ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ. އޭނާ ސަސްޕެންޑް ކުރަން ނިންމީ ސުލޫކީ މައްސަލައެއް ބަލަމުންދާތީ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީއިން ނުބުނެ އެވެ.
އެގޮތަށް ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ. ހަސަން ސައީދު ސަސްޕެންޑް ކުރަން ނިންމީ ޖޭއެސްސީގެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެންނެވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޝަންގައި ތިއްބަވަނީ 10 މެންބަރުންނެވެ.
އޭނާ މީގެކުރިން ވެސް ވަނީ ޖޭއެސްސީއިން އޭނާ ސަސްޕެންޑް ވެސް ކޮށްފަ އެވެ. އެއީ ހައި ކޯޓަށް އައްޔަން ކުރި ދެ ފަނޑިިޔާރަކީ ކޮރަޕްޓް ބައެއް ކަމަށް އޭނާ ވިދާޅުވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި އޭނާ ޖޭއެސްސީ ގޮވައިގެން ސިވިލް ކޯޓަށް ވެސް ވަޑައިގަތެވެ. ނަމަވެސް ފަހުން ވަނީ ދައުވާ އަނބުރާ ގެންދަވާފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް އާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް މެންބަރުންގެ ފަރާތުން ޖޭއެސްސީއަށް އައްޔަން ކުރެއްވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ވެސް ނިންމި އެވެ. އެއީ އޭނާއާ ދެކޮޅަށް ފުލުހުން ތަހުގީގު ކުރަމުންދާ ރިޝްވަތުގެ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައިވަނީ ރައީސް ނަޝީދެވެ.
މީގެއިތުރުން ޖޭއެސްސީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފަނޑިޔާރަކު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް ވަނީ ނިންމާފަ އެވެ. ގާނޫނުގައިވާ ގޮތުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު އެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ފެންނަ ކަމަށް ޖޭއެސްސީގެ މެންބަރުންނަށް ފެންނަ ހާލަތްތަކުގައި ހުށަހަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ. ފަނޑިޔާރަކު ވަކި ކުރެވޭނީ ހަމައެކަނި މަޖިލީހުގައި ނަގާ ވޯޓަކުންނެވެ.
ޖޭއެސްސީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅެށުމަށެވެ.