސަރުކާރުން ވެސް އެންމެ ފުރަތަމަ އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި އައިޖީއެމްއެޗްއަށް ގްލައުކޯމާގެ ހާއްސަ ޑޮކްޓަރެއް ގެނައި ކަމަށެވެ. އެ ޑޮކްޓަރަށް އަދީބު ދެއްކުމުން އޭނާ ވެސް ލަފާ ދެއްވީ ބޭރަށް ދިޔުމަށް ކަމަށެވެ. ސަރުކާރުން އަދީބުގެ މައްސަލަ މެޑިކަލް ބޯޑަށް ހުށަހެޅީ އެހެންވެ ކަމަށް ނަޝްވާ ވިދާޅުވި އެވެ.
މެޑިކަލް ބޯޑުން އަދީބު ބޭރަށް ފޮނުވުމަށް ލަފާ ދިނުމާއެކު ސަރުކާރުން ވަނީ އެ ހުއްދަ ދީފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. އަދީބު ބޭރަށް ފޮނުވުމަކީ ނުރައްކާ ކަމެއް ކަމަށް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
ނަޝްވާ ވިދާޅުވީ ސިއްހީ ފަރުވާ ހޯދުމަކީ އަދީބުގެ ވެސް އިންސާނީ ހައްގެއް ކަމަށާއި އެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ މުއައްސަސާތަކަށް އޭނާ ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ނަޝްވާ ވިދާޅުވީ ބޭސް ފަރުވާއަށް ކުރާ ދަތުރުގައި ލޮލަށް ފަރުވާ ހޯދުމުގެ އިތުރުން ކެންސަރަށް ވެސް ސްކްރީން ކުރައްވާނެ ކަމަށެވެ. އަދީބުގެ ކިޑްނީގައި ވެސް ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އައިޖީއެމްއެޗްއިން ހިލަ ވެސް ގޮއްވާފައިވެ އެވެ. ކެންސަރަށް ސްކްރީން ކުރުމަށް މީގެ އެތައް ދުވަހެއް ކުރިން ޑޮކްޓަރުން ވަނީ ލަފާ ދެއްވާފަ އެވެ.
އަދީބު ބޭސް ފަރުވާއަށް ފުރާއިރު އޭނާއާއެކު، ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ދާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.
އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން ވެސް ވަނީ ޖަލުގައި ނުބަހައްޓައި އަދީބު ގޭގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
އަދީބު މިހާރު ތަންފީޒު ކުރަމުން ދަނީ ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމްގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަ ވާނެ އެވެ.
އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި އޮތް 33 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލްކޮށްފަ އެވެ. ފިސްތޯލަ ގެންގުޅު ކަމަށް ބުނާ މައްސަލާގައި އިއްވި 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު ފިނިފެންމާ ލޯންޗުކޮޅު މައްސަލަ އާއި މާބިންހުރާ ހިޔާނާތުގެ މައްސަލާގެ ހުކުމް ހައިކޯޓުން ބާތިލްކޮށް އެ މައްސަލާގެ ޝަރީއަތް އަލުން ހިންގަން ކުރިމިނަލް ކޯޓަށް ވަނީ އަންގާފަ އެވެ.
ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ އެ ދެ މައްސަލަ ހިމެނޭ ގޮތަށް އަދީބުގެ 15 މައްސަލައެއް އެ ކޯޓުން ނުބަލަން ނިންމައި ބޭރުކޮށްލާފަ އެވެ. އެހެންކަމުން އަދީބުގެ އެއްވެސް މައްސަލައެއް މިވަގުތަކު އެއްވެސް ކޯޓަކު ނެތެވެ.