ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގެ ނަމުގައި ފެށި ކެންޕެއިންގެ ބައިވެރިންގެ ފަރާތުން "ސޭވް ދަ ބީޗް" އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
"ސޭވް ދަ ބީޗް" މި ޖަމިއްޔާ އަކީ ތިމާވެށި ރައްކާތެރިކޮށް ރާއްޖޭގެ ގޮނޑުދޮށްތައް ސާފުކޮށް ބެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.
މިއަދު ހަވީރު ވިލިމާލޭގައި ބޭއްވި ކުޑަ ހަފްލާއެއްގައި ޓްރޭޝްޓެގް ޗެލެންޖްގައި ބައިވެރިވި ބީއެމްއެލް މުވައްޒަފުންގެ ނަމުގައި ސޭވް ދަ ބީޗް އަށް ވަނީ 30،000 ރުފިޔާހަވާލުކޮށްފަ އެވެ.
"ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ މި ޗެލެންޖަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު. ސާފުކުރުމުގެ ކުރިން އަދި ސާފުކުރުމުގެ ފަހުން ނަގާފައިވާ ފޮޓޯތައް ރާއްޖޭގެ އެކި ކަންކޮޅު ތަކުން ސޯޝަލް މީޑިއާގައި ޝެއާކުރެވުން މަންޒަރު ފެނުނު. މިއަދު އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓަށް ފައިދާކުރުވަނިވި ހަރަކާތްތަކެއް ހިންގުމަށް ދެވޭ އެހީތެރިކަމެއް. ޒުވާނުން އިސް ނަގައިގެން މިފަދަ މުހިންމު މަސައްކަތެއް ކުރާ ޖަމިއްޔާއަކަށް ބީއެމްއެލްގެ ނަމުގައި އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ބީއެމްއެލްގެ ޕީއާރް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންނާއި، މިދިޔަ އީދު ބަންދަށް އަތޮޅު ތެރެއަށް ދަތުރު ކުރި މުވައްޒަފުން އިސްނަގައިގެން ފެށި ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގައި ވަނީ އެކި ރަށްރަށުގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި އެ ސަރަހައްދުތަކަށް ރީތިކަން ގެނެސްދީފަ އެވެ.