ހަބަރު

ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދަނީ

ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމަށް ޖުޑީޝަލް ކައުންސިލުން ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ މިދިޔަ މަހު 21 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ކައުންސިލް ބައްދަލުވުމުގައި "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމިއްޔާ" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަން ނިންމާފައިވާ ކަމަށެވެ. އަދި ޖަމިއްޔާ އުފެއްދުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ޔޫތު މިނިސްޓްރީއަށް ހުށަޅާފައިވާ ކަމަށް ބުންޏެވެ.

ޑީޖޭއޭއިން ބުނި ގޮތުގައި ފަނޑިޔާރުންގެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަން ކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ އިތުރުން އެ މީހުންގެ އިމްތިޔާޒުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމުގެ ހައްގު ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުން ފަނޑިޔާރުން ލިބިދީފައިވާ ކަމަށް ޑީޖޭއޭއިިން ބުންޏެވެ.