ހަބަރު

ދީދީ މައްސަލާގެ ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ޖޭއެސްސީ ނިންމައިފި

Jun 13, 2019
17

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވާ ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރު ކުރި ކުރުން ގަބޫލު ނުކުރަން ޖޭއެސްސީއިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިިރޭ ނެރުނު ބަޔާނުގައި ވަނީ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ނިންމި ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށެވެ. އެކަން ފާސްކޮށްފައިވަނީ މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

ޖޭއެސްސީއިން އިއްޔެ ބޭއްވި ބައްދަލުވުމުގައި އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމީ އޭނާއަށް ޖިނާއީ ތުހުމަތެއް ކުރެވި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އެވެ. އެ މައްސަަލައަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރާ މައްސަލަ އެވެ. މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައިވަނީ ރައީސް ނަޝީދެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ވަގުތީ އަމުރުގައި ބުނެފައިވަނީ ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓަށް ގޮތެއް ކަނޑައެޅެންދެން ފަނޑިޔާރު ދީދީ މަސްއޫލިއްޔަތު އެކަހެރިކުރުމަށް ނިންމާފައިވާ ނިންމުމަށް އަމަލު ކުރުން ފަސްކުރަން އަމުރުކުރާ ކަމަށެވެ. އަދި ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިތުރަށް އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިޔުމަށާއި ފަނޑިޔާރު ދީދީގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖޭއެސްސީއަށާއި ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ވަގުތީ އަމުރުގައި ވަނީ އަމުރުކޮށްފަ އެވެ.

ޖޭއެސްސީއިން އެގޮތަށް ނިންމާފައިވާއިރު، ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ފަށައިގެން ކުރިއަށް އެބަދެ އެވެ. އެ ބައްދަލުވުމަކީ ގާނޫނު އަސާސީއާ ގާނޫނުން ޖޭއެސްސީއަށް ލިބިދީފައިވާ އިހްތިސާސްގެ ބޭރުން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އިހުތިސާސްއަށް ހުރަސްއެޅުމުން އެ ކޮމިޝަނުން ކުރައްވަމުން ގެންދަވާ އަމަލުތަކާ ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.